Advertisement

ދުވަހަކު ވެސް ފަހިނުވާ ވަރަށް ތައުލީމުގެ ފުރުސަތުތައް ހުޅުވާލެވިއްޖެ: ނައިބު ރައީސް

20 މޭ 2022 - 13:33 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

އިސްލާމީ ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ނައިބު ރައީސް ވާހަކަ ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް


ދުވަހަކު ވެސް ފަހިނުވާ ވަރަށް ތައުލީމުގެ ފުރުސަތުތައް ހުޅުވާލެވިއްޖެ: ނައިބު ރައީސް

20 މޭ 2022 - 13:33 0

ދުވަހަކު ވެސް ފަހިނުވާ މިންވަރަށް ރާއްޖޭގައި ތައުލީމުގެ ފުރުސަތުތައް ފަހިކުރެވިފައިވާ ކަމަށާއި މި ސަރުކާރުން އެންމެ އިސްކަމެއް ދޭ ކަމަކީ އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުން ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް އަމާޒުކޮށް މި ސަރުކާރުން ވަނީ އާ ސިޔާސަތުތަކެއް ތަންފީޒު ކުރަން ފަށާފަ އެވެ. އޭގެ ތެރޭގައި ރާއްޖޭގައި ހުރެގެން ޑިގްރީ އާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތުތައް ފަހިކޮށްދިނުން ހިމެނެ އެވެ.

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސްގެ 2022 ވަނަ އަހަރުގެ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ވަނީ ތައުލީމީ ދާއިރާއާ ގުޅޭގޮތުން ވާހަކަ ދައްކަވާފަ އެވެ.

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވިސްނުންފުޅަކީ، ހާއްސަކޮށް އިންސާނީ ވަސީލަތް ތަރައްގީ ކުރުން. އަތޮޅު ތެރެއަށް ތައުލީމު ފުޅާކޮށް، ގައުމަށް އެންމެ ބޭނުންވާ ދާއިރާތަކަށް، ހާއްސަކޮށް ތައުލީމީ ދާއިރާއަށް މީހުން ބިނާކުރުން،" ނައިބު ރައީސް ވިދާޅުވި އެވެ.

އިންސާނީ ވަސީލަތް ތަރައްގީ ކުރުމުގެ ބޭނުމުގައި ސަރުކާރުން ވަރަށް ބޮޑު ހޭދައެއް އެކަމަށް ކުރަމުންދާ ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ. އެގޮތުން، މި ސަރުކާރުން ފެށި ފުރަތަމަ ޑިގްރީ ޕްރޮގްރާމްގައި މިވަގުތު ވެސް 14،000 އަށްވުރެ ގިނަ ދަރިވަރުން ބައިވެރިވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވި އެވެ.

ތައުލީމު ހާސިލުކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ މުޖުތަމައުގެ ތެރޭގައި ހަމަޖެހުން ގާއިމުކޮށްދިނުމަށް އެ ލިބިފައިހުރި އިލްމެއްގެ ބޭނުންހިފައިގެން މުޖުތަމައުގެ އެހެން މީހުންނަށް ރަނގަޅު މަގުތައް ދައްކުވައި ދިނުން ކަމަށް ނައިބު ރައީސް ވިދާޅުވި އެވެ.

ކޮންމެ ކަމެއްގައި ވެސް ޕޮޒިޓިވް ވިސްނުން ގެންގުޅުމަށާއި ލޯތްބާއި އިހުތިރާމާއެކު މީހުންނާއި މުއާމަލާތް ކުރުމަށް އިސްކަން ދިނުމަށް ރޭގެ ޖަލްސާގައި ނައިބު ރައީސް ގޮވާލެއްވި އެވެ.

ނައިބު ރައީސް މިހެން ވިދާޅުވިއިރު މަތީ ތައުލީމު ނިންމައި މަސައްކަތުގެ ދާއިރާއަށް ނުކުންނަ ދަރިވަރުންގެ އަދަދު 2023 ވަނަ އަހަރުގެ ނިމޭ އިރު 5،000 އަރާނެ ކަމަށާއި އޭގެ ފަހުން އަަހަރަކު 2،000 ދަރިވަރުން ނުކުންނާނެ ކަމަށް ސަރުކާރުން ހާމަކޮށްފައިވެ އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް 1،500 ދަރިވަރަކަށް ސްޓޫޑެންޓް ލޯނު ދޫކުރި އިރު މިއަހަރު ވެސް ވަނީ 393 ދަރިވަރަކަށް ލޯނު ދޫކޮށްފަ އެވެ.

މަތި ތައުލީމާއި މަސައްކަތްތެރިކަމުގެ ތަމްރީނު ފުރުސަތުތައް ރާއްޖޭގެ އެކިކަންކޮޅުތަކަށް ފަތުރައިލުމަށްޓަކައި ޖޫނިއާ ކޮލެޖްތަކާއި ޕޮލިޓެކްނިކް ސެންޓަރުންތައް ގާއިމުކޮށް ހިންގުމަށް ވެސް ސަރުކާރުން ވަނީ މަސައްކަތް ފަށާފަ އެވެ.