26 މޭ 2022 - 12:12 0
ސާއިފް ޝިޔާދު
އެމްއެސްއެސް އިން އަލަށް ގަންނަ ބަލްކް ކެރިއާ ބޯޓު. މިއީ ރާއްޖޭގެ ޝިޕިން ލައިނަކުން ގަތް އެންމެ ބޮޑު ބޯޓު. --- ފޮޓޯ: މޯލްޑިވްސް މެރިޓައިމް ޖާނަލް
26 މޭ 2022 - 12:12 0
ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) ގެ ދަށުން ހިންގާ ގައުމީ ޝިޕިން ލައިން، މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް) އިން ސިންގަޕޫރާއި މެލޭޝިއާއަށް ކާގޯ ދަތުރުތައް ފަށަން ތައްޔާރުވެއްޖެ އެވެ.
އަންނަ ޖުލައި މަހުގެ ތެރޭގައި މި ދަތުރުތައް ފަށަން އެ ކުންފުނިން ނިންމީ އަލަށް ގަތް ކޮންޓެއިނާ އުފުލާ "އެމްއެސްއެސް ގްރެފީން" ބޯޓާ އެކު އެވެ. އެމްއެސްއެސްއިން ބުނީ ދަތުރުތައް ކުރަން ނިންމާފައި ވަނީ ސިންގަޕޫރު ޕޯޓާއި މެލޭޝިއާގެ އެންމެ ބޮޑު ޕޯޓު ކަމަށްވާ ކްލާންގު ޕޯޓަށް ކަމަށެވެ.
މި ދަތުރުތަކާ އެކު ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކާއި ރާއްޖެ އާ ގައުމީ ޝިޕިން ލައިނުން ގުޅާލަދޭނެ އެވެ.
"އެމްއެސްއެސްގެ ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި ވެސް ފުޅާވެގެންދާނެ. ދެން އެންމެ އަވަހަށް ދަތުރުތައް ފަށަން ނިންމީ ސިންގަޕޫރާއި ކްލާންގު ޕޯޓާއި ރާއްޖެ އާ ދެމެދު ދަތުރުތައް ފަށަން،" އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން އަބްދުﷲ ސައީދު ވިދާޅުވި އެވެ.
މިވަގުތު އެމްއެސްއެސް އިން ދަނީ ސްރީ ލަންކާގެ ކޮލޮމްބޯ އާއި މާލެ އާ ދެމެދު ގަވާއިދުން ކާގޯ ދަތުރުތައް ބާއްވަމުންނެވެ.
"އަޅުގަނޑުމެންގެ ޕްލޭންތަކެއް އެބަ ހުރި ވަރަށް އަވަހަށް މެދުއިރުމަތީގެ ޕޯޓުތަކަށް ވެސް ސީދާ ކާގޯ ދަތުރުތައް ފެށުމަށް،" އެމްއެސްއެސްގެ ހިދުމަތްތައް ފުޅާކުރަން ކުރަމުންދާ މަސައްކަތްތަކާ ގުޅޭގޮތުން ސައީދު ވިދާޅުވި އެވެ.
އެހެން ނަމަވެސް، އެ ކުންފުނިން ވަނީ ދާދިފަހުން 48،000 ޓަނުގެ ބަލްކް ކެރިއަރެއް ކަމަށްވާ "އެމްވީ އެމްއެސްއެސް ކްރޯމް" ވެސް ގަނެފަ އެވެ. ވަރަށް އަވަހަށް އެ ބޯޓު ވެސް އެމްއެސްއެސްގެ ހިދުމަތާ ގުޅޭނެ އެވެ. އެ ބޯޓު ދަތުރުކުރާނީ އޮމާންގެ އެންމެ ބޮޑު ބަނދަރު ކަމަށްވާ ޝަލާލާ ޕޯޓާއި ޔޫއޭއީގެ ފުޖައިރާ ޕޯޓާ ދެމެދު އެވެ.
މިދިޔަ ނޮވެމްބަރު މަހު ހިދުމަތަށް ނެރުނު "އެމްއެސްއެސް ގަލޭނާ" އާއި "އެމްވީ އެމްއެސްއެސް ކްރޯމް"ގެ އިތުރުން ދެކުނު އިރުމަތީ އޭޝިއާ އަށް ދަތުރުތައް ފެށުމަށް ގަތް "އެމްއެސްއެސް ގްރެފީން" އާއެކު އެ ކުންފުނީގެ މިލްކިއްޔާތުގައި ތިން ބޯޓު އެބައޮތެވެ.
ރާއްޖެ އަކީ މީގެކުރިން ސަރަހައްދީ ފެންވަރުގައި ވެސް ފާހަގަކޮށްލެވޭ ޝިޕިން ލައިނެއް އޮތް ގައުމެއް ކަމަށްވާއިރު އެމްއެސްއެސްގެ އަމާޒު ހުރީ އަމިއްލަ ބޯޓުތަކުގައި މުދާ އުފުލައި ރާއްޖޭގެ ގައުމީ ޝިޕިން ލައިނު ވަރުގަދަ ކުރުމަށެވެ.
Comment