Advertisement

އާބިދު އިތުރު 15 ދުވަހަށް ބަންދު، ފުލުހުން ބުނަނީ ތަހުގީގު ނިމެނީ ކަމަށް

18 މޭ 2022 - 12:56 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި މުހައްމަދު އާބިދު - ފޮޓޯ: ސޯޝަލް މީޑިއާ


އާބިދު އިތުރު 15 ދުވަހަށް ބަންދު، ފުލުހުން ބުނަނީ ތަހުގީގު ނިމެނީ ކަމަށް

18 މޭ 2022 - 12:56 0

ހުޅުމާާލޭގެ ޚާންޖީ ރެސްޓޯރެންޓްގެ ވެއިޓަރަކަށް ހަމަލާދީ މަރާލި މައްސަލައިގައި ހައްޔަރުކުރި ޕާކިސްތާނު ޝެފު، މުހައްމަދު އާބިދުގެ ބަންދަށް އަނެއްކާ ވެސް 15 ދުވަހުގެ މުއްދަތެއް ކްރިމިނަލް ކޯޓުން ދީފި އެވެ.

މިދިޔަ މަހުގެ 16 ވަނަ ދުވަހު ހައްޔަރު ކުރި އާބިދުގެ ބަންދަށް މީގެ ކުރިން ދެ ފަހަރު މަތިން 15 ދުވަހުގެ ބަންދެއް ކޯޓުން ދީފައިވެ އެވެ.

އޭނާ ބަންދުގައި ހުންނަތާ މަސް ދުވަސް ވެފައިވާއިރު، ފުލުހުންގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ ފަހުން ދިން 15 ދުވަހުގެ މުއްދަތު އިއްޔެ ހަމަވުމުން ކޯޓުން އަނެއްކާ ވެސް 15 ދުވަހުގެ މުއްދަތެއް ބަންދަށް އިތުރުކޮށްދީފައިވާ ކަމަށެވެ.

އެ މައްސަލައިގެ ތަހުގީގު ގޮސްފައިވާ ހިސާބަކާ ގުޅޭ ގޮތުން ސުވާލު ކުރުމުން އޮފިޝަލް ވިދާޅުވީ ފުލުހުން މިހާރު ކުރަމުން ދަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ކުރުމަށްޓަކައި ކުރަން ޖެހޭ އެންމެ ފަހުގެ މަސައްކަތް ކަމަށެވެ.

"ތަހުގީގު ފުރިހަމަކޮށް ވީހާވެސް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މި ދަނީ މަސައްކަތް ކުރަމުން،" ފުލުހުންގެ އޮފިޝަލް ވިދާޅުވި އެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޙާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.

މަރުވި ބަންގްލަދޭޝްގެ ވެއިޓަރު އެމްޑީ ޝާހިން، 29، ގެ ހަށިގަނޑު މިހާރު ވަނީ އެ ގައުމަށް ފޮނުވާލައިފަ އެވެ. ފުލުހުން ބުނި ގޮތުގައި އެމްޑީ ޝާހިންގެ ހަށިގަނޑު ފޮނުވާލީ އާއިލާއިން އެ ކަމަށް އެދުމުންނާއި ކުރަން ޖެހޭ ތަހުލީލުތައް ކުރުމަށް ފަހު އެވެ.