Advertisement

ރާއްޖޭގެ ވޮލީގެ އާ ބަދަލަކީ ކޯޗުންގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ޝުއައިބު

19 މޭ 2022 - 09:56 0

ވީއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ކޯޗު ޝުއައިބު ވާހަކަ ދައްކަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު


ރާއްޖޭގެ ވޮލީގެ އާ ބަދަލަކީ ކޯޗުންގެ ކުރިއެރުމަށް އެޅޭ މުހިންމު ފިޔަވަޅެއް: ޝުއައިބު

19 މޭ 2022 - 09:56 0

ގިނަ ބިދޭސީ ކުޅުންތެރިން ލޯކަލް ވޮލީ ސީޒަނުގައި ކުޅުމަކީ މުބާރާތްތަކުގެ ފެންވަރު ރަނގަޅުވެ، ޓީމުތަކަށް ކޯޗުކަންކޮށްދޭ ކޯޗުންނަށް ގިނަ ކަންކަން ދަސްވެ، އަމިއްލަ ކުރިއެރުމަށް ވެސް ލިބޭނެ ބޮޑު ފުރުސަތެއް ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ކޯޗަސް ކޮމިޓީގެ ޗެއާމަން، ޝުއައިބު އަހުމަދު ބުނެފި އެވެ.

އާ ބަދަލުތަކަކާ އެކު މި އަހަރުގެ ވޮލީބޯޅަ ސީޒަން ފެށުމަށް ވީއޭއެމުން ތައްޔާރުވަމުން އަންނައިރު، މި އަހަރުގެ ސީޒަނުގެ އޮނިގަނޑަށް ބަދަލު ގެނެސް، ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ސޮއިކުރުމުގެ ފުރުސަތު ދީފަ އެވެ. މި އަހަރު ޓީމުތަކަށް ކުޅުންތެރިން ނަގާނީ ވީއޭއެމުން ހޮވާ ޕޫލެއްގެ ތެރެއިންނެވެ. އެއްވެސް ކުލަބަކުން އަމިއްލަ އަށް ކުޅުންތެރިން ހޯދައިގެން ޓީމަށް ވަކިން ގެނައުމުގެ އިހުތިޔާރެއް މި ފަހަރު ނެތެވެ. އެސޯސިއޭޝަނުން ގެންނަ 18 ކުޅުންތެރިންނަކީ ކްލަބްތަކާ މަޝްވަރާ ކުރުމަށް ފަހު އެ މަގާމުތަކަށް ގެންނަ ކުޅުންތެރިންނެވެ.

ބިދޭސީ ތިން ކުޅުންތެރިންނަށް ލީގުގައި ކުޅެވޭ ގޮތަށް ގެނައި ބަދަލާއި ގުޅޭގޮތުން ކޯޗަސް ކޮމިޓީގެ ޗެއާމަން ޝުއައިބު ބުނީ އިތުރުވާ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުން ވެސް ރާއްޖޭގެ ކުޅުންތެރިންނަށް ގިނަ ކަންކަން ދަސްވާނެ ކަމަށެވެ. މިއީ ޖުމްލަކޮށް ބަލާއިރު، ރާއްޖޭގެ ގައުމީ ޓީމުގެ ކުރިއެރުމަށް ވެސް މިއީ މުހިންމު ބަދަލެއް ކަމަށެވެ.

ޝުއައިބު ބުނީ ކުޅުންތެރިންނެކޭ އެއްގޮތަށް ކޯޗުންނަށް ވެސް މި ގެންނަ ބަދަލުގެ ސަބަބުން ބޮޑު ފައިދާއެއް ކުރާނެ ކަމަށެވެ. އެކި ސްޓައިލަށް އެކި މަގާމުތަަކަށް ކުޅޭ ކުޅުންތެރިންނާ އެކު މަސައްކަތް ކުރަން ފުރުސަތު ލިބުމަކީ އާ ކަންތައްތައް ތަޖުރިބާކޮށްލަން ކޯޗުންނަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ޝުއައިބު ދެކެ އެވެ.

"ބިދޭސީ ބައިވަރު ކުޅުންތެރިން ލައިގެން ލީގު ކުރިއަށް ގެންދިޔުމަކީ ރާއްޖޭގެ ކޯޗުންނަށް ވެސް ގިނަ ފައިދާތަކެއް ކުރާނެ ކަމެއް. ޙާއްސަކޮށް ބޭރު ގިނަ ކުޅުންތެރިން ބޭނުންކޮށްގެން އަދި ގައުމީ ޓީމުގެ ކުޅުންތެރިން ހިމަނަައިގެން އެހާ ގިނަ ދުވަހު ޕްރެކްޓިސްކޮށް ގެންގުޅުމަކީ ކޯޗުންނަށް ގިނަ ކަންކަން ދަސްވެ ކުރިއެރުންވެސް ލިބޭނެ ކަމެއް." ޝުއައިބު ބުންޏެވެ.

ޝުއައިބު ބުނީ ވޮލީ ސީޒަނުގައި ބިދޭސީ ކުޅުންތެރިން ހިމެނޭ ވަރުގަދަ ހަ ޓީމު އޮންނައިރު ކޮންމެ މެޗަކަށް ކޯޗުން ވަރަށް ބޮޑަށް ތައްޔާރުވާނެ ކަމަށެވެ. އެ ގޮތުން ކުޅުންތެރިން އެނަލައިޒްކޮށް، ގޭމް ޕްލޭންތައް ރާވަން ހޭދަވާ ވަގުތަކީ ވެސް ކޯޗުންގެ ކުރިއެެރުމަށް އެޅޭ ފިޔަވަޅެއް ކަމަށް ޝުއައިބު ގަބޫލުކުރެ އެވެ.

"މިއީ ހުރިހާ ގޮތަކަށް ބެލިކަމުގައި ވިޔަސް ރާއްޖޭގެ ވޮލީބޯޅަ އަށް ބޮޑު ކުރިއެރުމެއް ލިބޭނެ ފުރުސަތެއް. ގިނަ މެޗުތަކެއް ކޯޗުންނަށް އެނަލައިޒްކުރަން ލިބި، ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންގެ ސްޓައިލްތައް ދެނެގަނެ، ގިނަ ކަންކަން ދަސްކުރަން ލިބޭނެ،" ޝުއައިބު ބުންޏެވެ.

ރާއްޖޭގެ ވޮލީބޯޅައިގެ ކުރިއެރުމަށް ފެންވަރު ރަނގަޅު ކޯޗުން ތިބުމަކީ މުހިންމު ކަމެއް ކަމަށް ޝުއައިބު ފާހަގަކުރި އެވެ. އަދި ފެންވަރު ރަނގަޅު ކޯޗުން އުފެއްދުމަށް ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް ޝުއައިބު ގަބޫލުކުރެ އެވެ. އެހެންކަމުން ކޯޗުންގެ ފެންވަރު މަތިކޮށް، ކޮންފިޑެންސް އިތުރުކުރުމަށް މިހާރު ލޯކަލް ސީޒަންގެ މުބާރާތްތަކަށް ގެނައި ބަދަލާ އެކު ބޮޑު ފުރުސަތެއް ހުޅުވޭނެ ކަމަށް ވީއޭއެމުން ދެކެ އެވެ.

ވޮލީ ކުޅެން ނުކުންނަ އާ ކުޅުންތެރިންނަށް ދަސްކޮށްދީ އެ ކުޅުންތެރިންގެ ހުރި ހުނަރު ތަރައްގީކުރާނެ ބަޔަކީ ކޯޗުން ކަމަށްވާއިރު، ގިނަ ބަޔަކު ސީރިއަސް ނަޒަރަކުން ވޮލީގެ ތެރެއަށް ވެއްދުމަށް ކޯޗުންގެ ދައުރުގެ މުހިންމުކަން ޝުއައިބު ފާހަގަކުރި އެވެ. އަދި މި ފަހަރުގެ ވޮލީ ސީޒަނުގެ ވާދަވެރިކަމާ އެކު ކޯޗުން ވެސް މީގެ ތެރޭގައި ދެމިހުރުމަށް އިތުރު ހިތްވަރަކާއި މޯޓިވޭޝަނެއް އަންނާނެ ކަމަށް ޝުއައިބު ބުންޏެވެ.