Advertisement

ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ޝަކީލް އާއި ހިސާން ބައްދަލުކުރެއްވި ވާހަކަ ދޮގުކޮށްފި

11 ޖޫން 2022 - 22:37 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އަހްމަދު ޝަކީލްއާއި ޖޭއެސްސީގެ ރައީސް ހިސާން ހުސައިން - ފޮޓޯ: ޖޭއެސްސީ


ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ ޝަކީލް އާއި ހިސާން ބައްދަލުކުރެއްވި ވާހަކަ ދޮގުކޮށްފި

11 ޖޫން 2022 - 22:37 0

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ޝަރީއަތާ ހަވާލުވެ ހުންނެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ޝަކީލްއާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ހިސާން ހުސައިން ބައްދަލުކުރި ކަމަށް ބުނެ ދެކެވެމުންދާ ވާހަކަތައް އެ ކޮމިޝަނުން މިރޭ ދޮގުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި, ދަންވަރު ވަގުތެއްގައި ގާޒީ ޝަކީލް ޖޭއެސްސީއަށް ގެންގޮސް، ޖޭއެސްސީގެ ރައީސް ކަމުގައި ހުންނެވި މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާންގެ އިތުރުން ބަންޑާރަ ނައިބު އިބްރާހީމް ރިފްއަތު ވެސް އޭނާއާ ބައްދަލު ކުރެއްވި އެވެ.

މިކަން ދޮގުކޮށް ޖޭއެސްސީން ކުރި ޓްވީޓެއްގައި ބުނީ ކްރިމިނަލް ކޯޓުގައި މިހާރު ކުރިއަށްދާ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީ އާއި ހިސާންއާއި ރިފްއަތު ބައްދަލު ކުރި ކަމަށް ބުނެ ޓްވީޓް ކުރި މީޑިއާގެ މައްސަލަ ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެ ކަމަށެވެ.

"މި ކޮމިޝަނުގެ އަގު ވައްޓާލުމަށް އިތުބާރު ނުހިފޭ ދޮގު ހަބަރު ފަތުރާތީ މިކަން ކުށްވެރިކޮށް، މިކަން ކަމާބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމުގައި ވެސް ދަންނަވަން،" ޖޭއެސްސީގެ ޓްވީޓުގައި ބުނެފައިވެ އެވެ.

މި ވަގުތު ކްރިމިނަލް ކޯޓުގައި ދެ މައްސަލައެއްގައި ޔާމީންގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއެއްގެ ޝަރީއަތް ކުރިއަށް އެބަދެ އެވެ. އެއީ އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ދެ ރަށެއްގެ މުއާމަލާތަކާ ގުޅިގެން އުފުލާފައިވާ ރިޝްވަތުގެ ދައުވާތަކަކާއި މަނީ ލޯންޑަރިންގެ ދައުވާތަކެކެވެ.

މީގެ ކުރިން ވެސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާއެއް އުފުލައި ފަސް އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވި އެވެ. އެކަމަކު ހައި ކޯޓުން ވެސް ތާއީދުކޮށްފައިވާ އެ ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރި އެވެ.

ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ދައުވާތަކެއްގެ ގޮތުގައި އެމަނިކުފާނު ލީޑްކުރާ ޕީޕީއެމް ޕީއެންސީގެ ސަޕޯޓަރުން ދެކެ އެވެ. އޭގެ ސަބަބެއްގެ ގޮތުގައި އެމަނިކުފާނުގެ ވަކީލުން ވެސް ދައްކަވަނީ ޖޭއެސްސީގައި ތިއްބެވި އެމަނިކުފާނުގެ ސިޔާސީ ވާދަވެރިންނެވެ.

އެ ގޮތަށް އެހެން ފާހަގަ ކުރަނީ އެންމެ ފުރަތަމަ މައްސަލަ ދަށު ކޯޓުގައި ހިނގައިދިޔަ ގޮތުންނެވެ. އެ މައްސަލަ އޭރު ބައްލަވާ ގާޒީ އަހްމަދު ހައިލަމް މައްސަލައެއްގައި ސަސްޕެންޑް ކުރުމުންނެވެ. އެއީ ވެސް މައްސަލައިގެ ހުކުމާ ހަމައަށް ވާސިލް ވެފައި ވަނިކޮށެވެ.

ހައިލަމް ސަސްޕެންޑް ކުރީ ފަނޑިޔާރުން ތިއްބަވާ ގްރޫޕަކަށް ހައިލަމް ފޮނުވި ފޮޓޯއަކާ ގުޅިގެނެވެ. އެ ފޮޓޯއަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކަރުގައި ޗޭން އައްސައިގެން ހުންނަ މަންޒަރު ކުރަހައި ނަސްރު ދުވަހުގެ ތަހުނިޔާ ލިޔެފައިވާ ފޮޓޯއެކެވެ.