Advertisement

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ޓީސީ އަށް ބޮޑު މޮޅެއް، ޔޫވީ އާއި ސަސް އެއްވަރު

3 ޖޫން 2022 - 03:17 0

ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިން ނަތީޖާ ހަމަހަމަކުރުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕް: ޓީސީ އަށް ބޮޑު މޮޅެއް، ޔޫވީ އާއި ސަސް އެއްވަރު

3 ޖޫން 2022 - 03:17 0

އެފްއޭއެމުން އިއްޔެ ފެށި 16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން 5-2 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވިއިރު، އަނެއް މެޗުން ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) 1-1 އިން އެއްވަރުވެއްޖެ އެވެ.

އަށް ޓީމާ އެކު މުބާރާތް ފެށި ނަމަވެސް އެފްއޭއެމުން އިއްޔެ ރިވައިސް ކުރި ޝެޑިއުލްގައިވާ ގޮތުން ކްލަބް ގްރީން ސްްޓްރީޓްސް ޓީމު މި މުބާރާތުން ނުފެންނާނެ އެވެ. އެހެން ކަމުން ގްރޫޕް ބީގައި ހިމެނެނީ، ކްލަބް ވެލެންސިއާ، ކްލަބް އީގަލްސް އަދި ދަ ގްރާންޑޭ ސްޕޯޓްސް ކްލަބް އެވެ. އަދި ގްރޫޕް އޭގައި އޮތީ މާޒިޔާ، ޓީސީ، ސަސް އަދި ޔުނައިޓެޑް ވިކްޓަރީ އެވެ.

ގަލޮޅު ދަނޑުގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ޓީސީގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ޖުލާން ޝަފީއު ދެ ގޯލާއި މުހައްމަދު އައިލަމް އަބްދުﷲ، ޔޫސުފް އާއިޝް މުހައްމަދު އަދި މުހައްމަދު މާކިން އިބްރާހިމް އެވެ. މާޒިޔާގެ ގޯލުތައް ޖެހީ، އަބްދުﷲ ރިޒާން މުހައްމަދާއި އަލީ އުމްރާން އުމަރު އެވެ.

16 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު މާޒިޔާ އާއި ޓީސީ ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


މުބާރާތުގައި ރޭ ކުޅުނު މެޗުގައި ސަސްގެ އަބްދުލް މާނިއު ނާސިރު މެޗުގެ 20 ވަނަ މިނިޓްގައި އެ ޓީމަށް ލީޑުނަގައިދީފައިވަނިކޮށް މެޗުގެ 83 ވަނަ މިނިޓްގައި ޔުނައިޓެޑް ވިކްޓަރީ އަށް ނަތީޖާ ހަމަހަމަކޮށްދިނީ މުހައްމަދު އަރުޝަދު ސަލީމް އެވެ.

މިއަދު ހަވީރު ޔޫތު ޗެމްޕިއަންޝިޕްގައި ކުޅޭ މެޗުގައި ކްލަބް ވެލެންސިއާ ކުޅޭނީ ދަ ގްރާންޑޭއާ އެވެ.

ސޯޅަ އަހަރުން ދަށަށް ހާއްސަކޮށް އެފްއޭއެމުން ޔޫތު މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ މި އަހަރު އޮކްޓޫބަރު މަހު އޮތް 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން އަށް ސްކޮޑެއް އެކުލަވާލުމެވެ. އެ ގޮތުން 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ސައުދީ އަރަބިއްޔާގައި ކުރިއަށްދާއިރު، އެ ޓީމާއި ރާއްޖޭގެ އިތުރުން ދެން އެ ގްރޫޕްގައި އޮތީ އިންޑިއާ، މިޔަންމާ އަދި ކުވޭތެވެ.

މި އަހަރުގެ ކުރީކޮޅުގައި އެފްއޭއެމުން ވަނީ 19 އަހަރުން ދަށަށް ހާއްސަކޮށް ޔޫތު މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތް ކާމިޔާބުކުރީ އީގަލްސް އިންނެވެ. ކޯޗު، އަހުމަދު ޝާކިރު (ޝާކިއްޓޭ)ގެ އިރުޝާދުގެ ދަށުން 19 އަހަރުން ދަށުގެ ޓީމު އަންނަނީ އޭއެފްސީ 20 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް ތައްޔާރުވަމުންނެވެ. ސެޕްޓެމްބަރު މަހު، 20 އަހަރުން ދަށުގެ ކޮލިފައިން އޮތީ ސައުދީ އަރަބިއްޔާގަ އެވެ. އެ ގްރޫޕްގައި ސައުދީ އަރަބިއްޔާ އާއި ރާއްޖޭގެ އިތުރުން ދެން އޮތީ، ޗައިނާ، މިޔަންމާ އަދި އުޒްބެކިސްތާން އެވެ.