Advertisement

ޝައިހާގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ހޯދަން

8 ޖޫން 2022 - 20:16 0

އާމިނަތު އިބްރާހިމް

އާމިނަތު އިބްރާހިމް


ޝައިހާގެ ވާރިސުން ބޭނުންވަނީ މަރުގެ ދިޔަ ހޯދަން

8 ޖޫން 2022 - 20:16 0

ށ. އަތޮޅު ނޫމަރާގައި ސީރިއަސް ޒަހަމްތަކަކާއެކު މަރާލާފައި އޮއްވާ ފެނުނު ހަތަރު އަހަރުގެ ފާތިމަތު ޝައިހާ ފަޔާޒުގެ މަރުގެ ދިޔަ ހޯދަން ބޭނުންވާކަމަށް އެކުއްޖާގެ ވާރިސުން މިއަދު ބުނެފި އެވެ.

ވާރިސުންގެ ބަސް ހޯދުމަށް ކްރިމިނަލް ކޯޓުގައި މިއަދުގެ ކުރިން ބޭއްވި އަޑުއެހުމުގައި ދިޔަ އަތުލަން ބޭނުން ނުވާ ކަމަށް ބުނެފައިވީ ނަމަވެސް، މިއަދުގެ އަޑުއެހުމުގައި އެ ނިންމުން ބަދަލުކޮށް، ދިޔަ އަތުލަން ބޭނުންވާ ކަމަށް ވާރިސުން ބުނެފައިވާ ކަމަށް ކްރިމިނަލް ކޯޓުން ބުންޏެވެ.

އަޑުއެހުން ކުރިއަށް ދާތާ ހަ އަހަރު ފަހުން، ޝައިހާ މަރާލި އޭނާގެ މަންމަ، ށ. ފުނަދޫ، ދިނަށަ އާމިނަތު ޝާހިދާގެ މައްޗަށް،ހެއްކާއި ގަރީނާތަކުގެ މައްޗަށް ބެލުމަށްފަހު, ކުށް ސާބިތުވާ ކަމަށް ކަނޑައަޅާފައިވަނީ މި އަހަރުގެ މޭ މަހުގެ 22 ވަނަ ދުވަހު އެވެ.

"ކްރިމިނަލް ކޯޓަށް ލިބުނު ސިޓީއަކާ ގުޅިގެން މިއަދު ބޭއްވި އަޑުއެހުމުގައި ވާރިސުން ބުނެފައިވަނީ މަރުގެ ދިޔަ ބޭނުންވާ ކަމަށް." ކޯޓުން ބުންޏެވެ.

ޝާހިދާ މަރާލާފައިވަނީ އޭނާގެ ދަރިފުޅުކަމުން, މިއީ މަރަށް މަރު ހިފޭނެ މައްސަލައެއް ނޫނެވެ.

އެ މައްސަލައިގެ ދެން އޮންނާނީ އަދަބު ކަނޑައެޅުމެވެ. ލަސްނުކޮށް އެ އަޑުއެހުން ބާއްވާނެ ކަމަށް ވެސް އެ ކޯޓުން ވަނީ ބުނެފަ އެވެ.

މީގެ ހަ އަހަރު ކުރިން ޝައިހާ މަރާލާފައިވަނީ ކަރުގެ ތިން ތަނަކަށާއި ކޮނޑުހުޅާ ދިމާލުން ހަތަރު ތަނަކަށް އަދި ކަނާތުގެ ދެ ތަނަކަށާއި ދަތްދޮޅިއަށް ހަމަލާދީގެން ކަމަށް އޭރު ފުލުހުން ބުނެފައިވެ އެވެ.