23 މޭ 2022 - 18:38 0
މުހައްމަދު އުޝާމް
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް - ފޮޓޯ: ހުސައިން ޝަޔާހް | އަދަދު
23 މޭ 2022 - 18:38 0
ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދިނުން ހުއްޓުވުމުގެ ގޮތުން ސިޔާސީ ޕާޓީތަކުގެ ގާނޫނަށް އިސްލާހު ގެންނަން މަސައްކަތް ކުރާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އިން ފަށައިފި އެވެ.
އެމްއެންޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް "އަދަދު"އަށް ވިދާޅުވީ ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ބޮޑު އަދަދެއް ހޭދަކުރާއިރު އެއީ ކުރަން ޖެހޭ ހަރަދެއް ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ޕާޓީން ބިލު ހުށަހަޅަން މިހާރު ވަނީ ނިންމާފައި، ލީގަލް ޑިޕާޓްމަންޓުން ބިލު އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުން، އިރާދަކުރެއްވިއްޔާ މި މަސް ތެރޭ މި ބިލު ތަޅުމާ ހަމައަށް ގެންދަން އަޅުގަނޑުމެން މި މަސައްކަތް ކުރަނީ،" ރިޔާޒް ވިދާޅުވި އެވެ.
އޭގެ އިތުރުން ސިޔާސީ ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ގިނަ އަދަދެއްގެ މުވައްޒަފުންނާއި ވަސީލަތްތައް ބޭނުން ކުރާއިރު، ރިޔާޒް ގަބޫލު ކުރައްވާ ގޮތުގައި ބަޖެޓުން ފައިސާ ދޫކުރުން ހުއްޓާލުމުން އެ ހަރަދުތައް ވެސް ސަލާމަތް ވެގެން ދާނެ އެވެ.
މި ބިލު ހުށަހެޅުއްވުމުގެ އަނެއް މަގްސަދަކީ އާންމުންނަށް ނޭނގޭ ގޮތަށް "ވަގަށް" ސިޔާސީ ޕާޓީތަކަށް މީހުން ވެއްދުން ވެސް ހުއްޓުމަކަށް ގެނައުމެވެ. އެ މާއްދާ އުވާލުމުން މެންބަރުން އިތުރު ކުރުމާއި މެންބަރުންގެ ދަފްތަރު ބެލެހެއްޓުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު އޮންނަ ގޮތުން، ރައްޔިތުންގެ މަޖިލީހުން ކޮންމެ އަހަރަކަށް ލަފާކޮށް ފާސްކުރާ ބަޖެޓްގެ 0.1 އިންސައްތަ ހާއްސަކުރަން ޖެހެނީ ސިޔާސީ ޕާޓީތަކަށެވެ. އެ ފައިސާ ދޫކުރަނީ ވެސް 10،000 މެންބަރުންނަށް ވުރެ ގިނަ މެންބަރުން ތިބި ޕާޓީތަކަށެވެ.
މި އަހަރު ވެސް ހަތަރު ސިޔާސީ ޕާޓީއަކަށް ފައިސާ ދޫކޮށްފައިވެ އެވެ. އެއީ ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްޑީޕީއާއި، އަދާލަތު ޕާޓީއާއި ޖުމްހޫރީ ޕާޓީގެ އިތުރަށް އިދިކޮޅު ޕީޕީއެމް އެވެ. ރާއްޖޭގައި 11 ސިޔާސީ ޕާޓީ ހަރަކާތްތެރިވެ އެވެ.
1. އެމްޑީޕީ: 15.02 މިލިއަން ރުފިޔާ (54،660 މެމްބަރުން)
2. ޕީޕީއެމް: 8.9 މިލިއަން ރުފިޔާ (34،237 މެންބަރުން)
3. ޖޭޕީ: 5.53 މިލިއަން ރުފިޔާ (20،107 މެންބަރުން)
4. އަދާލަތު ޕާޓީ: 2.9 މިލިއަން ރުފިޔާ (10،554 މެންބަރުން)
Comment