8 ޖޫން 2022 - 21:58 0
އަމަން ހަލީމް
މާލޭގައި ހުރި އިމާރާތެއްގައި ސޭފްޓީ ނެތި މީހަކު މަސައްކަތްކުރަނީ: އެކަށީގެންވާ ގާނޫނީ އޮނިގަނޑެއް ނެތުމަކީ މިފަދަ މައްސަލަތަކުގައި ވިޔަފާރިތައް ޒިންމާދާރު ނުކުރެވޭ އެއް ސަބަބު. -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދުު
8 ޖޫން 2022 - 21:58 0
ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަކާ ގުޅޭ "އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" އާއި "އިންޑަސްޓްރިއަލް ރިލޭޝަންސް ބިލް" އަށް އާންމުންގެ ހިޔާލު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.
މި ދެ ބިލަކީ ވެސް ވަޒީފާ އަދާކުރާ މީހުންގެ ހައްގުތަށް ކަށަވަރުކުރުމަށްޓަކައި ސަރުކާރުގެ ސްޓްރެޓިކް އެކްޝަން ޕްލޭނުގައި ހިމަނާފައިވާ އަދި މި ސަރުކާރުން ވައުދުވެފައިވާ ސިޔާސަތުތަކާ ގުޅޭ ބިލެެވެ. މި ދެ ބިލުގެ މަސައްކަތް ނިމި ގާނޫނަކަށް ބަދަލުވުމުން ތަރައްގީވެފައިވާ ގައުމުތަކުން ވަޒީފާ އަދާކުރާ މީހުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަން ލިބޭނެ މަގުފަހި ވެގެން ދާނެ އެވެެ.
އިންޑަސްޓްރިއަލް ރިލޭޝަންސް ބިލަކީ ވަޒީފާ އަދާކުރާ މީހުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ މުހިންމު ހައްގުތައް ކަށަވަރުކޮށްދޭނެ ގާނޫނީ އޮނިގަނޑު އެކުލަވާލަން ފަހިކޮށްދޭ ބިލެކެވެ. ސަރުކާރުން މި ބިލު ހުށަހެޅުމުގެ މަގުސަދަކީ
އިކޮނޮމިކް މިނިސްޓްރީން ބުނި ގޮތުގައި މި ބިލަކީ ވަޒިފާގެ މާހައުލަށް އިންގިލާބީ ބަދަލެއް ގެނެސް މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމަށް އެޅޭ އެންމެ މުހިންމު ބިންގަލެވެ.
"އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތު ބިލް" ނުވަތަ "މަސައްކަތުގެ މާހައުލުގެ ސަލާމަތާއި ސިއްހީ ރައްކާތެރިކަމާ ބެހޭ" ބިލަކީ މަސައްކަތުގެ މާހައުލުގައި ދިމާވެދާނެ ނުރައްކާތާކައި ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދޭން ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމާ ގުޅޭ ބިލެކެވެ. މި ބިލު ހުށަހެޅުމުގެ މަގުސަދަކީ:
މިނިސްޓްރީން ބުނި ގޮތުގައި، މި ބިލަކީ މަސައްކަތުގެ މާހައުލުގައި މަސައްކަތްތެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާ ގުޅޭ ގޮތުން އެޅޭ މުހިންމު ބިންގަލެވެ.
އިކޮނޮމިކް މިނިސްޓްރީން ވަންނީ މި މަހުގެ 19 ވަނަ ދުވަހާ ހަމައަށް އާންމުންނަށް ހިޔާލު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފަ އެވެ.
މި ދެ ބިލު އެކުލަވާލުމުގެ މައިގަނޑު މަސައްކަތް ނިމި، އާންމުންގެ ހިޔާލަށް ހުޅުވާލުން ވެގެން ދާނީ މިހާރު ވެސް މިކަމަށް ވަކާލާތުކުރަމުންދާ ޓޫރިޒަމް މަސައްކަތްތެރިންގެ ޖަމިއްޔާތަކަށާއި މަސައްކަތްތެރިންގެ ހައްގުގައި އަޑުއުފުލާ މީހުންނަށް އުފާވެެރި ހަބަރަކަށެވެ.
ސަރުކާރުގެ ވައުދާ އެއްގޮތަށް މި ގާނޫނުތަކަށް އަމަލުކުރަން ނުފެށި ލަސްވުމާ ގުޅިގެން މީގެ ކުރިން އެތައް ފަހަރަކު މި ޖަމިއްޔާތަކުން ކަންބޮޑުވުން އުފުލާފައިވެ އެވެ. އެންމެ ފަހުން ޓްރޭޑް ޔޫނިއަން ކޮންގްރެސް އިން ރައީސްއާ ބައްދަލުކުރެއްވީ ދުވަހު ވެސް މި ބިލުގެ މަސައްކަތް އަވަސްކޮށްދޭން އެދިފައިވެ އެވެ.
Comment