Advertisement

ނޫނޭޒް ލިވަޕޫލަށް ވިއްކާލުމަށް ބެންފީކާ އިން އެއްބަސްވެއްޖެ

13 ޖޫން 2022 - 12:05 0


ނޫނޭޒް ލިވަޕޫލަށް ވިއްކާލުމަށް ބެންފީކާ އިން އެއްބަސްވެއްޖެ

13 ޖޫން 2022 - 12:05 0

ލިސްބަން (13 ޖޫން) - ބެންފީކާ އަށް ކުޅެމުންދިޔަ އުުރުގުއޭގެ ފޯވަޑް ޑާވިން ނޫނޭޒް ލިވަޕޫލަށް ވިއްކާލުމަށް ބެންފީކާ އިން އެއްބަސްވެއްޖެ އެވެ.

ބެންފީކާ އިން ބުނީ ނޫނޭޒް ،22، ލިވަޕޫލަށް ބަދަލުވާނީ 75 މިލިއަން ޔޫރޯ (78 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ. އަދި ޓްރާންސްފާ އެއްބަސްވުމުގައި ހިމަނާފައިވާ "އެޑް އޮންސް"އާ އެކު، ޓްރާންސްފާ ފީ 100 މިލިއަން ޔޫރޯ (105 މިލިއަން ޑޮލަރު)އާ ގާތްކޮށްފާނެ ކަމަށެވެ.

މިދިޔަ ސީޒަންގައި ބެންފީކާ އަށް ކުޅުނު 41 މެޗުގައި ނޫނޭޒް ވަނީ 34 ލަނޑު ޖަހައިފަ އެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގައި ނޫނޭޒް ވަނީ 10 މެޗުން ހަ ލަނޑު ޖަހައިފަ އެވެ. މީގެ ތެރޭގައި ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑު ވެސް ހިމެނެ އެވެ.

ސްޕެއިންގެ އަލްމޭރިއާ އިން 2020 ވަނަ އަހަރު ނޫނޭޒް ބެންފީކާ އަށް ބަދަލުވީ 24 މިލިއަން ޔޫރޯ (25 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގަ އެވެ.

ލިވަޕޫލާ ވާދަވެރި މެންޗެސްޓާ ޔުނައިޓެޑުން ވެސް ނޫނޭޒަށް ޝައުގުވެރިވި ކަމަށް ރިޕޯޓްތަކުން ބުނެ އެވެ. އެކަމަކު، ނޫނޭޒް ވެސް ބޭނުންވީ ލިވަޕޫލަށް ބަދަލުވާން ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ލިވަޕޫލަށް ކުޅެމުންދާ ސެނެގާލްގެ ފޯވަޑް ސަދިއޯ މާނޭ އެ ކްލަބު ދޫކޮށްލާނެ ކަމަށް ބެލެވެ އެވެ. މާނޭ އަށް ޖަރުމަންގެ ބަޔާން މިއުނިކް އިން އެންމެ ފުރަތަމަ ހުށަހެޅި ޓްރާންސްފާ ފީ، ލިވަޕޫލުން ގަބޫލެއް ނުކުރި އެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ބަޔާން އިން ހުށަހެޅުން ރަނގަޅުކުރާނެ ކަމަށް ބެލެވެ އެވެ.

މިސްރުގެ ފޯވަޑް މުހައްމަދު ސަލާހް ލިވަޕޫލާއެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ އޮތް އެއް އަހަރެވެ. ސަލާހްގެ ކޮންޓުރެކްޓް އާކުރުމަށް ލިވަޕޫލުން ކުރަމުންދާ މަސައްކަތް ކާމިޔާބުނުވެއްޖެ ނަމަ، އަންނަ އަހަރު އޭނާ އަށް ހިލޭ ޓްރާންސްފާއެއްގައި އެހެން ކްލަބަކަށް ބަދަލުވެވޭނެ އެވެ. -- އޭއެފްޕީ