Advertisement

އަންހެން މެންބަރުންގެ އަދަދު މަދުވަމުން ގޮސް ވިހިވަނަ މަޖިލީހަށް އެންމެ ތިން އަންހެނުން

21 އޭޕްރީލް 2024 - 23:21 2

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ކާމިޔާބު ކުރެއްވި ހަމައެކަނި ތިން އަންހެން މެންބަރުން --


އަންހެން މެންބަރުންގެ އަދަދު މަދުވަމުން ގޮސް ވިހިވަނަ މަޖިލީހަށް އެންމެ ތިން އަންހެނުން

21 އޭޕްރީލް 2024 - 23:21 2

ވިހަވަނަ ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް މެންބަރުން ހޮވުމަށް މިއަދު ބޭއްވި އިންތިހާބުގައި ކާމިޔާބު ލިބިވަޑައިގެންނެވީ އެންމެ ތިން އަންހެނުންނަށް ކަމަށް ވަގުތީ ނަތީޖާއިން ދައްކައިފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ އިންތިހާބުގައި ޖުމުލަ 368 މެންބަރުން ވާދަކުރެއްވި އެވެ. އެގެތެރޭގައި ހިމެނުނީ އެންމެ 10.76 އިންސައްތަ އަންހެން ކެންޑިޑޭޓުންނެވެ. އެއީ ގާތްގަނޑަކަށް ސާޅީހަކަށް އަންހެނުންނެވެ.

ވިހިވަނަ ރައްޔިތުންގެ މަޖިލީހުން ޖާގަ ހޯއްދެވި ތިން އަންހެން ކެންޑިޑޭޓުންނަކީ ފ. ނިލަންދޫ ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި، ފާތިމަތު ސައުދާ އާއި މާފަންނު މެދު ދާއިރާއަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރެއްވި އަސްމާ ރަޝީދުގެ އިތުރުން ކ. ހުރާ ދާއިރާއަށް އަމިއްލަގޮތުން ވާދަކުރެއްވި އަނާރާ ނައީމް އެވެ.

ނިލަންދޫ ދާއިރާގެ މަޖިލިސް ގޮނޑި ކާމިޔާބު ކުރެއްވި ސައުދާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އާއިލީ ބޭފުޅެކެވެ. އަސްމާއާއި އަނާރާއަކީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މެންބަރުކަން ކުރައްވާފައި ތިއްބެވި ދެ ބޭފުޅުންނެވެ.

ސިޔާސީ މައިދާނުގައި އަންހެނުންގެ ބައިވެރިވުން ކުޑަވުމަކީ އަބަދުވެސް ދެކެވޭ ވާހަކައެކެވެ. ނަމަވެސް ހައްގުތައް ހޯދުމަށް ވަކާލާތު ކުރަން އޮތް މަޖިލީހުގައި ވެސް ދައުރަކަށްވުރެ ދައުރެއް އަންނަނީ އަންހެނުންގެ ނިސްބަތް މަދުވަމުންނެވެ. 17 ވަނަ މަޖިލީހުގައި ފަސް އަންހެން މެންބަރުން ތިއްބެވި އެވެ. ނަމަވެސް ޖެހިގެން އައި 18 ވަނަ މަޖިލީހާއި 19 ވަނަ މަޖިލީހުގައި ވެސް ތިއްބެވީ އެންމެ ހަތަރު މެންބަރުންނެވެ.

އެ އަދަދު މަދުވަމުން ގޮސް މިފަހަރު މިވަނީ މަޖިލީހުގައި ތިއްބަވާ މެންބަރުންގެ އަދަދު އެންމެ ތިން އަންހެނުންނަށް ވެފަ އެވެ.