Advertisement

ފަޔާގެ ހިންގުމުގެ ތަޖުރިބާއިން އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެ: ރައީސް

19 މޭ 2022 - 21:10 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާއި އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް - ފޮޓޯ: ރައީސް ސޯލިހް


ފަޔާގެ ހިންގުމުގެ ތަޖުރިބާއިން އެމްޑީޕީއަށް 2023 ކާމިޔާބު ކުރެވޭނެ: ރައީސް

19 މޭ 2022 - 21:10 1

އެމްޑީޕީގެ އިންތިހާބީ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލްއަކީ ހިންގުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށާއި އެ ތަޖުރިބާއިން އެމްޑީޕީއަށް 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އެމްޑީޕީގެ އެތެރޭގެ އިންތިހާބު ކާމިޔާބު ކުރެއްވީ ރައީސް ސޯލިހްގެ ތާއީދާއެކެ ނުކުންނެވި ކެންޑިޑޭޓުންނެވެ. އެ ކެންޑިޑޭޓުންނާ ވާދަކުރެއްވީ އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ނުކުންނެވި ކެންޑިޑޭޓުންތަކެކެވެ.

ރައީސް ސޯލިހްއާއި މިއަދު ފައްޔާޒުއާ ބައްދަލު ކުރައްވައި ނެންގެވި ފޮޓޯއަކާ އެކު ކުރެއްވި ޓްވީޓްގައި ވިދާޅުވީ ފައްޔާޒުގެ ހިންގުމުގެ ތަޖުރިބާއާއެކު ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރު ކުރާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށެވެ.

"ކުރިއަށް، ކުރިއަށް، ބާރަށް ކުރިއަށް އެމްޑީޕީ،" ޓްވީޓްގައި އެމަނިކުފާނު ވިދާޅުވި އެވެ.

އެ އިބާރާތަކީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ބޭނުންކުރެއްވި ޝިއާރެކެވެ. އަންނަ އަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޓަކައި އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޕްރައިމަރީގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.

ދެހާސްތޭވީސްވަނަ އަހަރު ބާއްވާ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމުގައި ފައްޔާޒުގެ ތަޖުރިބާ މުހިންމު ކަމަށް ރައީސް ވިދާޅުވެފައިވާއިރު، ދެވަނަ ދައުރަކަށް އެމަނިކުފާނު އެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށް އަދި ރަސްމީކޮށް އިއުލާން ކުރައްވާފައެއް ނުވެ އެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައަޅާނީ ރިޔާސީ ޕްރައިމަރީއަކުން ކަމަށް ނަޝީދުގެ ފެކްޝަންގެ ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ. އޭގައި ވާދަކުރައްވާނެ ކަމަށް ނަޝީދު ވަނީ އިއުލާން ކުރައްވާފަ އެވެ. އަދި ރައީސް ވާދަކުރައްވާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.

އެކަމަކު ރައީސްގެ އެފަދަ އެއްވެސް ނިންމެވުމެއް ނެތް ކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން އަދި ވާދަނުކުރެއްވުމާ ގުޅޭ ގޮތުން ވެސް ރައީސް ވަކި ގޮތެއް ނުނިންމަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެ އެވެ.

ރައީސް ސޯލިހްގެ އަރިސް ބޭފުޅުންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއި މަޖިލީހުގައި ތިއްބެވި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެންބަރުން ގެންދަވަނީ އެމަނިކުފާނު ދެވަނަ ދައުރަކަށް އިންތިހާބު ކުރައްވަން މިހާރު ވެސް ކެމްޕޭން ކުރައްވަމުންނެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި ފައްޔާޒާ ވާދަކުރެއްވީ ވެސް ނަޝީދުގެ އަރިސް ބޭފުޅެއް ކަމުގައިވާ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހްމީ (އިންތި) އެވެ. ފައްޔާޒަށް 58 ޕަސެންޓް ވޯޓް ލިބިވަޑައިގެންނެވި ރު، އިންތިއަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓް ވޯޓެވެ.