18 މޭ 2022 - 16:10 0
މުހައްމަދު އުޝާމް
18 މޭ 2022 - 16:10 0
ނިމިދިޔަ އަހަރުގެ ފެބްރުއަރީ މަހު ގއ. މާމެންދޫގައި މާރާމާރީ ހިންގައި އެ ރަށު ލިލީ އޮފް ދަ ވެލީ، އަހްމަދު އުދައްޔު މަރާލި މައްސަލާގައި ދައުވާ އުފުލާފައިވާ މީހެއްގެ ދިފާއީ ހެކިން ބަލައިނުގަންނަން ދައުލަތުން ހުށަހެޅިއިރު، ދައުލަތުގެ ހެކިން ބަލައިނުގަންނަން ދިފާއުން ހުށަހަޅައިފި އެވެ.
މި މައްސަލާގައި ގއ. މާމެންދޫ، ރިހިފަރުދާގޭ، އަހުމަދު ޝަމީމް އާއި ހަމަ އެ ރަށު ބިލަތްމާގޭ، ޝަރަފު ރަޝީދާއި ގުލްފާމުގޭ، މުހައްމަދު މާޒިންގެ މައްޗަށް ދައުލަތުން ކުރާ ދައުވާއަކީ ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާގެ އިތުރަށް މާރާމާރީ ހިންގުމުގައި ބައިވެރިވުމުގެ ދައުވާ އެވެ.
ބަދަލު ހިފުމެއްގެ ގޮތުން ހިނގި އެ މާރާމާރީއާ ގުޅިގެން ދައުވާ އުފުލި މާޒިން އާއި ޝަމީމް ހުރީ އެ ވަގުތު އެ ތަނުގައި ނޫން ކަން ސާބިތު ކުރަން ދިފާއީ ހެކިން ހުށަހަޅާފައިވެ އެވެ. އެ ދެ މީހުނާއި ޝަރަފު ވެސް ދައުވާތަކަށް އިންކާރު ކުރެ އެވެ.
މިއަދު ބޭއްވި އަޑުއެހުމުގައި ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުންތަކަށް ފުރުސަތު ދިނުމުން ދައުލަތުން ހުށަހެޅީ ޝަމީމް ހުށަހެޅި 10 ހެކިންގެ ތެރެއިން ހަތް ހެއްކެއް ބަލައިނުގަތުމަށެވެ. ސަބަބެއްގެ ގޮތުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ދައުވާ އިއްވި މަރުހަލާގައި އެ ހެކިތައް ހާމަކޮށްފައި ނުވާތީ ކަމުގަ އެވެ.
ދިފާއުގައި ހުށަހެޅި އެ ހެކިތަކަކީ އުދައްޔުއާ ޒުވާބުކޮށްފައި ޝަމީމް ގެއަށް ދިޔަކަން ސާބިތު ކުރަން ހުށަހެޅި ހެކިތަކެކެވެ. މާރާމާރީ ހިންގައި އުދައްޔު މަރާލުމާއި ހަމައަށް ދިޔައީ އޭގެ ފަހުން ކަމަށް ޝަމީމްގެ ފަރާތުން އޭނާގެ ވަކީލު މުހައްމަދު ޝާހިދު ކުރީ އަޑުއެހުމެއްގައި ވިދާޅުވެފައިވެ އެވެ.
ދައުލަތުގެ ނުކުތާއަކީ ހާދިސާ ހިނގި ތަނުގައި ނެތް ކަމުގެ ދިފާއު ނަގައި، އެ ކަން ސާބިތު ކުރަން ހެކި ހުށަހަޅާނަމަ ކުރިން ހާމަ ކުރަން ޖެހޭ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކުރާ މާއްދާ އެވެ.
ޝަރަފް ރަޝީދުގެ ފަރާތުން އޭނާގެ ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވީ އެއްވެސް ހުށަހެޅުއްވުމެއް ނެތް ކަމަށެވެ. މާޒިންއާއި ޝަމީމްގެ ފަރާތުން ވަކީލު ޝާހިދު ހުށަހެޅުއްވީ ދައުލަތުގެ ބައެއް ހެކިން ބަލައިނުގަތުމަށެވެ.
ދައުލަތުގެ ހެކިންގެ ވަނަވަރު އުނިކުރުމަށް ފަހު ހެކިން ތަހުގީގަށް ދީފައިވާ ބަޔާންތައް ދިފާއަށް ދީފައިވާއިރު، އެ ބަޔާންތަކުން މާރާމާރީ ހިންގުމުގައި އަމަލީ ގޮތުން ބައިވެރިވި މީހަކާއި މަރުވެ ދިޔަ ފަރާތުގެ ގާތް ބަޔަކު ހިމެނޭ ކަން އެނގޭ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެއީ ދައުވާ އުފުލިފައިވާ ތިން މީހުންގެ އަދާވާތްތެރިން ކަމުގައި ބެލެވެން އޮތް ކަމަށް ވިދާޅުވެ ޝާހިދު އެދިވަޑައިގަތީ އެ ހެކިތައް ބަލައިނުގަތުމަށެވެ.
ރައްދުގައި ދައުލަތުގެ ވަކީލުން ވިދާޅުވީ ދައުވާ ރައްދުވާ ފަރާތާއި މަރުވެ ދިޔަ ފަރާތުގެ ގާތް މީހުން ހެކިންގެ ގޮތުގައި ތިއްބަސް އަދި ނެތަސް އޭގައި މުހިންމީ އެއް ހެއްކާ އަނެއް ހެއްކާ ގުޅުން ވަރު ބެލުން ކަމަށެވެ. އަދި ހެކި އެ މިންވަރަށް ވަޒަން ކުރަން ޖެހޭނީ މައުޟޫއީ ގޮތުން މައްސަލަ ބަލައި ނިމުމަށް ފަހު ކަމަށެވެ.
ދެ ފަރާތަށް ވެސް ހުށަހެޅުންތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދެ ފުރުސަތު ދެއްވުމަށް ފަހު މިއަދުގެ އަޑުއެހުން ނިންމަވާލެއްވި އެވެ. ދެން އަޑުއެހުމެއް އޮންނާނީ އަންނަ މަހުގެ ދެވަނަ ދުވަހު އެވެ.
އުދައްޔުގެ މަރާ ގުޅިގެން ކުޑަކުއްޖެއްގެ މައްޗަށް ވެސް ދައުވާ ކޮށްފައިވެ އެވެ. ކުޑަކުއްޖަކަށް ވުމުން އޭނާގެ މައްސަލަ ކުރިއަށް ދަނީ ޖުވެނައިލް ކޯޓުގަ އެވެ. މީހަކު މެރުމުގެ ކުށުގެ ދައުވާއާއި މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެ ކުއްޖާއަށް ކުރާއިރު، އުދައްޔު މަރުވީ އެ ކުއްޖާ ދިން ހަމަލާއަކުން ހާލަތު ގޯސްވެ ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށެވެ.
Comment