Advertisement

ރިހި މެޑަލަކުން ފަރުނުޖެއްސޭނެ، އަމާޒަކީ ރަން މެޑަލް: ރަނޭޝް

2 ޖޫން 2022 - 09:13 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ވީއޭއެމްގެ ރައީސް ރަނޭޝް ރޭގެ އިވެންޓްގެ ތެރެއިން ވާހަކަ ދައްކަވަނީ.


ރިހި މެޑަލަކުން ފަރުނުޖެއްސޭނެ، އަމާޒަކީ ރަން މެޑަލް: ރަނޭޝް

2 ޖޫން 2022 - 09:13 1

މަތީ ފެންވަރުގެ ބިދޭސީ ކުޅުންތެރިން ގެނެސް، ވޮލީބޯޅަ ބޮޑު ބަދަލަކާ ދިމާލަށް ގެންދިއުމުގެ އެންމެ ބޮޑު މަގުސަދަކީ ރާއްޖޭގެ ގައުމީ ވޮލީބޯޅަ ޓީމު ރިހި މެޑަލަކުން ފަރުޖައްސާލަމުން އައި ވިސްނުން ހުއްޓާލައި، ރަން މެޑަލަކަށް އަމާޒުހިފުމަށް ކަމަށް ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ ވަރުގަދަ ޕްރައިމް ވޮލީބޯޅަ ލީގުގައި ކުޅޭ މޮޅު ތަރިންގެ ތެރެއިން 18 ކުޅުންތެރިން ވަނީ ފުރަތަަމަ ޑިވިޝަނުގެ ހަ ކްލަބަށް ރޭ ޑްރާފްޓްކޮށްފަ އެވެ. ވޮލީބޯލް އެސޯސިއޭޝަންގެ ހަރަދުގައި ބިދޭސީ ކުޅުންތެރިން ޓީމުތަކަށް ހަމަޖައްސައިދޭން ނިންމީ ރާއްޖޭގެ ލޯކަލް ވޮލީ ވަރުގަދަ ކުރުމުގެ ބޭނުމުގަ އެެވެ.

ރޭ ބޭއްވި ވީއޭއެމް ސީޒަން ޑްރާފްޓް ނައިޓްގައި ވާހަކަ ދައްކަވަމުން، ރަނޭޝް ވިދާޅުވީ އުންމީދަކާ އެކު މަސައްކަތްކުރާއިރު، ބަދަލުތައް ގެނެސްގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ. އެ ގޮތުން ރާއްޖޭގެ ވިސްނުމަކީ މިހާރު ރިހި މެޑަލަކުން ފުއްދާލުމުގެ ބަދަލުގައި ރަން މެޑަލް ހޯދުމަށް ކަަމަށް ރަނޭޝް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ކުޅިވަރަށް ލޯބިކުރާ މީހުންނަކީ ހަގީގަތުގައި ވެސް ގޯލްޑަކަށް ނޫނިއްޔާ ފިކުރުކުރާ ބައެއް ނޫން،" ރަނޭޝް ވިދާޅުވި އެވެ. "ދުނިޔޭގެ ހުރިހާ ހިސާބެކޭ އެއްގޮތަށް އަޅުގަނޑުމެންނަށް ވެސް ދެން ރަން މެޑަލަކާ ހަމައަށް ދެވޭނީ ލޯކަލް ވަރުގަދަ މުބާރާތްތަކެއް ބާއްވައިގެން،"

ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިން ގެނައުމުގެ ފައިދާ ބޮޑުވާނެ ކަމަށް އިޝާރާތްކޮށް، ކުރިން ގައުމީ ޓީމަށް ކުޅުއްވި ރަނޭޝް ވިދާޅުވީ މި ފަހަރުގެ ވޮލީބޯޅަ ސީޒަނުގައި ކުޅޭ 32 މެޗުގައި ގައުމީ ޓީމުގެ 24 ކުޅުންތެރިންނަށް ލިބޭނީ ބޭނުންހިފޭނެ މުހިންމު ތަޖުރިބާތަކެއް ކަމަށެވެ.

"އެ ކުޅުންތެރިންނަށް ސްޕީޑު ބޯޅަތައް އެބަ ލިބޭ. އެ ކުޅުންތެރިންނަށް އުސް ބްލޮކްތައް އެބަ ލިބޭ. އެ ކުޅުންތެރިންނަށް ބޮޑެތި ބްލޮކްތަކާ އެކު ޝޮޓް ޖަހަން އެބަލިބޭ. މި އަށް ވުރެ އުފާވެރިކަމެއް ކޮބައިތޯ އަޅުގަނޑުމެންނަށް. އަޅުގަނޑުމެންގެ ކުޅުންތެރިން ކޭމްޕަކަށް ދިޔައީމަ އެ ލިބޭ މަދު މެޗުތަކެކޭ އެއްވަރަށް މެޗު އެބަލިބޭ (ލޯކަލް ސީޒަނުގައި)، ޕްރެޝާއާ އެއްކޮށް، ގޯލެއް އިނދެ، ޗެމްޕިއަންކަން ހޯދަން އެ އިންނަ ޕްރެޝަރު އެއީ ފިލުވާލަން ބޭނުންވާ ކަމަކީ،" ރަނޭޝް ވިދާޅުވި އެވެ.

ވީއޭއެމްގެ ރައީސަކަށް މުހައްމަދު ރިޔާޒް ހުންނެވިއިރު، ގައުމީ ފިރިހެން ޓީމުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ވީއޭއެމްގެ ރައީސަކަށް މުހައްމަދު ލަތީފް ހުންނެވިއިރު، ފިރިހެން ޓީމުން ލޯ މެޑަލް ހޯދި އެވެ. ރަނޭޝް ވިދާޅުވީ މި ފަހަރު ތަފާތަކާ އެކީ ނުކުންނަން އޭނާ ބޭނުންވީ އެއް ހަރުފަތް މައްޗަށް ދިއުމަށް ކަމަށެވެ.

"އަޅުގަނޑު މެން މި ނުކުތީ ކުރާކަމެއް އެއްގޮތަކަށް ކޮށްގެން ނަތީޖާއެއް ނުނިކުންނާނެ ކަމަށް ބަލާފައި. އަޅުގަނޑުގެ އަމާޒު ހިފާފައި މި ހުރީ ހަނދަށް، އަޅުގަނޑު ހަދަން ބަޑިޖެހީމަ އަޅުގަނޑު މި ބަލަނީ ތަރިއެއް އަތުވާނެ ކަމަށް،" ރަނޭ ވިދާޅުވި އެވެ.

ހަމައެކަނި މުބާރާތަކާ ދިމާކޮށް ކޭމްޕަކުން ލިބޭ ވަރުގަދަ މެޗުތަކަކުން ގައުމީ ޓީމެއް ކުރިއަށް ނުގެންދެވޭނެކަމަށް މީގެ ކުރިން ގައުމީ ޓީމަށް އިރުޝާދުދިން ހުރިހާ ކޯޗުން ކަހަލަ ގޮތަކަށް ވަނީ ބުނެފަ އެވެ. މިއީ ޒަމާނުއްސުރެ އެކި ކޯޗުންގެ ދުލުން އެކި ގޮތަށް އިވެމުން އައި ވާހަކަ އެކެވެ. މި ކަމަށް އޮތް ހައްލަކީ ލޯކަލް ވޮލީ ވަރުގަދަ ކުރުމެވެ. ލޯކަލް ވޮލީ ވަރުގަދަ ކުރަން ވީއޭއެމްގެ މިހާރުގެ ލީޑަޝިޕުން ބެލީ ދުނިޔޭގެ އެކި ގައުމުތަކުގައި އެކަން ކުރާ ގޮތެވެ. ވިސްނުމަށް އައީ، އިންޓަނޭޝަނަލް ލެވަލްގެ ކުޅުންތެރިން ގެނެސްގެން، ލޯކަލް ވޮލީ ފޯރިގަދަ ކުރުމަށެެވެ. ޕްރެޝަރުގައި ކުޅެން ދިވެހި ކުޅުންތެރިން ހާނުވައިގެން ނޫން ގޮތެއްގައި، ބޭނުންވާ މިސްރާބަށް ދެން ދެވެން ނެތެވެ.

"ތެދެންމެ، އަޅުގަނޑުމެން. މި ފިކުރު ކުރާތާ ވަރަށް ދުވަސް ވެއްޖެ، އަޅުގަނޑުމެން ވެސް އަޅުގަނޑުމެންގެ ކުޅިވަރު އެހެން ހިސާބަކަށް ގެންދަން މަސައްކަތް ކުރާތާ އެތައް ދުވަހެއް ވެއްޖެ. އެ ގޮތުން އަޅުގަނޑުމެންގެ ލީޑަޝިޕް އެއްކޮށް މަސައްކަތް ކުރީ އަޅުގަނޑުމެން އާ ކަންތައްތައް ކޮށް ދުނިޔޭގައި މިކަން ކުރަމުންދާ ގޮތަށް ބަދަލުކޮށްގެން ނޫނިއްޔާ ރީޖަނަލީ ވެސް އަޅުގަނޑުމެންނަށް ދެން، މި ކުޅިވަރު އަތެއް ނުވާނެއޭ،" ރަނޭޝް ވިދާޅުވި އެވެ.

ވީއޭއެމްގެ ރައީސްގެ މަގާމުގައި އެއް އަހަރު ހޭދަކުރެއްވިއިރު، ރަނޭޝް ތަކުރާރުކޮށް ފާހަގަކުރެއްވި އެއް ކަމަކީ ކުޅިވަރު "ޕްރޮޑަކްޓަކަށް" ހެދުމުގެ ވިސްނުމެވެ. ކުޅިވަރު ތެރެއިން ވިޔަފާރިކޮށް ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އެއް ރޭހަށް ރާއްޖެ ވެސް ނުކުތުމުގެ ތަސައްވުރު ރަނޭޝް ސިކުނޑީގައި އޮތީ ކުރެހިފަ އެވެ. އެ ގޮތުން މި ފަހަރުގެ ވޮލީބޯޅަ ސީޒަނަށް ގެނެވޭ ބަދަލަކީ، އޭގެ ފެށުމެއްގެ ގޮތުގައި ރަނޭޝް ގަބޫލުކުރައްވަ އެވެ.

"މިހާރު އަޅުގަނޑު ގަބޫލުކުރަނީ އަޅުގަނޑުމެންގެ ކުޅިވަރުތަކަކީ ހަމައެކަނި ކުޅިވަރެއް ނޫނޭ. މިހާރު ވިޔަފާރި އަކަށް ކުޅިވަރު ބަދަލުކޮށް ރިޓާން އޮފް އިންވެސްޓްމަންޓް އަންނަން ޖެހޭ ކަމަށް. އެ ގޮތުން އެޅިގެންދާ ބޮޑު ފިޔަވަޅެއް ކަމަށް ގަބޫލުކުރަނީ،" ރަނޭޝް ވިދާޅުވި އެވެ.

ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޑްރާފްޓް އުސޫލުން ކުޅުންތެރިން ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރޭ ރާއްޖޭގެ ވޮލީބޯޅައިގެ ފިރިހެން ޑިވިޝަންގައި ވާދަކުރާ ހަ ކުލަބަށް ވަނީ ކުޅުންތެރިން ހަވާލުކޮށްފަ އެވެ. ޓީމުތަކަށް ބިދޭސީ ކުޅުންތެރިން ފޯރުކޮށްދިނީ ކްލަބްތަކުގެ މެދުގައި ގުރު ނަގައިގެން ތަރުތީބު ލައްވާލި ގޮތަށެވެ. ކޮންމެ ޓީމަކުން ބިދޭސީ ތިން ކުޅުންތެރިން ފެންނާނެ އެވެ.