Advertisement

ބޭލްގެ ހުވަފެންތައް ހަގީގަތަކަށްވީ ރެއާލާ ގުޅުނު ފަހުން

2 ޖޫން 2022 - 16:35 0


ބޭލްގެ ހުވަފެންތައް ހަގީގަތަކަށްވީ ރެއާލާ ގުޅުނު ފަހުން

2 ޖޫން 2022 - 16:35 0

މެޑްރިޑް (ޖޫން 2) - ކެރިއަރުގައި ދެކެމުން އައި ހުވަފެންތައް، ހާސިލްވީ ރެއާލް މެޑްރިޑްގައި ކަމުގައި ބުނެ، ގަރެތު ބޭލް އެ ކްލަބަށް އަލްވަދާއު ކިޔައިފި އެވެ.

ރެއާލްގައި ނުވަ އަހަރު ހޭދަކޮށްފައިވާ ބޭލް، 32، އެ ކްލަބާ އެކު ހަދާފައިވާ ކޮންޓުރެކްޓް މި މަހުގެ ނިޔަލަށް ހަމަވާނެ އެވެ. ރެއާލް އިން އޭނާގެ ކޮންޓުރެކްޓް އާނުކުރާނެކަން ވަނީ ކަށަވަރުވެފަ އެވެ.

ބޭލް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، ރެއާލްގައި ހޭދަކުރި އަހަރުތަކުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

"ރެއާލްގައި އަހަންނާ އެކު ކުޅުނު ކުޅުންތެރިންނާއި ކުރިން ތިބި ކުޅުންތެރިންނާއި ކޯޗުން، ސްޓާފުން އަދި ސަޕޯޓަރުންނަށް ޝުކުރު އަދާކުރަން،" ބޭލް ބުންޏެވެ.

"އަހަރެން މި ކްލަބާ ގުޅުނީ ރެއާލް މެޑްރިޑަށް ކުޅުމުގެ ހުވަފެން ދެކެމުންއައި ޒުވާނެއްގެ ގޮތުގައި. އެ ކްލަބާ އެކު ގިނަ ކާމިޔާބީތަކެއް ހޯދުން އަހަރެންގެ ހުވަފެނަކަށްވީ. މިހާރު އަހަންނަށް ބުނެވޭނެ، އަހަރެން ދެކެމުންއައި ހުވަފެންތައް ހަގީތަކަށްވެއްޖެޔޭ،"

ކިއޭވްގައި 2018 ވަނަ އަހަރު ކުޅުނު ޗެމްޕިއަންސް ލީގު ފައިނަލަށް ފަހު ބޭލް މުބާރާތުގެ ޓްރޮފީ އަށް ބޮސްދެނީ.


ޓޮޓެންހަމް ހޮޓްސްޕާސް އިން 2013 ވަނަ އަހަރު 100 މިލިއަން ޔޫރޯ (106 މިލިއަން ޑޮލަރު)ގެ ޓްރާންސްފާ ފީއެއްގައި ރެއާލާ ގުޅުނު ބޭލް ވަނީ އެ ކްލަބާ އެކު ޖުމްލަ 19 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ފަސް ފަހަރު އަދި ސްޕެނިޝް ލީގު (ލަލީގާ) ތިން ފަހަރު ހިމެނެ އެވެ.

ރެއާލްގައި ހޭދަކުރި ނުވަ އަހަރުގެ ތެރޭގައި، ބޭލް ވަނީ ތާރީހީ ލަނޑުތަކެއް ވެސް ޖަހައިފަ އެވެ. އޭގެ ތެރޭގައި، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑު ހިމެނެ އެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އިތުރު ވަގުތުގައި ބޭލް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެ އެވެ.

އެކަމަކު، ފަހަކަށް އައިސް، ރެއާލްގެ ސަޕޯޓަރުންގެ މެދުގައި ބޭލްގެ މަގުބޫލުކަން ވަނީ ކުޑަވެފަ އެވެ. އިންޖަރީގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުމާއި، ބޭލްގެ "ކޮމިޓްމަންޓް"އާ މެދު ސުވާލު އުފެދުމާ އެކު، ސަޕޯޓަރުންގެ ނަފްރަތު ބޭލް އަށް އަމާޒުވި އެވެ.

ލޯން އެއްބަސްވުމެއްގެ ދަށުން މިދިޔަ ސީޒަނުގައި ޓޮޓެންހަމަށް ކުޅުމަށް ފަހު މި ސީޒަނުގައި އަލުން ރެއާލްގައި މަޑުކުރަން ނިންމި ނަމަވެސް ބޭލް އަށް އެކަށީގެންވާ ވަރަށް މެޗުތަކުން ފުރުސަތު ނުލިބި އިންނަން ޖެހުނީ ބެންޗުގަ އެވެ.

ބޭލް ދެން ފެންނާނެ ކްލަބެއް އަދި ނޭނގެ އެވެ. ކުޅުން ހުއްޓާލުމުގެ ވިސްނުމެއް ވެސް އޭނާ ގެންގުޅޭ ކަމަށްވެ އެވެ. އެކަމަކު، އެކަމާ ގުޅޭގޮތުން އޭނާ ވަކި ގޮތެއް ނިންމާނީ ވޯލްޑް ކަޕް ކޮލިފައިންނަށް ފަހު ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

ވޭލްސްގެ ވޯލްޑް ކަޕަށް ކޮލިފައިނުވެއްޖެ ނަމަ، އޭނާ ކުޅުން ހުއްޓާލުމަކީ އެކަށީގެންވާ ކަމެކެވެ. ވޯލްޑް ކަޕްގެ ޖާގައަކަށް އަންނަ އާދިއްތަ ދުވަހު ވޭލްސް އަމިއްލަ ދަނޑުގައި ކުޅޭނީ ޔޫކްރެއިނާ ދެކޮޅަށެވެ.