Advertisement

ރަށު ނޯޓު: މަސައްކަތްތެރި، މަސްވެރި މާކުރަތު

4 ޖޫން 2022 - 20:01 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާކުރަތުގެ މަތިން ނަގާފައިވާ ފޮޓޯއެއް. މި ރަށް އުފެދިފައިވަނީ ރަށުގެ ތިން ބިތް ވެސް އެއް ވަރަކަށް. -- ފޮޓޯ: މާކުރަތުނިއުސް


ރަށު ނޯޓު: މަސައްކަތްތެރި، މަސްވެރި މާކުރަތު

4 ޖޫން 2022 - 20:01 0

މާކުރަތޭ ބުނުމުން އެއީ ކޮން ރަށެއްހޭ، ކޮން އަތޮޅެއްގެ ރަށެއްހޭ މީހުން ސުވާލުކުރެ އެވެ. ރަށުގެ ވާހަކަ ފަށަންވީ، މާކުރަތު ފަޤީހު މުހައްމަދު ރަސްގެފާނާ ހަމައިންނެވެ. މާކުރަތަށް ނިސްބަތްވާ ކަމަށް ބުނާ ފަޤީހު މުހައްމަދު ރަސްކަން ހޯއްދެވީ އާދަޔާ ހިލާފު ގޮތަކަށެވެ. އެ ރަސްކަލުން ކައިވެނި ބައްލަވައިގެން އުޅުއްވީ ރެހެންދި ހަދީޖާގެ ކޮއްކޯފުޅު އައްސުލްޠާނާ (ފާތިމަތު) ރާދަފަތި ކަނބައިދިކިލެގެ ސިރީ ސޯމަ އަބާރަނަ ރެހެންދި އާ އެވެ. ރެހެންދި ހަދީޖާ އަވަހާރަވުން މީލާދީން 1359 ގައި ރާދަފަތި ކަނބައިދިކިލެގެ ރަނި ކަމަށް ވަޑައިގަތެވެ. ނަމަވެސް ދެ މަސްވީތަނާ އެ ކަމަނާގެ ފިރިކަލުން، މާކުރަތު ފަޤީހު މުހައްމަދު، ރަސްކަން އަތުލެއްވި ކަމަށް ތާރީހީ ލިޔުންތަކުގައި ބުނެފައިވެ އެވެ. ފަޤީހު މުހައްމަދު ގާތްގަނޑަކަށް ދެ އަހަރު ރަސްކަން ކުރެއްވި އެވެ.

މާޅޮސްމަޑުލު އުތުރުބުރި ނުވަތަ ރ އަތޮޅު މާކުރަތަކީ އުފެދުމުގައި ވެސް ތަފާތު، ޒަމާންވީ ސަގާފަތެއް އޮތް ރަށެކެވެ. ނަދުރު ބުނުމަށް ހާއްސަ ރުކެއް ރަށުގެ އިރުމަތީ ފަރާތުގައި ހުއްޓެވެ. ދާދި ފަހަކާ ޖެހެންދެން ރަށު މީހުން މި ރުކަށް ނަދުރު ބުނެ، ރުކުގެ ބުޑަށް ދޮންވެލި ލައި އުޅުނު ކަމަށް ބުނެ އެވެ. ރަށުގެ ކުރީގެ ހުކުރު މިސްކިތާއި ވަގުތު ގަލަކީ ވެސް ރަށުގައި ދިގު ތާރީހެއް އޮތް ކަމުގެ ދަލީލެކެވެ.

ރާއްޖޭގެ ގިނަ ރަށްތައް އުފެދިފައިވާ ބައްޓަމާ ހިލާފަށް ތިން ބިތަށް، ތިން ބިތް ވެސް އެއްވަރަށް އުފެދިފައިވާ، 48 ހެކްޓަރުގެ މި ރަށަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އީ-9 އެވެ. ރަށުގެ ޖުމުލަ އާބާދީ 1372 އަށް އަރާފައިވާއިރު، ރަށުގައި ދިރިއުޅެނީ 800 މީހުންނެވެ.

ޒަމާނުއްސުރެ ވެސް މަސައްކަތްތެރި އަދި މަސްވެރި މާކުރަތުގެ އިގުތިސޯދުގެ މައިގަނޑު ހަރަކާތަކީ މިހާރު ވެސް މަސްވެރިކަމާއި ހުއިފިލަނޑާ ނެގުމާއި އިހި ނެގުމެވެ. މި މަސައްކަތަށް ދޭ ސަމާލުކަން އުޅަނދު ފަހަރުގެ އަދަދުން އެކަނި ވެސް އެނގެ އެވެ. މާކުރަތު ކައުންސިލުން ބުނާ ގޮތުގައި އެ ރަށުގައި 47 މަސްދޯނި އޮތްއިރު، ކުދި ދޯނީގެ އަދަދަކީ ހަތެކެވެ. ބައްތިރީސް ޑިންގީ އާއި ތިން ލޯންޗު އޮވެ އެވެ.

ރެއާއި ދުވާލު ކަނޑާއި ފަޅު ފީނުމުގައި އުޅޭއިރު ޒުވާނުންނަށް ނުރައްކާތެރި ހާދިސާތައް ވެސް ކުރިމަތިވެފައިވެ އެވެ. ވަޑާމުގެ މަސައްކަތްކުރުމުގައި ވެސް މި ރަށުގައި ޒުވާން ޖީލުގެ ބައިވެރިވަމުން ބޮޑުވެ.

މާކުރަތު ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ. -- ފޮޓޯ: މާކުރަތުނިއުސް


ވޭތުވެދިޔަ ދުވަސްތަކުގައި މާކުރަތަކީ ބާކީ ކޮށްލާފައި އޮތް ރަށެކެވެ. ރަށުގައި ކަރަންޓްގެ މައްސަލަ ބޮޑުވެ، ރައްޔިތުން 2018 ގައި މަގުމަތީގަ އާއި ޖޯލިފަތިތަކުގައި ނިދަން ޖެހުނެވެ. ނަމަވެސް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގަތުމަށް ފަހު އެންމެ ފުރަތަމަ އިސްކަން ދެއްވި ލިސްޓުގައި މާކުރަތުގެ ކަރަންޓްގެ މައްސަލަ ހައްލުކުރުން ހިމެނުއްވި އެވެ. މަސްވެރި މި ރަށަށް ދިމާވެފައިވާ އެހެން މައްސަލަތައް ވެސް ދަނީ ހައްލު ކުރަމުންނެވެ. ރަށުގައި ގިނަ އަދަދެއްގެ ދޯނިފަހަރު ގެންގުޅޭއިރު ބަނދަރެއް އޮތަސް ބަނދަރު އޮތީ ކުޑަވެފަ އެވެ. އެހެންވެ، ބަނދަރު ބޮޑުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށައިފަ އެވެ. ރަށުގެ ނަރުދަމާ ގާއިމުކޮށް ނިންމާފައިވާއިރު، ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.

މި ރަށަކީ ތިޔާގި ރަށެކެވެ. ރަށުގައި 14 ފިހާރަ ހުރިއިރު، ތިން ކެފޭ، ތެޔޮ ވިއްކާ ތިން ތަން، ގޭސް ވިއްކާ ދެ ފިހާރަ އަދި ފާމަސީއެއް އެބަ ހުއްޓެވެ. ހަތަރު ވަޑާންގެ އެބަ ހުއްޓެވެ. ރ. އަތޮޅުގައި އަގު ބޮޑެތި ރިސޯޓްތައް ތަރައްގީވަމުން އަންނައިރު، އެ އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް ލޯކަލް ޓޫރިޒަމް ވަނީ ތައާރަފުކޮށްފަ އެވެ. މިވަގުތު މާކުރަތުގައި ހުރީ އެންމެ ގެސްޓް ހައުސްއެކެވެ.

ރަށަށް މިހާރު ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލައަކީ ހުޅަނގު ފަރާތް ގިރުމުގެ މައްސަލަ އެވެ. މި މައްސަލަ ވެސް ހައްލުކުރުމަށް ވަނީ ބަޖެޓްކޮށްފަ އެވެ. ރަށުގެ ރީތިކަމާއި ޓޫރިޒަމް ތަރައްގީވަމުން ދިއުމާއެކު މިހާރަށް ވުރެ ބޮޑަށް މާކުރަތު އެނގިގެންދާނެ އެވެ. ކުރިއަށް އޮތީ ބޮޑު އީދެވެ. މާކުރަތަށް ޒިޔާރަތްކޮށްލަން ރަނގަޅު ފުރުސަތެކެވެ.

މުހިންމު މައުލޫމާތު


ރަށުގެ ނަން: މާކުރަތު އަތޮޅު: މާޅޮސްމަޑުލު އުތުރުބުރި (ރ އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އީ-9 އާބާދީ: 1372، ފިރިހެނުން: ، އަންހެނުން: 675 ފިހާރަ: 14 ކެފޭ، ރެސްޓޯރެންޓް: 3 ގެސްޓް ހައުސް: 1 ވަޑާންގެ: 4 ތައުލީމު ދޭ ފެންވަރު: ގްރޭޑް 10 އަށް ކުރިއަށްދާ މަޝްރޫއުތައް: 1. ފެނުގެ ނިޒާމު ގާއިމްކުރުން 2. ބަނދަރު ބޮޑުކުރުން 3. ޓާފް އަޅައިގެން ފުޓްބޯޅަ ދަނޑު ތަރައްގީކުރުން