1 ޖޫން 2022 - 11:42 0
1 ޖޫން 2022 - 11:42 0
ލަންޑަން (ޖޫން 1) - ރެފްރީ އަށް ފާޑުކީ މައްސަލައިގައި އެވަޓަންގެ ކޯޗު ފްރޭންކް ލަމްޕާޑް ޖޫރިމަނާ ކުރަން އިނގިރޭސި އެފްއޭ އިން ނިންމައިފި އެވެ.
މިދިޔަ އޭޕްރީލް މަހު ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި 2-0 އިން އެވަޓަން ބަލިވި މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ލަމްޕާޑް ވަނީ މެޗުގެ ރެފްރީ އެވަޓަން އަށް ޕެނަލްޓީ ނުދިން މައްސަލައިގައި ފާޑުކިޔައިފަ އެވެ.
މެޗު 0-0 އިން އެއްވަރުވެފައި އޮއްވައި، އެވަޓަންގެ އެންތަނީ ގޯޑަން އަށް ލިވަޕޫލްގެ އޭރިއާތެރެއިން އެ ޓީމުގެ ޑިފެންޑަރު ޖޮއެލް މަޓިޕް ކުރި ފައުލަށް މެޗުގެ ރެފްރީ ސްޓުއާޓް އަޓްވެލް ނިންމީ ޕެނަލްޓީ ނުދޭށެވެ. އަދި އެއީ ފައުލެއްތޯ ކަށަވަރުކުރަން ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ނުބަލަން އަޓްވެލް ނިންމުމުން، މެޗަށް ފަހު ލަމްޕާޑް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފަ އެވެ.
ލަމްޕާޑް ބުނީ ލިވަޕޫލްގެ ދަނޑު އެންފީލްޑްގައި އިދިކޮޅު ޓީމަށް އެ ފަދަ ފައުލެއް ނުލިބޭނެ ކަމަށާއި އެކަމަކު، އެ ފަދަ ފައުލެއް ލިވަޕޫލްގެ މުހައްމަދު ސަލާހަށް ކުރި ނަމަ އެއީ ޕެނަލްޓީއެއް ކަމަށެވެ.
ލަމްޕާޑް ދެއްކި މި ވާހަކަތަކުގެ މައްސަލަ އިނގިރޭސި އެފްއޭގެ ޑިސިޕްލިނަރީ ކޮމިޓީން ބެލުމަށް ފަހު ނިންމީ އޭނާ 38000 ޑޮލަރުން ޖޫރިމަނާ ކުރުމަށެވެ. އަދި އެ ފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ ދެން ދޭނީ އެ އަށް ވުރެ ބޮޑު އަދަބެއް ކަމަށް އިނގިރޭސި އެފްއޭ އިން ވަނީ އަންގައިފަ އެވެ.
އެވަޓަން އިން ވަނީ ލިވަޕޫލް މެޗުގައި ޕެނަލްޓީ ނުދިން މައްސަލަ ޕްރޮފެޝަނަލް ގޭމް މެޗު އޮފިޝަލް ލިމިޓެޑް (ޕީޖީއެމްއޯއެލް) އަށް ވެސް ހުށަހަޅައިފަ އެވެ. އެވަޓަން އިން ޕީޖީއެމްއޯއެލް އަށް ހުށަހެޅީ ގޯޑަން އަށް ކުރި ފައުލު ވީއޭއާރް އިން ނުބެލީ ކީއްވެތޯ އޮޅުންފިލުވުމަށެވެ. އެ މައްސަލަ ބެލެން ނެތް ކަމަށް ޕީޖީއެމްއޯއެލް އިން އެވަޓަން އަށް އެންގި އެވެ.
ލީގުގައި އެވަޓަން ދަނޑުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގެ ފަހު ވަގުތުގައި އެ ޓީމުގެ ރޮޑްރީ އަތުގައި އޭރިއާތެރެއިން ޖެހުނު ބޯޅަ އަށް ޕެނަލްޓީ ނުދިން މައްސަލަ ވެސް އެވަޓަން އިން ލީގުގެ ބޯޑަށް ހުށަހެޅި އެވެ. ސިޓީ 1-0 މޮޅުވި މި މެޗުގެ އެ މައްސަލަ ބެލުމަށް ފަހު ޕީޖީއެމްއޯއެލް އިން ވަނީ އެވަޓަން އަށް ޕެނަލްޓީ ނުދެވުނީތީ މައާފަށް އެދިފަ އެވެ.
Comment