Advertisement

ކޮންމެ ދުވަހަކު ހެނދުނު މާލެއިން މި އިވެނީ ކޮން އަޑެއް؟

ޖުމްހޫރީ މައިދާން ހިމެނޭ ސަރަހައްދު -- ފޮޓޯ: އަދަދު ފައިލް


ކޮންމެ ދުވަހަކު ހެނދުނު މާލެއިން މި އިވެނީ ކޮން އަޑެއް؟

އެކުގައި މަސައްކަތް ކުރާ ރައްޓެއްސަކު އިހަށް ދުވަހު ބުނި ވާހަކައެކެވެ. 'ކޮންމެ ދުވަހަކު އަންހެނުން އޮފީހަށް ލައިދޭން އަންނައިރު އޭނާ އަށް ގަޑި ބުނެދެނީ ބަރާބަރު 8:00 ގައި މާލެއިން އިވޭ އެލާމެއްގެ އަޑުންނޭ އެވެ. އެއްބައި ދުވަސް ދުވަހު އަންހެނުން ގަޑި ޖެހިއްޖެ ކަމެވެ. އަނެއްބައި ދުވަސް ދުވަހު ގަޑި ނުޖެހި އަންހެނުން އޮފީހަށް ލައިދެވިއްޖެ ކަމުގެ ޔަގީންކަމެވެ.'

އޭނާއަށް އެއީ މުހިއްމު އެލާމެކެވެ. އެކަމަކު ގަވާއިދުން ކޮންމެ ދުވަހަކު ހެނދުނު އެއް ގަޑިއެއްގައި މާލެއިން އިވޭ އެ އަޑަކީ އަސްލު ކޮން އަޑެއް ހެއްޔެވެ؟

"އެއީ އެމްއެންޑީއެފްގެ އެމަޖެންސީ އެލާމް ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމަށް އަޅާ ޓެސްޓް އެލާމެއްގެ އަޑު. ހަފުތާގެ ކޮންމެ ދުވަހެއްގެ ހެނދުނު އަށެއް ޖަހާއިރު އެލާމް ޗެކު ކުރާނެ،" އެމްއެންޑީއެފް އަށް ގުޅާލުމުން މީޑިއާ އޮފިސަރު ހަނާ މުހައްމަދު އޮޅުންފިލުވައިދެއްވި އެވެ.

މި އެލާމުގެ އަޑު އިއްވާނީ ބަންޑާރަ ކޮއްޓާއި ކަޅުތުއްކަލާ ކޮށިން އެއް ވަގުތެއްގަ އެވެ. އެ ނޫން ވަގުތެއްގައި މި އެލާމް އަޅާނީ ދެ ހަލާތެއްގަ އެވެ. އެއީ މާލެއަށް ކުއްލި ހާލަތެއް އައިސްގެން ނުވަތަ އެމްއެންޑީއެފްގެ އެކްސަސައިޒެއް ކުރިއަށް ގެންދަން ޖެހިއްޖެ ދަނޑިވަޅެއްގަ އެވެ.

އެމްއެންޑީއެފުން ކޮންމެ ދުވަހަކު ގަވާއިދުން އެމަޖެންސީ އެލާމް ޓެސްޓުކުރަން ފެށި ސީދާ ތާރީހެއް ނޭނގެ އެވެ. އެކަމަކު މި ގަވާއިދެއްގެ ދަށުން އެ ގަޑީގައި އެލާމް ޓެސްޓު ކުރާތާ އަހަރުތަކެއް ވެއްޖެ އެވެ.