Advertisement

ލޯނު އުސޫލުން އޮބާމަޔަން އެމެރިކާ ލީގަށް، މުސާރަ ދޭނީ ޗެލްސީން: ރިޕޯޓް

10 ފެބުރުވަރީ 2023 - 09:55 0


ލޯނު އުސޫލުން އޮބާމަޔަން އެމެރިކާ ލީގަށް، މުސާރަ ދޭނީ ޗެލްސީން: ރިޕޯޓް

10 ފެބުރުވަރީ 2023 - 09:55 0

ލަންޑަން (ފެބްރުއަރީ 10) - ލޯން އެއްބަސްވުމެއްގެ ދަށުން މި ސީޒަންގެ ނިޔަލަށް ޗެލްސީގެ ފޯވާޑް ޕިއޭ އެމްރިކް އޮބާމަޔަން, އެމެރިކާ ލީގުގެ ލޮސް އޮންޖަލެސް އެފްސީ އަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މި ސީޒަނުގައި ޗެލްސީ އަށް ބަދަލުވި އޮބާމަޔަން އަށް އެކުލަބުގައި އެދެވޭ ކުޅުމެއް ނުދެއްކޭއިރު، ކުރީގެ ކޯޗު ތޯމަސް ޓުޗެލްއާ އެކު އޮބާމަޔަން އަށް މަސައްކަތް ކުރެވޭ ގޮތެއް ނުވި އެވެ. އެއީ އޮބާމަޔަން ގެނައިތާ މާގިނަ ދުވަހެއް ނުވެ، ޗެލްސީން ޓުޗެލް ވަކިކުރުމުންނެވެ. އެ އަށް ފަހު، ޗެލްސީގެ މިހާރުގެ ކޯޗު ގްރަހަމް ޕޮޓާގެ ޕްލޭންގައި އޮބާމަޔަން ނުހިމެނެ އެވެ. އަނެއްކޮޅުން އޭނާ ވިއްކާލުމަށް އެ ކުލަބުން ވަނީ މިދިޔަ ޓްރާންސްފާގައިވެސް މަސައްކަތްކޮށްފަ އެވެ.

ޖެނުއަރީ ޓްރާންސްފާގައި ޗެލްސީން ގިނަ ކުޅުންތެރިންތަކެއް ގަތްއިރު، އޭގެ ތެރޭގައި ހަތަރު ފޯވާޑުން ގިނަ ގެނަ އެވެ. އެއީ ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުން ޔާއޯ ފެލިކްސް އާއި ޝަކްތަރު ޑޯނެސްކުން ގެނައި މިކައިލޯ މުޑްރިކް އާއި ޕީއެސްވީގެ ނޮނީ މަޑުއޭކޭ އަދި މޮލްޑާގެ ޑާޓްރޯ-ޑޭވިޑް ފޮފާނާ އެވެ.

އާ ކުޅުންތެރިންނާއެކު ޗެލްސީ އެންމެ ފަހުން ކުޅުނު މެޗުގެ ސްކޮޑުގައި ވެސް އޮބާމަޔަން ނުހިމެނެ އެވެ. ޗެމްޕިއަންސް ލީގުގެ ސްކޮޑުގައި ވެސް ޗެލްސީން އޮބާމަޔަން ރަޖިސްޓްރީ ނުކުރެ އެެެވެ. އެހެންކަމުން އޭނާ ބޭނުންވަނީ ސީޒަންގެ ބާކީ ބައި އެހެން ކުލަބަކަށް ކުޅެން ފުރުސަތެއް ލިބިއްޖެނަމަ އޭގެ ބޭނުން ހިފާށެވެ.

އިނގިރޭސީ މީޑީއާތަކުން ރިޕޯޓްކުރާ ގޮތުގައި އޮބާމަޔަން ހޯދުމަށް އެމެރިކާ ލީގުގެ އެލްއޭ އެފްސީ އިން ވަނީ އެއްބަސްވުމަކަށް އައިސްފަ އެވެ. ޗެލްސީ އިން އޭނާ ދޫކޮށްލަނީ މި ސީޒަންގެ ނިޔަލަށް ލޯން އެއްބަސްވުމެއްގެ ދަށުންނެވެ.

މި އެއްބަސްވުމުގެ ދަށުން އެލްއޭ އަށް ބަދަލުވިޔަސް، އޮބާމަޔަންގެ މުސާރަ ދޭނީ ޗެލްސީންނެވެ. ހަފްތާ އަކު، 160،000 ޕައުންޑްގެ މުސާރައެއް އޮބާމަޔަން އަށް ދޭއިރު ސީޒަންގެ ނިޔަލަށް އޭނާގެ މުސާރަ ދޭން އެ ކުލަބުގެ އިއުތިރާޒެއް ނެތެވެ.

އެލްއޭ އެފްސީއާ އެކު ލޯން އެއްބަސްވުން ނިމުމަށް ފަހު އޮބާމަޔަން އެނބުރި ޗެލްސީއަށް އައުމުގެ ފުރުސަތު ކުޑަ އެވެ. ޗެލްސީން ޖޫން މަހުގެ 30 ގެ ކުރިން އެ ކްލަބްގެ މާލީ ކަންކަން ހަމަޔަކަށް އަޅުވާއިރު، ވިއްކާލާ ކުޅުންތެރިންގެ ލިސްޓުގައި އޮބާމަޔަން ހިމެނެ އެވެ.

އޮބާމަޔަންގެ ކެރިއަރުގެ ފަހުކޮޅުގައި ގިނަ މައްސަލަތަކެއް ވަނީ ކުރިމަތިވެފަ އެވެ. އެ ގޮތުން، އާސެނަލްގެ ކެޕްޓަންގެ ގޮތުގައި ހުރެ، އެ ޓީމުގެ ކޯޗު އާޓެޓާއާ މައްސަލަ ޖެހި ކުލަބު ދޫކޮށްލަން ޖެހުނުއިރު، އޭގެ ފަހުން ބާސެލޯނާ އަށް ގޮސް އެ ކުލަބުގައި ރަނގަޅު ފޯމެއް ނުދެމެހެއްޓުނެވެ. އެހެންވެ، ބާސެލޯނާ އިން އޭނާ ދޫކޮށްލަން ނިންމި އެވެ. ޗެލްސީއަށް ބަދަލުވެ ކުޅުނު 17 މެޗުގައި އޭނާ އަށް ޖެހުނީ އެންމެ ތިން ގޯލެވެ.