Advertisement

ހަކަތަރި ލޭބަލް ޖެހި މުދާ ފައިނޭންސް ކުރަން އެމްއައިބީގެ ހާއްސަ ފެސިލިޓީއެއް

25 މޭ 2022 - 18:20 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

މިއަދު އެންވަޔަރަމަންޓު މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓަރު ޝައުނާ އަދި އެމްއައިބީގެ އެކްޓިން ސީއީއޯ ރިޒާ އެއްބަސްވުމުގައި ސޮއިކުރުމަށް ފަހު --- ފޮޓޯ: އެމްއައިބީ


ހަކަތަރި ލޭބަލް ޖެހި މުދާ ފައިނޭންސް ކުރަން އެމްއައިބީގެ ހާއްސަ ފެސިލިޓީއެއް

25 މޭ 2022 - 18:20 0

އިމާރާތްތަކުން ޖައްވަށް ބޭރުކުރާ ވިހަގޭހާއި ހަކަތަ އިސްރާފު ކުރާ މިންވަރު ދަށްކުރުމަށް އަމާޒުކޮށް އެންވަޔަރަމަންޓު މިނިސްޓްރީން ކުރިއަށް ގެންދާ "ހަކަތަރި ޕްރޮގްރާމް" ގެ ލޭބަލް ޖަހާފައިވާ މުދާ މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ގަނެވޭ ގޮތް ހަދައިފި އެވެ.

އެންވަޔަރަމަންޓު މިނިސްޓަރު އައިމިނަތު ޝައުނާ އާއި އެމްއައިބީގެ އެކްޓިން ސީއީއޯ އަހްމަދު ރިޒާ ވަނީ މިއަދު މި ޕްރޮގްރާމް އެ ބެންކު މެދުވެރިކޮށް ހިންގުމަށް ހާއްސަ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން ހަކަތަރި ލޭބަލް ޖަހާފައިވާ މުދާ އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީ މެދުވެރިކޮށް ގަންނަނަމަ 10 ޕަސެންޓުގައި އެ ބޭންކުން ފައިނޭންސް ކޮށްދޭނެ އެވެ. އެމްއައިބީން ފައިނޭންސް ކޮށްދޭނީ ހަކަތަރި ރޭޓިން ގެ ތިން ތަރިއަށް ވުރެ މަތިން ރޭޓު ކޮށްފައިވާ މުދަލެވެ.

"ރާއްޖޭގައި އަމިއްލަ ފަރުދުންނަށް ސޯލާ ޕެނަލް ފައިނޭންސް ކޮށްދޭން ފުރަތަމަ ފެށީ ވެސް އެމްއައިބީން. ހަކަތަރި ރޭޓިން ލިބޭ މުދަލަށް ހާއްސަ ރޭޓަކުން ފައިނޭންސް ކޮށްދޭ ފުރަތަމަ ފަރާތަކަށް އެމްއައިބީ ވުމަކީ ލިބޭ ވަރަށް ބޮޑު ޝަރަފެއް،" އެމްއައިބީގެ އެކްޓިން ސީއީއޯ ރިޒާ މިއަދު ވިދާޅުވި އެވެ.

އެމްއައިބީގެ އުޖާލާ ދިރިއުޅުން ފެސިލިޓީއަކީ ދިރިއުޅުމުގެ ބޭނުންތަކާއި މަސައްކަތްތަކަށް ފުރިހަމަކަން ގެނައުމަށް ބޭނުންވާ ތަކެތި، ފައިސާ ދައްކަމުން ގޮސް ހަލާސްކުރާ ގޮތަށް، ނެގޭ އެންމެ ކާމިޔާބު އެއް ފެސިލިޓީ އެވެ.

އިސްލާމީ އުސޫލުގެ ތެރެއިން ހިންގާ މި ސްކީމަށް އެދި އޮންލައިންކޮށް ވެސް ހުށަހެޅޭނެ އެވެ. އެގޮތުން، އޮންލައިންކޮށް އެޕްލައި ކުރުމަށް ފަހު އުޖާލާ ލިމިޓު ލިބުމުން އެމްއައިބީ ގަބޫލުކުރާ ފިހާރައަކުން ކޯޓޭޝަން ގެނައުމުން އެ މުދަލަކަށް ބޭންކުން ފައިނޭންސް ކޮށްދޭނެ އެވެ.

އަދި، އިތުރު ލިޔެކިޔުމެއް ހުށަނާާޅައި ހަ މަސްދުވަސް ވަންދެން އުޖާލާ ލިމިޓު ބޭނުންކުރެވޭނެ ކަމަށް އެމްއައިބީން ބުނެ އެވެ. ހަކަތަރި ލޭބަލް ޖަހާފައިވާ މުދަލެއްގެ ކޯޓޭޝަން ހުށަހެޅުމުން މިއަދު ސޮއިކުރި އެއްބަސްވުމާއެކު އެ މުދާ އެމްއައިބީން ފައިނޭންސް ކޮށްދޭނީ 10 ޕަސެންޓުގަ އެވެ.

އެންވަޔަރަމަންޓު މިނިސްޓްރީން ވަނީ އެސްޓީއޯ އިން ވިއްކާ އައިސް އަލަމާރި، ދޮންނަ މެޝިން އަދި އޭސީގައި ހަކަތަރި ލޭބަލް ހަރުކޮށްފަ އެވެ. އަދި، އިތުރު ފިހާރަތަކުން ވިއްކާ މުދާ ވެސް ހަކަތަރި ސަޓިފައި ކުރުމުގެ މަސައްކަތް އެ މިނިސްޓްރީން ދަނީ ކުރަމުންނެވެ.