29 މޭ 2022 - 23:00 0
ލަނޑު ޖެހުމަށް ފަހު ނޮޓިންހަމް ކުޅުންތެރިން އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ
29 މޭ 2022 - 23:00 0
ލަންޑަން (މެއި 29) - އިނގިރޭސި ޕްރިމިއާ ލީގުގެ ޕްލޭއޮފް މެޗުން 1-0 އިން ހަޑްސްފީލްޑް ޓައުން ބަލިކޮށް 23 އަހަރަށް ފަހު ނޮޓިންހަމް ފޮރެސްޓް އިނގިރޭސި ޕްރިމިއާ ލީގުން ފުރުސަތު ހޯދައިފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވާން ކުޅޭ ޕްލޭއޮފް ފައިނަލަކީ ފުޓްބޯޅައިގެ އެއް މެޗަށް ބަލާނަމަ އެންމެ އަގުބޮޑު މެޗެެވެ. އެ ގޮތުން މި ފަހަރު މި މެޗުގެ އަގު އުޅެނީ 170 މިލިއަން ޕައުންޑް (215 މިލިއަން ޑޮލަރު)ގަ އެވެ. މި މެޗުގެ އަގު ބޮޑުވަނީ ތަފާތު ސަބަބުތަކާ ހެދި އެވެ.
އެ ގޮތުން ޓީވީ ރައިޓްސް، ފައިސާގެ އިނާމްގެ އިތުރުން ޕްރިމިއާ ލީގު ބޯނަސް، ކޮމާޝަލް ބޯނަސްގެ އިތުރުން ބެޓިން ފައިސާގެ ހިމަނައިގެން ބަލާނަމަ މި މެޗާ ގާތްކުރެވޭ ވަރުގެ އެހެން ފުޓްބޯޅަ މެޗެއް ނެތެވެ. ޗެމްޕިއަންސް ލީގު ޗެމްޕިއަންކަން ހޯދައިގެން ވެސް އެންމެ ގިނަވެގެން ހޯދެނީ 90 މިލިއަން ޑޮލަރެވެ. އަދި ފީފާ ވޯލްޑް ކަޕް ޗެމްޕިއަން ޓީމަށް ލިބެނީ 38 މިލިއަން ޑޮލަރެވެ.
ހަޑްސްފީލްޑް އަތުން ނޮޓިންހަމް މޮޅުވި ގޯލަކީ ފުރަތަމަ ހާފުގައި ހަޑްސްފީލްޑްގެ ލެވީ ކޯލްވިލް އަތުން ބައިކޮޅަށް ވަން ގޯލެކެވެ، މި ގޯލަކީ ނޮޓިންހަމްގެ ޖޭމްސް ގާނާގެ ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި 43 ވަނަ މިނިޓްގައި ކޯލްވިލް އަތުން ބައިކޮޅަށް ވަން ގޯލެެކެވެ. މި ގޯލަށް ފަހު ނޮޓިންހަމް އިން ރަނގަޅަށް ޑިފެންސްކޮށް މެޗުން މޮޅުވީ އެވެ.
ލަނޑު ޖެހުމަށް ފަހު ނޮޓިންހަމް ކުޅުންތެރިން އުފާފާޅުުކުރަނީ.--- ފޮޓޯ: އޭއެފްޕީ
އަންނަ ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވީ ނޮޓިންހަމްގެ އިތުރުން ފުލަމް އާއި ބޯންމައުތު އެވެ. ޕްރިމިއާ ލީގުން މި ފަހަރު ރެލިގޭޓްވީ، ނޮރިޗް ސިޓީ، ވަޓްފޯޑް އަދި ބާންލީ އެވެ.
މިއީ އިނގިރޭސި ފުޓްބޯޅައިގެ ގަދަ ބާރެއްގެ ގޮތުގައި ކުރިން އޮތް ނޮޓިންހަމް ފޮރެސްޓް 21 ވަނަ ގަރުނުގައި ޕްރިމިއާ ލީގުގައި ކުޅޭނެ ފުރަތަމަ ފަހަރެވެ.
އިންގްލެންޑްގެ ޗެމްޕިއަންކަން 1978 ވަނަ އަހަރު ހޯދި ނޮޓިންހަމް ފޮރެސްޓް އިން ވަނީ 1979 އާއި 1980 ވަނަ އަހަރު ޔޫރަޕިއަން ކަޕް (މިހާރުގެ ޗެމްޕިއަންސް ލީގު) ކާމިޔާބުކޮށްފަ އެވެ.
ޕްރިމިއާ ލީގުގެ ފުރަތަމަ ސީޒަނުގައި 1993 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓް ވަނީ ރެލިގޭޓްވެފަ އެވެ. އެކަމަކު، 1995 ވަނަ އަހަރު އަލުން އެނބުރި އަ އެވެ. އަލުން 1997 ވަނަ އަހަރު ނޮޓިންހަމް ފޮރެސްޓް ރެލިގޭޓްވިއިރު، ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިގެން އަލުން ޕްރޮމޯޓްވިއިރު، 1999 ވަނަ އަހަރު އަނެއްކާ ވެސް ރެލިގޭޓްވެ، އެ ހިސާބުން ކްލަބް ވަރަށް ބޮޑަށް އަޑިއަޅާލީ އެވެ.
ނޮޓިންހަމް ފޮރެސްޓް މި ފަހަރު އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ހަތަރު ވަނަ އަށް ދިޔައިރު، އެ ޓީމުގެ ފެންވަރު ރަނގަޅުކަން ވަޒަންކޮށްލެވުނީ އެފްއޭ ކަޕްގަ އެވެ. އެ ޓީމުން ވަނީ އެ މުބާރާތުގައި ލެސްޓާ ސިޓީ އާއި އާސެނަލް ކަޓުވާލައިފަ އެެވެ. އެފްއޭ ކަޕުން ނޮޓިންހަމް ފޮރެސްޓް ކެޓީ ޗެމްޕިއަންކަން ހޯދި ލިވަޕޫލް އަތުންނެވެ.
ނޮޓިންހަމްގެ ކޯޗު ކޫޕާ: އެ ޓީމު ޕްރޮމޯޓްވުމުގެ އެންމެ ބޮޑު ކްރެޑިޓެއް ހައްގުވަނީ ވޭލްސް އަށް އުފަން ކޫޕާ އަށް.-- ފޮޓޯ: އޭއެފްޕީ
މިއީ މިދިޔަ އަހަރު ނޮޓިންހަމްގެ ކޯޗަކަށް ގެނައި ސްޓީވް ކޫޕާ އެ ޓީމުގައި ކުރި ރަނގަޅު މަސައްކަތުގެ ނަތީޖާ އެވެ. ކޫޕާ، ނޮޓިންހަމް އާ ހަވާލުވިއިރު، އެ ޓީމު އޮތީ ދެ ވަނަ ޑިވިޝަނުގެ ރެލިގޭޝަން ޒޯނާ ގާތުގަ އެވެ. އެކަމަކު، ރަނގަޅު މަސައްކަތްތަކެއްކޮށް، އޭނާ މި ވަނީ ނޮޓިންހަމް ފޮރެސްޓްގެ މުޅި ހާލަތު ބަދަލުކޮށްލައިފަ އެވެ.
އިންގްލެންޑްގެ ޒުވާން ގައުމީ ޓީމުތަކަށް ކުރިން ކޯޗުކޮށްދިން ކޫޕާ އަށް ސްވަންސީ ސިޓީ ގޮވައިގެން މިދިޔަ ސީޒަނުގެ ޕްލޭއޮފް ފައިނަލުގައި މޮޅެއް ނުހޯދުނެވެ. ޕްލޭއޮފް ފައިނަލުގައި ބްރެންޓްފޯޑް އަތުން ބަލިވި ނަމަވެސް އެ ހިތްދަތިކަމުން އަރައިގަންނަން މިރޭ ނޮޓިންހަމް ފޮރެސްޓް ގޮވައިގެން ކޫޕާ މި ވަނީ ކެރިއަރުގައި ހާއްސަ ކަމެއް ހާސިލްކޮށްފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment