Advertisement

ބަޝުންދަރާގެ ބަލިކޮށް މޯހަން ބަގާނަށް ބޮޑު މޮޅެއް

21 މޭ 2022 - 18:43 0

ކަލްކަތާ، އިންޑިއާ

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

ގޯލު ޖެހުމަށް ފަހު ލިސްޓަން (މ) އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.---


ބަޝުންދަރާގެ ބަލިކޮށް މޯހަން ބަގާނަށް ބޮޑު މޮޅެއް

21 މޭ 2022 - 18:43 0

ކަލްކަތާ، އިންޑިއާ

އޭއެފްސީ ކަޕްގެ ދެކުނު އޭޝިއާގެ ގްރޫޕްގައި މިއަދު ކުޅުނު މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް 4-0 އިން ބަލިކޮށް، އޭޓީކޭ މޯހަން ބަގާން އިން މުބާރާތުގައި ކުރިއަށްދާން މުހިންމު މޮޅެއް ހޯދައިފި އެވެ.

މި ނަތީޖާއާ އެކު އޭޓީކޭ މޯހަން ބަގާން ވަނީ ގްރޫޕް ޑީގެ އެއް ވަނަ އަށް ޖެހިލައިފަ އެވެ. އެއް ވަނައިގައި އޮތް އޭޓީކޭ މޯހަން ބަގާން އާއި ދެ ވަނައިގައި އޮތް ގޯކުލަމް ކެރަލާ އަދި ތިން ވަނައިގައި އޮތް ބަޝުންދަރާ ކިންގްސް އަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ދެ މެޗު ކުޅެގެން އޭޓީކޭ މޯހަން ބަގާން ކުރީގައި އޮތީ އެއް މެޗު ގޯކުލަމް ކެރަލާއާ އަޅާކިޔާއިރު ލަނޑުގެ ތަފާތުންނެވެ. ގްރޫޕްގެ ފުލުގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ. މާޒިޔާ އާއި ގޯކުލަމް ކެރަލާ ކުޅޭ މެޗު މިރޭ އޮންނާނެ އެވެ.

ކަލްކަތާގެ މަޝްހޫރު ސޯލްޓް ލޭކް ސްޓޭޑިއަމްގައި މިއަދުގެ މެޗު ފަށައިގެން ފުރަތަމަ 10 ވަރަކަށް މިނިޓް ކުޅެވުނުތަނާ އައި ކޮޅިގަނޑެއްގައި ދަނޑުގެ އިސްތިހާރު ބޯޑުތައް ވިއްސައިގެން ގޮސް، ބޯކޮށް ވާރޭވެހެން ފެށުމާ އެކު މެޗުގެ ރެފްރީ، ޗައިނީސް ޓައިޕޭގެ ޗެން ޝިން ނިންމީ މެޗު މެދުކަނޑާލާށެވެ. ގަޑިއިރެއްހާއިރަށް މެޗު މެދުކަނޑާލުމަށް ފަހު އަލުން ފެށީ މެޗު ކޮމިޝަނަރާއި ރެފްރީ ބަލަން ޖެހޭ މިންގަނޑުތަކަށް ބަލައި، ސަލާމަތީ ކަންކަން ކަށަވަރުކޮށްފަ އެވެ.

މި ފަަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުން އޭޓީކޭ މޯހަން ބަގާން ވަނީ 4-2 އިން އައި ލީގުގެ ޗެމްޕިއަން، ގޯކުލަމް ކެރަލާ އަތުން ބަލިވެފަ އެވެ. ބަޝުންދަރާ ވަނީ ފުރަތަމަ މެޗުގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ އަތުން 1-0 އިން މޮޅުވެފަ އެވެ. ފުރަތަމަ މެޗުގައި ނެރުނު ފުރަތަަމަ އެގާރަ އަށް ބަޝުންދަރާ އާއި އޭޓީކޭ މޯހަން ބަގާން އިން ވެސް ވަނީ ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. ބަޝުންދަރާ އިން ދެ ބަދަލެއް ގެނައިއިރު، އޭޓީކޭ އިން ކުޅުނީ ހަ ބަދަލު ގެނެސްގެންނެވެ.

ވިއްސާރައިގެ ސަބަބުން މެޗު މެދުކަނޑާލުމުގެ ކުރިން މެޗުގެ 53 ވަނަ ސިކުންތުގައި ބަޝުންދަރާގެ ބްރެޒިލް މިޑްފީލްޑަރު، މިގޭލް ފެރޭރާ އަށް ހުސްކޮށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ކޮޅިގަނޑާ ހެދި މެޗު މެދުކަނޑާލުމަށް ފަހު އަލުން ފެށިއިރު، ބަޝުންދަރާ އިން ގޯލެއް ޖެހުމާ ގާތަށް ދެ ފަހަރަކު ޖެހިލި އެވެ. އެ ގޮތުން މެޗުގެ 18 ވަނަ މިނިޓްގައި ބަޝުންދަރާގެ ނައިޖީރިއާ ފޯވާޑް، ޗިނޭދޫ މެތިއު ބޮލުން ޖެހި ބޯޅައެއް ދަނޑިއަށް އަމާޒުވިއިރު، އޭގެ ހަތަރު މިނިޓް ފަހުން ބަޝުންދަރާގެ ފޯވާޑް، ރިމޯން ހުސައިން އޭރިއާބޭރުން ޖެހި ވޮލީ އަމާޒުވީ އޭޓީކޭ މޯހަން ބަގާންގެ ކީޕަރު އާޝް އަންވަރު އަތުގައި ޖެހިފައި ގޯލުގެ ހުރަސްދަނޑިއަށެވެ.

މަޑުމަޑުން މެޗުގެ ތެރެއަށް ވަދެ، އޭޓީކޭ އިން ކުޅުން ރަނގަޅުކުރިއިރު، އެ ޓީމުން ލީޑުނެގީ މެޗުގެ 26 ވަނަ މިނިޓްގައި ލިސްޓަން ކޮލާސޯ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ބަޝުންދަރާގެ ޑިފެންޑަރު ބިޝްވަނާތު ގޯޝް އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭރިއާތެރެއިން ލިސްޓަން އަށް ލިބުނު ފުރުސަތުން އޭނާ ވަނީ ތިރިތިރިން ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ގޯލު ޖެހުމަށް ފަހު ލިސްޓަން އުފާފާޅުކުރަނީ.


ލީޑު ލިބުމާ އެކު އޭޓީކޭގެ ކޮންފިޑެންސް ރަނގަޅުވެ، އެ ޓީމުން އިތުރު އެޓޭކްތައް ކުރަން ފެށި އެވެ. އޭޓީކޭ މޯހަން ބަގާން އިން ދެ ވަނަ ގޯލު ޖެހީ މެޗުގެ 33 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ ވެސް ލިސްޓަން އެވެ. ބަޝުންދަރާ ޑިފެންސް ލައިން ކުރިއަށް ޖެހިގެން ކުޅެމުން ދިޔަ ދަނޑިވަޅެއްގައި، އޭޓީކޭ މޯހަން ބަގާން އަށް ކުޅޭ ފިންލެންޑް ގައުމީ ޓީމުގެ މިޑްފީލްޑަރު، ޖޯނީ ކައުކޯ ދިން މޮޅު ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަދެ، ލިސްޓަން މި ގޯލު ޖެހީ ބަޝުންދަރާ ގޯލުގައި ހުރި ބަންގްލަދޭޝް ގައުމީ ޓީމުގެ ކީޕަރު، އަނީސުއްރަހުމާން ޒީކޯ ކައިރިން ނައްޓައިފަ އެވެ.

ދެ ވަނަ ހާފުގެ ކުޅުން ފަށައިގެން މާގިނައިރެއްނުވެ، ބަޝުންދަރާގެ ފުރަތަމަ ހަމަލާ ފެނުނެވެ. އޭރިއާރޮނގުކައިރިން ބަޝުންދަރާގެ ފުލްބެކް، ޔާސީން އަރަފާތު ޖެހި ބޯޅަ ކީޕަރު އާޝް ވަނީ މަތަކޮށްފަ އެވެ.

އޭޓީކޭ މޯހަން ބަގާން އިން ވަނީ ދެ ވަނަ ހާފުގައި ލިބުނު ފުރަތަމަ ފުރުސަތުން އެ ޓީމުގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. މި ގޯލާ އެކު ލިސްޓަން ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފަ އެވެ. މެޗުގެ 53 ވަނަ މިނިޓްގައި ބަޝުންދަރާގެ އީރާން ޑިފެންޑަރު ހާލިދު ޝަފީ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، އޭޓީކޭ މޯހަން ބަގާންގެ ފޯވާޑް މަންވީރު ސިންގް އޭރިއާތެރެއިން ލިސްޓަން އަށް ދިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު އޭނާ ވަނީ ގޯލުގެ ކައިރީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ލިސްޓަން އަށް ހަތަރު ވަަނަ ގޯލެއް ޖަހަން ވެސް ހުސް ފުރުސަތެއް ލިބުނެވެ. އޭޓީކޭ މޯހަން ބަގާންގެ ކެޕްޓަން، ފިޖީގެ ފޯވާޑް، ރޯއީ ކްރިޝްނާ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ލިސްޓަން އޭރިއާތެރެއަށް ވަދެ، ފޮނުވާލި ބޯޅަ ކީޕަރު އަނީސުރް ވަނީ މަތަކޮށްފަ އެވެ.

އޭޓީކޭ މޯހަން ބަގާން އަށް ހަތަރު ވަނަ ގޯލު ޖަހައިދިނީ ބަދަލަކަށް ކުޅެން އެރި ޑޭވިޑް ވިލިއަމްސް އެވެ. މެޗުގެ 78 ވަނަ މިނިޓްގައި އަރިމަތިން ސުބަޝިޝް ބޯސް ހުސްކޮށްލާފައި ދިން ބޯޅަ ވިލިއަމްސް ފުރަތަމަ ފޮނުވާލަން މަސައްކަތްކުރިއިރު، ފައިގައި ޖެހިފައި ބޯޅަ މަޑުވީ އެވެ. ދެ ވަނަ ފަހަރަށް ލިބުނު ފުރުސަތުގައި ވިލިއަމްސް ވަނީ ގޯލުގެ މަތީ ދާގަނޑަށް ބޯޅަ ފޮނުވާލައިފަ އެވެ.

މިއީ ބަޝުންދަރާ ކިންގްސް އިން އޭއެފްސީ ކަޕްގައި ކުޅުނު ހަ މެޗުގެ ތެރެއިން ބަލިވި ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން މިއީ، ސްޕެއިންގެ ކޯޗު އޮސްކާ ބްރުޒޮން ބަޝުންދަރާއާ ހަވާލުވި ފަހުން އެ ޓީމުގެ އެންމެ ބޮޑު ބައްޔެވެ.