22 އޭޕްރީލް 2024 - 10:06 0
އަހުމަދު އާއިދު
އާޓް ވޯކް: ރައްޔާން މުހައްމަދު / އަދަދު
22 އޭޕްރީލް 2024 - 10:06 0
ވިހިވަނަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ހޮވަން އިއްޔެ ބޭއްވި އިންތިހާބު ވެފައި މިވަނީ ރާއްޖޭގެ އެންމެ ދުވަސްވީ ސިޔާސީ ޕާޓީ، އެމްޑީޕީގެ ހަޔާތުގައި ކުރިމަތިވި އެންމެ ބޮޑު އެއް ބައްޔަށެވެ. މިއީ ފާއިތުވި ހަ މަސްދުވަހުގެ ތެރޭގައި ކުރިމަތިވި މިފަދަ ދެވަނަ ބައްޔަށެވެ.
ސެޕްޓެމްބަރު 2023، ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ބުރުގައިވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރަށް ކުރިމަތިވީ ނާކާމިޔާބީ އެވެ. ދެވަނަ ބުރުގައި އެމްޑީޕީގެ ހުރިހާ ބާރަކާއެކު ނުކުމެގެން ވެސް ހޯދުނީ ވޯޓުގެ 46 ޕަސެންޓެވެ. މަޖިލިސް އިންތިހާބުގައި އިއްޔެ ކުރިމަތިވި ބަލި މިއަށްވުރެވެސް ބޮޑެވެ.
ވަގުތީ ނަތީޖާ ދައްކާ ގޮތުން ޖުމްލަ 93 މެންބަރުން ތިބޭ މަޖިލީހުން އެމްޑީޕީއަށް ލިބުނީ އެންމެ 11 މެންބަރުންނެވެ. މިއީ އެ ޕާޓީގެ ހަޔާތުގައިވެސް މަޖިލީހުގެ އިންތިހާބަކުން އެންމެ މަދު ގޮނޑި ލިބުނު ފަހަރެވެ.
އައްޑޫއަކީ އެމްޑީޕީގެ ހަގީގީ ކިއްލާ އެވެ. އެ ޕާޓީއަށް ކުރިމަތިބި އެންމެ ބޮޑެތި ބަލިތަކުގައިވެސް ތަސައްލީއެއް ދިނީ އައްޑޫންނެވެ. އެ ޕާޓީގެ ފުރަތަމަ ވެރިކަން ފުރޮޅައިލުމުން އެންމެ އަޑުގަދަކޮށް ދެކޮޅު ހެދީވެސް އައްޑޫގަ އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައިވެސް އެމްޑީޕީއަށް މެޖޯރިޓީ ދިން ހަމައެކަނި ދެ އަތޮޅުގެ ތެރޭގައި އައްޑޫ ހިމެނެ އެވެ. އެފަހަރު ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އައްޑޫގެ 55 ޕަސެންޓް ވޯޓު ހޯއްދެވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ލިބިވަޑައިގަތީ 45 ޕަސެންޓް ވޯޓެވެ.
ނަމަވެސް، މިފަހަރުގެ އިންތިހާބުގައި އައްޑޫގެ ހަތް ގޮނޑީގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ދެ ގޮނޑި އެވެ. އެވެސް ފަރަގު ކުޑަ ނަތީޖާތަކަކުންނެވެ. ސަރުކާރުގެ ކެންޑިޑޭޓުން އައްޑޫގެ ގޮނޑިތައް ހޯދީ ހީވެސް ނުކުރާހާ ބޮޑު ތަފާތުތަކަކާ އެކީގަ އެވެ.
މާލެއަކީ މީގެ ކުރިން އަބަދުވެސް އެމްޑީޕީގެ ބާރުވެރި ކިއްލާއެކެވެ. މި ހަގީގަތް ބަދަލުވާން ފެށީ 2021 ގެ ލޯކަލް ކައުންސިލް އިންތިހާބާ ހިސާބުންނެވެ. އެ އިންތިހާބުގައި މާލޭގެ މޭޔަރުކަން އަދި ކައުންސިލްގެ ގިނަ ގޮނޑިތައްވެސް ދިނީ އޭރު އިދިކޮޅުގައި އޮތް، މިހާރުގެ ސަރުކާރުގައި ހިމެނޭ ޕީޕިއެމް އަށެވެ. ޕީޕީއެމާއެކު މޭޔަރު ކަމަށް އޭރު ވަޑައިގެންނެވީ ރައީސް މުއިއްޒު އެވެ.
މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައިވެސް މާލެއިން އެމްޑީޕީއަށް ބުނީ ނޫނެކޭ އެވެ. އެ ޓްރެންޑު ދަމަހައްޓާ، އެމްޑީޕީގެ ހަޔާތުގައި ފުރަތަމަ ފަހަރަށް މަޖިލީހުގައި މާލެއިން ވަނީ އެ ޕާޓީއަށް މެޖޯރިޓީ ގެއްލުވާލައިފަ އެވެ. މާލޭގެ 17 ދާއިރާގެ ތެރެއިން އެމްޑީޕީއަށް ލިބުނީ އެންމެ ތިން ދާއިރާ އެވެ.
އެމްޑީޕީއިން ބާރު ހިނގާ ގިނަ ދާއިރާތަކެއް މިފަހަރުގެ އިންތިހާބުގައި އެ ޕާޓީގެ އަތުން ދޫވި އެވެ. ކުރީގެ ރައީސް ސޯލިހު އެ ދާއިރާއަކަށް ނިސްބަތްވާ އަދި އެމްޑީޕީން 25 އަހަރު ދިފާއުކުރި ހިންނަވަރު ދާއިރާވެސް މިފަހަރު އެމްޑީޕީއަށް ވަނީ ގެއްލިފަ އެވެ.
މީގެއިތުރުން، މިދިޔަ ދެ މަޖިލީހުގައިވެސް އެމްޑީޕީއަށް ބޮޑު ތަފާތަކުން ލިބުނު ވެލިދޫ ދާއިރާގައި އެމްޑީޕީ ދިޔައީ ތިންވަނަ އަށެވެ. އެ ދާއިރާގެ ގޮނޑި އެމްޑީއޭގެ މުހައްމަދު އައްބާސް ކާމިޔާބުކުރެއްވިއިރު، ދެވަނަ ގޮސްފައިވަނީ ޕީއެންސީގެ ކެންޑިޑޭޓެވެ.
ފުވައްމުލަކު، ތިނަދޫ އަދި ކުޅުދުއްފުށި ސިޓީގެ ހުރިހާ ގޮނޑިއެއްވެސް ހޯދީ ޕީއެންސީންނެވެ. މިއީ މީގެ ކުރިން އެމްޑީޕީއަށް ބޮޑު ތާއީދެއް އޮތް ތިން ސިޓީ އެވެ.
އެމްޑީޕީއަށް ނާކާމިޔާބުވި ފާހަގަކޮށްލެވޭ އެހެން ދާއިރާތަކުގެ ތެރޭގައި ކުރެންދޫ ދާއިރާއާއި އަލިފުށި ދާއިރާގެ އިތުރުން ކެނދިކުޅުދޫ ދާއިރާ އާއި މަނަދޫ ދާއިރާވެސް ހިމެނެ އެވެ.
100.00%
0.00%
0.00%
0.00%
މި ލިޔުން ކިޔާލުމުން
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment