އިޒްރޭލު މީހުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގުފަހިކޮށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސްކޮށްފި

15 އޭޕްރީލް 2025 - 06:07 1

ރައްޔިތުންގެ މަޖިލީހުގައި އެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަދި ރައީސް މުހައްމަދު މުއިއްޒު: ޕާސްޕޯޓު މަނާ ކުރަން ހުށަހެޅި ބިލު ފާސް ކުރީ އަނިޔާވެރިންނަށް ވެސް ރާއްޖެ އާދެވޭނެ ގޮތަށް -- ފޮޓޯ: މަޖިލިސް


އިޒްރޭލު މީހުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގުފަހިކޮށް އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ފާސްކޮށްފި

15 އޭޕްރީލް 2025 - 06:07 1

ފަލަސްތީނާ ދެކޮޅަށް ނަސްލުހޭދު ކުރުމެއް ހިންގަމުން އަންނަ އިޒްރޭލުގެ ރައްޔިތުންނަށް ރާއްޖެ އާދެވޭނެ ގޮތްތަކެއް މަގު ފަހި ކުރުމަށްފަހު، އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އިދިކޮޅު އެމްޑީޕީއަށް ނިސްބަވްތާ މީކާއީލް އަހުމަދު ނަސީމް މިދިޔަ އަހަރު ހުށަހެޅުއްވީ އިޒްރޭލުގެ ޕާސްޕޯޓު މަނާކޮށް އަދި އިޒްރޭލުގެ ޕާސްޕޯޓާއެކު ޑުއަލް ޕާސްޕޯޓު ގެންގުޅޭ މީހުންނަށް ވެސް ރާއްޖެ ނާދެވޭ ގޮތް ހެދުމަށެވެ.

ނަމަވެސް އެ ބިލު މިއަދު ފާސް ކުރީ ބޮޑެތި ބަދަލުތަކެއް ގެނެސް އެހެން ޕާސްޕޯޓެއް ދައްކައިފި ނަމަ އިޒްރޭލުގެ ޕާސްޕޯޓެއް ގެންގުޅޭ މީހަކަށް ވެސް ރާއްޖެ އެތެރެވެވޭނެ ގޮތަށެވެ. އަދި ފަލަސްތީނަށް ދޭ ހަމަލާތައް ހުއްޓާލައިފި ނަމަ އިޒްރޭލުގެ ކޮންމެ މީހަކަށް ވެސް ރާއްޖެ އާދެވޭނެ ކަމަށް ބިލުގައި ބުނެފައި އޮވެ އެވެ.

އެ ބިލު މަޖިލީހުން ފާސް ކުރީ ޖުމުލަ 83 މެންބަރުންގެ ވޯޓާއެކު އެވެ. އެ ބިލާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެ އެވެ. އެމްޑީޕީގެ ބައެއް މެންބަރުން ވެސް އެ ބިލަށް ވޯޓު ދިނެވެ.

މީގެ 77 އަހަރު ކުރިން އިޒްރޭލުގެ ނަމުގައި ފަލަސްތީނުގެ ބިމުގައި ގައުމެއް އުފެއްދީއްސުރެ، ފަލަސްތީނުގެ ރައްޔިތުންނަށް އިޒްރޭލުން ދަނީ ހަމަލާ ދެމުންނެވެ. މިއަދު ފާސް ކުރި ބިލުގެ ބޭނުމަށް، އެ ހަމަލާތައް ހުއްޓާލި ކަމަށް ކަނޑައަޅާނެ ބަޔަކު ބިލުގައި ފާހަގަކޮށްފައެއް ނުވެ އެވެ.

ފަލަސްތީނަށް ދެމުން އަންނަ ހަމަލާތައް ހުއްޓާލުމުން އެ ގައުމުގެ އެންމެނަށް ރާއްޖެ އާދެވޭ ގޮތަށް ބިލު ބަދަލު ކުރުމުން ވެރިކަން ހިންގާ ޕީއެންސީއަށް ނިސްބަތްވާ އަހުމަދު އަޒާން ވަނީ އެކަމަށް ރޭ ފާޑުވިދާޅުވެފަ އެވެ. ބިލުގައި އޮތް އެ އިބާރާތް ބަދަލު ކުރަން ވެސް އަޒާން ގޮވައިލެއްވި އެވެ.

"މި އިސްލާހު މިހާރު އިބާރާތްކުރެވިފައި އޮތުމުގައި، ލާއިންސާނީ އަމަލުތައް ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ފަރާތްތައް، ހާއްސަ ގޮތެއްގައި އިޒްރޭލުގެ އަސްކަރިއްޔާ އާއި އެ ގައުމުގެ ސަރުކާރު ނުވަތަ އެ ނިރުބަވެރި ދައުލަތުގެ މަގާމުތަކުގައި ތިބި ފަރާތްތައް، މިހާރު ފަލަސްތީނުގެ ރައްޔިތުންނާ މެދު އެ ހިންގާ ލާއިންސަނީ އަމަލުތައް މެދުކަނޑާލުމަށްފަހު ނުވަތަ ހުއްޓާލުމަށްފަހު ދެން ރާއްޖެ އަށް އައުމުގެ ފުރުސަތު ފަހިވާނެ ކަމަށް ފެންނާތީ އެކަން ނުކުރެވޭނެ ގޮތަކަށް އިބާރާތް ބަދަލުކުރަން ފެނޭ،" އޭނާ މިރޭ ވިދާޅުވި އެވެ.

އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެ އެތެރެވުން މަނާ ކުރުމަކީ ސަރުކާރުގެ ވައުދެކެވެ. އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭއްވެވި ކެބިނެޓު ބައްދަލުވުމެއްގައި ޖޫން 2، ގަ އެވެ. ނަމަވެސް މިހާތަނަށް ވެސް ޕާސްޕޯޓު މަނާ ކުރަން ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.

އިޒްރޭލުގެ ޕާސްޕޯޓު މަނާ ކުރަން ނިންމި ފަހުން، އެ ވާހަކަ ދައްކާ މޭރުން ސަރުކާރުން ވަނީ ބަދަލުކޮށްފަ އެވެ. އެގޮތުން، އިޒްރޭލު އެންމެން ދިވެހިރާއްޖެއަށް އައުން މަނާ ކުރުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވި އެވެ.

އިދިކޮޅު އެމްޑީޕީން ހުށަހެޅި އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ވެސް އޮތީ މަޖިލީހުގައި މަޑުޖެހިފަ އެވެ. ވެރިކަން ކުރާ ޕީއެންސީގެ މެންބަރުންގެ ވާހަކަ ހުރީ ހަމައެކަނި އިޒްރޭލުގެ ވެރިން އައުން މަނާ ކުރުމަށެވެ.

އިޒްރޭލު ޕާސްޕޯޓު މަނާ ކުރުމުގެ ބިލުގެ މަސައްކަތް ކުރިއަށްދިޔައިރު ފަތުރުވެރިކަމާ ބެހޭ ބައެއް ޖަމިއްޔާތައް ވެސް މަޖިލީހަށް ހާޒިރުކޮށްގެން އެމީހުން ބަސް ނެގި އެވެ. އޭގެ ތެރެއިން ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން ބުނީ، އިޒްރޭލުގައި ކުޑަކުދިންނާއި އަންހެނުން މަރަމުންދާ ސިފައިންނަށް ވެސް ރާއްޖެ އާދެވެންޖެހޭނެ ކަމަށެވެ.

"އަޅުގަނޑުމެންގެ އެދުމަކީ އިޒްރޭލުގެ ވެރިން. އާންމު ރައްޔިތުން ނުހިމެނޭ ގޮތަށް އިޒްރޭލުގެ ވެރިންގެ ޕާސްޕޯޓު ބޭންކުރުން. އެއަށް އަޅުގަނޑުމެން ވަރަށް ބޮޑަށް ތާއީދުކުރަން. އޭގެ ތެރޭގަ ސިފައިން ވެސް ނުހިމެނޭ ގޮތަށް. މުޅި އިޒްރޭލަކީ ސިފައިން ދެއްތޯ ގާތްގަނޑަކަށް. އެހެންވީމަ އެ ހިމެނިއްޖިއްޔާ އިޒްރޭލުގެ ހުރިހާ ރައްޔިތުން ހިމެނިގެންދާނެ،" ނޮވެމްބަރު، 2024، ގައި އެ ޖަމިއްޔާގެ ނައިބު ރައީސް އަހުމަދު ވަހީދު ވިދާޅުވި އެވެ.