Advertisement

ކުލި ނުދައްކާ ރިސޯޓުތަކުގެ ލައިސަންސް ބާތިލް ކުރުމުގެ ވިސްނުމެއް މިނިސްޓްރީގައި ނެތް

30 މޭ 2022 - 09:43 0

އައިޝަތު ނުޒުހާ

އައިޝަތު ނުޒުހާ

މިނިސްޓަރު އަބްދުﷲ މައުސޫމް--


ކުލި ނުދައްކާ ރިސޯޓުތަކުގެ ލައިސަންސް ބާތިލް ކުރުމުގެ ވިސްނުމެއް މިނިސްޓްރީގައި ނެތް

30 މޭ 2022 - 09:43 0

ޓޫރިޒަމްގެ ބޭނުންތަކަށް ދޫކޮށްފައިވާ ރަށްތަކުގެ ތެރެއިން ކުލި ނުދައްކާ ހިންގަމުން އަންނަ ރިސޯޓުތަކުގެ ލައިސަންސް ބާތިލްކޮށް، އެ ތަންތަން ބަންދު ކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޓޫރިޒަމް މިނިސްޓަރު އަބްދުﷲ މައުސޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ މަޝްރޫއަކާ ގުޅޭ ގޮތުން ސުވާލު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މިނިސްޓަރު މައުސޫމް ވަނީ ހާޒިރުކޮށްފަ އެވެ. މިނިސްޓަރާ އިތުރު ސުވާލު ކުރަން ލިބުނު ފުރުސަތުގައި ހުޅުދޫ ދާއިރާގެ މެންބަރު ޔޫނުސް އަލީ ވަނީ ދައުލަތަށް ބިމު ކުލި ނުދައްކާ ރިސޯޓުތަކާ މެދު އަމަލު ކުރަން މިނިސްޓްރީން ގެންގުޅޭ ވިސްނުމަކީ ކޮބައިތޯ ސުވާލުކުރައްވާފަ އެވެ.

"...ނޯޓިސް ދީފައި، މިނިސްޓްރީއަށް އެބަ އޮވޭ އިހުތިޔާރު އެ ތަނުގެ ލައިސަންސް ހިފެހެއްޓެމުގެ، އެ ތަން ބަންދު ކުރުމުގެ. އެކަމަކު އަޅުގަނޑުމެންނަށް ރާއްޖޭގެ މުޅި އިގްތިސޯދަށް ވިސްނާއިރު، އެއީ އެންމެ ރަނގަޅު ސޮލިއުޝަން ކަމަށް ނުފެންނާތީ އެ ތަންތަނާ މަޝްވަރާކޮށްގެން ފައިސާ ހޯދުމުގެ މަސައްކަތް އެބަ ކުރިއަށް ގެންދެވޭ، ފައިސާ ލިބެމުން ވެސް އެބަދޭ،" މައުސޫމް ވިދާޅުވި އެވެ.

"މިވަގުތު އަޅުގަނޑުމެން މަސައްކަތް ކުރަމުން ދަނީ ރިސޯޓު ބަންދު ނުކޮށް، އެ ތަނުގައި ތިބި މުވައްޒަފުންގެ ވަޒީފާ ނުގެއްލޭ ގޮތަށް، އެހެންނަމަވެސް ދައުލަތަށް ލިބެމުން އަންނަ ލާރި ލިބޭނެ ގޮތަކަށް މަސައްކަތް ކުރަން،"

މައުސޫމް ވިދާޅުވީ މިހާތަނަށް ކުލި ނުދައްކައިގެން 18 ރިސޯޓަކަށް ނޯޓިސް ދީފައިވާނެ ކަމަށެވެ. އަދި ތަފާތު އެކި ފަހަރު މަތީން މަޝްވަރާ ކޮށްގެން ލިބެން ޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަކުރެއްވި އެވެ.

އެހެންނަމަވެސް މިކަމަށް ވެސް ދާއިމީ ހައްލެއް ބޭނުންވާ ކަމަށާއި ފައިސާ ނުލިބި ދިގުލައި ކަަމަށްވާ ނަމަ "ރައްޔިތުންގެ ހައްގުގައި، ދައުލަތުގެ ހައްގުގައި" އަޅަން ޖެހޭ ފިޔަވަޅުތައް އަޅަން ފަސް ނުޖެހޭނެ ކަމަށް މައުސޫމް ވިދާޅުވި އެވެ.

"ނުލިބިވާ ފައިސާ ހޯދުމަށް އަޅުގަނޑުމެން މަސައްކަތް ކުރަމުން ގެންދާނަން، އަދި އެ ފައިސާ ނުލިބިއްޖެއްޔާ ފަހަރަކު އަޅަން ޖެހޭ ފިޔަވަޅެއް އަޅަމުން ގެންދާނަން، އަޅުގަނޑު ޔަގީންކަން އަރުވަން ބޭނުންވަނީ އަޅުގަނޑުމެން ޓޫރިޒަމް ބޭނުމެއް ނުކުރާނަމޭ ސިޔާސީ ހަތިޔާރެއްގެ ގޮތުގައި،" މައުސޫމް ވިދާޅުވި އެވެ.

މައުސޫމްގެ ޖަވާބާ ގުޅިގެން ރިޔާސަތުގައި އިންނެވި ރައީސް މުހައްމަދު ނަޝީދު ވަނީ އިވުނީ "ވަޒީރަކު ވިދާޅުވާނެ ބާވަތުގެ ވާހަކައެއް ނޫން" ކަމަށް ވިދާޅުވެފަ އެވެ.

މޯލްޑިވްސް އިންލަންޑް ރެވެނިޔު އޮތޯރިޓީ (މީރާ) އިން ވަނީ ރިސޯޓު ބިމު ކުލި ނުދައްކައިގެން 12 ރިސޯޓެއްގެ ނަން އާންމުކޮށްފަ އެވެ. މި ރިސޯޓުތަކުގެ ތެރޭގައި، ބިމު ކުލި ނުދައްކައިގެން 2011 ގައި އާންމުކުރި 10 ރިސޯޓުގެ ލިސްޓުގައި ހިމެނުނު ތިން ރަށެއްގެ ނަން ހިމެނޭކެން ފާހަގަކުރެވެ އެވެ. އެއީ ފ. ފިލިތެޔޮ އާއި މ. މެދުފުއްޓާއި ބ. ކިހާދުއްފަރެވެ.

އޭރު ވެސް މި ރަށްތަކުން ބިމު ކުލީގެ ގޮތުގައި މިލިއަނުން ނުދައްކާ ހުރި ކަމަށް ހަބަރުތަކުން ފެންނަން އެބަހުއްޓެވެ. އެފަހުން ރައީސް ޔާމީންގެ ސަރުކާރުގައި މި ތިން ރަށުން ދައްކަން ޖެހޭ ކުލި 10 އަހަރަށް ބަހާލައިގެން ދައްކަން ސަރުކާރާ އެކު އެއްބަސްވި އެވެ.

އެކަމަކު އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން މި ރިސޯޓުތަކާއި މިފަހަރުގެ ލިސްޓުގައި ހިމެނޭ ހޮނޑާފުއްޓާއި ތެލުވެލިގާގެ އޮޕަރޭޓިން ލައިސެންސްތައް އެ ސަރުކާރުން ހިފެހެއްޓި އެވެ. މި ފަސް ރަށާއި ކ. މަދިރިގުރައިދޫގައި ހިންގާ ޕާމް އައިލެންޑަށް އަލުން ހުއްދަ ދިނީ މި ސަރުކާރު ވެރިކަމަށް އައިސް، 2019 ގަ އެވެ.

މީރާއިން މީގެ ކުރިން އާންމުކޮށްފައިވާ އަދަދުތަކުން ދައްކާ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް، ރިސޯޓުތަކުން ނުލިބިވާ ކުއްޔާއި އޭގެ ސަބަބުން އަރާފައިވާ ޖޫރިމަނާގެ އަދަދު 17 ބިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން ކޮވިޑާ ގުޅިގެން ފަސްކޮށްދިން ކުލި އުނިކުރުމުން ވެސް މި އަދަދު 16 ބިލިއަން ރުފިޔާއަށް އަރަ އެވެ.