Advertisement

13 އަހަރަށް ފަހު އޮބާމަޔަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

19 މޭ 2022 - 13:31 0


13 އަހަރަށް ފަހު އޮބާމަޔަން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

19 މޭ 2022 - 13:31 0

ޔައުންޑޭ، ކެމަރޫން (މެއި 19) - ޕިއޭ އެމެެރިކް އޮބާމަޔަން، 13 އަހަރަށް ފަހު ގެބޮން ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި އެވެ.

އޮބާމަޔަން، 32، ވަނީ ގެބޮން ޓީމަށް 70 މެޗު ކުޅެދީފަ އެވެ. އެ ޓީމަށް އެ މެޗުތަކުގައި ޖުމްލަ 30 ގޯލު ޖެހިއިރު، އޭނާ އަކީ ގައުމީ ޓީމަށް އެންމެ ގިނަ ގޯލު ޖަހައިދިން ރެކޯޑް އޮތް ކުޅުންތެރިޔާ އެވެ.

ގެބޮންގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އޮބާމަޔަން ގައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމިކަން މިދިޔަ އަންގާރަ ދުވަހު ރަސްމީކޮށް އަންގާފައިވާ ކަމަށެވެ. އޮބާމަޔަން ވަނީ ގެބޮންގެ ސަޕޯޓަރުންނަށް ހާއްސަ ސިޓީއެއް ފޮނުވައިފަ އެވެ.

އޮބާމަޔަން ބުނެފައިވަނީ ފާއިތުވި 13 އަހަރު، ގައުމީ ޖޯޒީގައި ގެބޮންގެ މީހުން ތަމްސީލްކުރަން ލިބުނު ފުރުސަތުގެ ބޭނުންހިފީ ފަހުރުވެރިކަމާ އެކު ކަމަށެވެ. އަދި ގެބޮންގެ މީހުންނާ އެކު ހޭދަކުރި ހުރިހާ ތަޖުރިބާއެއް ވެސް ހަނދާނުގައި އަބަދު ހުންނާނެ ކަމަށް އޮބާމަޔަން ވަނީ ބުނެފަ އެވެ.

"ވަރަށް ގިނަ އުފާވެރި ހަނދާންތަކެއް އެބަހުރި، އޭގެ ތެރޭގައި ރޮމިނިސްޕޯޓްސް އަށް ކުޅުން ހިމެނޭ، ނައިޖީރިއާ އިން އެފްރިކަން ބެލޮންޑިއޯ އެވޯޑް ހިފައިގެން އައި ހަނދާން ވެސް އެބަހުރި،" އޮބާމަޔަން ބުނެފައިވެ އެވެ.

ގައުމީ ޓީމުގައި އޮބާމަޔަންގެ ކެރިއަރު ނިމުނީ އޭނާ ބޭނުންވި ގޮތަކަށް ނޫނެވެ. މިދިޔަ ޖެނުއަރީ މަހު ކެމަރޫންގައި ބޭއްވި، އެފްރިކަން ކަޕް އޮފް ނޭޝަންސް (އެފްކޮން) މުބާރާތުގެ ތެރެއިން އޮބާމަޔަން އަވަހަށް ކްލަބަށް ފޮނުވާލަން ގެބޮން ޓީމުގެ މެނޭޖްމަންޓުން ނިންމީ އޭނާގެ ސިއްހީ މައްސަލަތަކެއް ފާހަގަކުރެވިގެންނެވެ.

އޮބާމަޔަން ވަނީ ޖެނުއަރީ ޓްރާންސްފާގެ ތެރޭގައި އާސެނަލް ދޫކޮށް ބާސެލޯނާ އަށް ބަދަލުވެފަ އެވެ. ބާސެލޯނާ އަށް މިހާތަނަށް ކުޅެދިން 17 މެޗުން ވަނީ 13 ގޯލު ޖަހައިފަ އެވެ.