16 މޭ 2022 - 10:10 0
އިސްމާއީލް އަޒްމީން
ވީއޭއެމް އިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
16 މޭ 2022 - 10:10 0
އެހެން އަހަރުތަކާ ހިލާފަށް މި އަހަރުގެ ވޮލީބޯޅަ ސީޒަނަކީ ރާއްޖޭގެ ވޮލީބޯޅަ ގައުމީ ޓީމާއި ޖުމްލަކޮށް ދިވެހި ކުޅުންތެރިންނަށް އެންމެ ބޮޑު ކުރިއެރުމެއް އަންނާނެ ސީޒަން ކަމަށް ވޮލީބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)ގެ ރައީސް މުހައްމަދު ރަނޭޝް (ރަނޭ) ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ވޮލީބޯޅަ ސީޒަން މި މަހު ފެށުމަށް ހަމަޖެހިފައިވާއިރު، އެންމެ ފުރަތަމަ އޮތީ އެސޯސިއޭޝަން ކަޕްގެ ފިރިހެން ބައިގެ ޕްރިލިމިނަރީ ކޮލިފައިން އެވެ. މިމަހުގެ 20 ގައި ފަށާ ޕްރިލިމިނަރީ ބުރުގެ މި މެޗުތަކަށް ފަހު 10 ޓީމާ އެކު އަންހެން ޑިވިޝަންގެ އެސޯސިއޭޝަން ކަޕް ވެސް ފަށާނެ އެވެ. އޭގެ ފަހުން އަންނަ މަހުން ފެށިގެން ޖުލައި އަށް ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނީ ފިރިހެން ޑިވިޝަންގެ ގައުމީ ވޮލީބޯޅަ ލީގާއި ގައުމީ ވޮލީބޯޅަ މުބާރާތެވެ.
މި ފަހަރުގެ ގައުމީ ލީގުގެ ގަވާއިދަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެންމެ ފަހުން ކުޅުނު މުބާރާތުގައި ދެ ބިދޭސީ ކުޅުންތެރިންނަށް ކުޅެވޭ ގަވާއިދަށް ބަދަލު ގެނެސް މި އަހަރު ކޮންމެ ޓީމަކަށް ތިން ކުޅުންތެރިން ސޮއިކުރުމުގެ ފުރުސަތު އޮތުމެވެ. އެހެން އަހަރުތަކާއި ޚިލާފަށް މި އަަހަރު ޓީމުތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިންނަކީ އެސޯސިއޭޝަނުން އެކުލަވާލާ ޕޫލެއްގެ ތެރެއިން ޓީމުތަކަށް ގެންދެވޭނެ ކުޅުންތެރިންނެވެ.
"އަޅުގަނޑުގެ ދައުރު ފެށިގެން އައިއިރުގައި އަޅުގަނޑު ދެއްކި ވާހަކައެއް މީ ކުލަބުތައް ބާރުވެރިކުރުވާ. ލޯކަލް ލީގެއް ވަރުގަދަ ކުރާ ވާހަކަ. އޭގެ ފެށުން މިއީ. ކޮވިޑަށް ފަަހު އަޅުގަނޑުމެންގެ ވިސްނުމާ އެއްގޮތަށް ބާއްވާ ފުރަތަމަ މުބާރާތް މިއީ" ކުރިން ރާއްޖޭގެ މަތީ ފަންތީގައި ގިނަ އަހަރުތަކެއް ވަންދެން ކުޅުނު ރަނޭޝް ވިދާޅުވި އެވެ.
ރަނޭޝް ވިދާޅުވީ ކުލަބުތައް ބާރުވެރިކޮށް ހިންގުމަށް ކުލަބުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ބަދަލުގައި މިފަހަރު ކުލަބުތަކަށް ބިދޭސީ ތިން ކުޅުންތެރިއެއް އެސޯސިއޭޝަނުން ފޯރުކޮށްދޭނެ ކަމަށެވެ. ކުލަބުތަކަށް ބޭނުންވާ ޕޮޒިޝަންތަކަށް ކުޅުންތެރިން ހޮވައި، އެ ކުޅުންތެރިންގެ ޕޫލެއް އެކުލަވާލެވި، ޑްރާފްޓް ސިސްޓަމެއްގެ ތެރެއިން ހުރިހާ ކުޅުންތެރިން ވެސް ޓީމްތަކަށް ބަހާލެވޭ ގޮތަށް ކަންކަން މިހާރު ހަމަޖެހިފައިވާކަމަށް ރަނޭޝް ވިދާޅުވި އެވެ.
"ވަކި ސިސްޓަމެއްގެ ތެރެއިން ވަކި ފޯމެޓެއްގެ ތެރެއިން ކުޅުންތެރިން ދޭން މި ނިންމީ. ގައުމީ ލީގަށް ކޮލިފައިވެފައި އޮތް ހަތަރު ކުލަބާއި، ޕްރިލިމިނަރީ ރައުންޑުގައި ކުޅޭ ހަތަރު ކުލަބަށް އަޅުގަނޑުމެން ފޮނުވީ ފޯމެއް، އެ ޓީމަށް ބޭނުންވާ ބިދޭސީ ކުޅުންތެރިންގެ ޕޮޒިޝަން ފޮނުވަން. ދެން އަޅުގަނޑުމެން ނިންމީ ދިވެހި ޓީމަށް، ދިވެހި ކުޅުންތެރިންނަށް މަންފާ ކުރާނެ ލެވެލްގެ ކުޅުންތެރިން އެ ޕޮޒިޝަންތަކަށް ގެނެސް ޕޫލެއް ހަދަން." ރަނޭ ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން މިދަނީ ޑްރާފްޓް ސިސްޓަމަކަށް، އެެއީ ކުލަބުތަކުގެ މެދުގައި ގުރެއް ނަގައި، ވަކި އޯޑަރަކުން އެބޭފުޅުން ބޭނުންވާ ކުޅުންތެރިން މި ބުނާ 18 ކުޅުންތެރިންގެ ޕޫލުން ނެގޭނީ."
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ރަނޭޝް ވާހަކަ ދައްކަވަނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
ރަނޭ ވިދާޅުވި މި ސީޒަންގައި ކޮންމެ ޓީމަކަށް ބިދޭސީ ތިން ކުޅުންތެރިން ގެނައުމަށް ގެނައި ބަދަލުގެ މައިގަނޑު ބޭނުމަކީ ޓީމުތަކުގެ ތަފާތުތައް ކުޑަކޮށް، އެއް ފެންވަރެއްގެ ޓީމްތަކެއް ތައްޔާރުކޮށް، ވާދަވެރި އަދި ފެންވަރު ރަނގަޅު މެޗުތަކެއް ކުޅުން ކަމަށެވެ.
"ކުރިން އޮންނަނީ ވަރުގަދަ ދެ ޓީމެއްގެ ކުރިމަތިލުން އާންމުކޮށް. އެކަމަކު، މި އަހަރު ވަރުގަދަ ހަ ޓީމެއް ފެނިގެންދާނެ. މި އަހަރަކު އެއްވެސް ޓީމަކަށް ޔަގީނެއް ނުވާނެ ގަދަ ހަތަރެއް. އެހާވެސް ފޯރިގަދަ ވާނެ،" ރަނޭޝް ވިދާޅުވި އެވެ.
ބިދޭސީ ކުޅުންތެރިންގެ ޕޫލުގައި ހިމެނެނީ އިންޑިއާގެ އެންމެ ޓޮޕް ލެވެލްގައި ކުޅޭ 18 ކުޅުންތެރިއެކެވެ. އިންޑިއާ އިން ކުޅުންތެރިން ގެންނަން ނިންމީ ކީއްވެގެންތޯ ސުވާލުކުރުމުން ރަނޭޝް ވިދާޅުވީ އެސޯސިއޭޝަންގެ މައިގަނޑު ވިސްނުމަކީ ރާއްޖެއާ ވާދަވެރި ގައުމުތަކަށް އިންވެސްޓް ނުކޮށް އެ މީހުންނާ ވާދަކުރެވޭ ފެންވަރަށް ރާއްޖެ ގެންދިއުމަށް އެއަށް ވުރެ ފެންވަރު ރަނގަޅު ކުޅުންތެރިން ގެނައުންކަމަށެވެ.
އެ ގޮތުން އިންޑިއާ އިން ގެންނަން ނިންމާފައިވާ 18 ކުޅުންތެރިންނަކީ ފެންވަރުގެ ގޮތުން ބަލާއިރު ސެންޓްރަލް އޭޝިއާގައި އިރާން ނެގުމަށް ފަހު އެންމެ ރަނގަޅު ކުޅުންތެރިން ކަމަށް ވެސް ރަނޭޝް ވިދާޅުވި އެވެ.
މި ކުޅުންތެރިންނަކީ އިންޑިއާގެ މަޝްހޫރު ވޮލީބޯޅަ ލީގު ކަމަށްވާ "ޕްރައިމް ވޮލީބޯލް ލީގު"ގައިވެސް ކުޅެމުން އަންނަ ކުޅުންތެރިން ކަމަށެވެ.
"އަޅުގަނޑުމެންގެ ވިސްނުމަކަށްވީ އަޅުގަނޑުމެންނާއި ވާދަވެރި އެއްވެސް ގައުމަކަށް ނުވަތަ އެގައުމެއްގެ ކުޅުންތެރިންނަށް އިންވެސްޓް ނުކުރަން. އެއީ ބަންގްލަދޭޝް، ލަންކާ އަދި ނޭޕާލް. މިއީ އަބަދު ސެންޓްރަލް ޒޯންގައި ގިނައިން ވާދަކުރާ ކުޅުންތެރިން. އެމީހުންނަށް އިންޓަނޭޝަނަލް އެކްސްޕޯޝާ ދޭން ބޭނުން ނުވީ. އެ ގޮތަށް ބަލާފައި ހަމައެކަނި އިންޑިއާ އަށް މިދިޔައީ،" އިންޑިއާ ކުޅުންތެރިންނަށް ދާން ނިންމި ސަބަބު ރަނޭޝް އޮޅުންފިލުވައިދެއްވި އެވެ.
މިހާރު ބައްޓަން ކުރެވިފައި އޮތް ގޮތަށް ގައުމީ ވޮލީބޯޅަ ސީޒަން ފަރުމާކުރުމުގައި އެންމެ ބޮޑަށް މަޝްވަރާ ކުރެވިފައިވަނީ ޓެކްނިކަލް ޓީމުންކަމަށް ރަނޭޝް ވިދާޅުވި އެވެ.
ރާއްޖޭގެ ގައުމީ ޓީމަށް ބަލާއިރު އަބަދުވެސް އިވޭ ޝަކުވާއަކީ "ބްލޮކް އާއި ޑިފެންސް"ގެ މައްސަލަ ކަމަށާއި، އެކަން އަވަހަށް ހައްލުކުރެވޭނެ ގޮތަކީ ރަނގަޅު ލޯކަލް ލީގެއް އޮތުން ކަން އޭނާ ފާހަގަކުރި އެވެ.
އަނެއްކޮޅުން ލޯކަލް ލީގު ވަރުގަދަ ކޮށް މުޅި ކުޅިވަރު ވެސް ސަޕޯޓަރުންގެ ނަޒަރުގައި ބަލައިގަނެވޭނެ އެއްޗަކަށް ހެދުމަށް ގިނަ މަޝްވަރާތަކެއް ކުރެވުނު ކަމަށާއި، ބިދޭސީ ތިން ކުޅުންތެރިން އިތުރުކޮށް ޑްރާފްޓް ސިސްޓަމެއްގެ ތެރެއިން ކުޅުންތެރިން ބެހުމަށް ނިންމި މައިގަނޑު ސަބަބަކީ ވެސް އެއީ ކަމަށް ރަނޭ ވިދާޅުވި އެވެ.
"އަޅުގަނޑުގާތު ޓެކްނިކަލް ޓީމުން އަބަދު ވެސް ބުނަނީ ރާއްޖޭގެ ކުޅުންތެރިން ޝޮޓު ޖަަހައޭ. އެކަމަކު، ޑިފެންސެއް ނުކުރެވެއޭ ބޮލޮކެއް ނުކުރެވެއޭ. އެހެންވެ އަޅުގަނޑުމެން ބެލީ މިކަންކަން ހައްލުކުރަން ލޯކަލް ލީގަށް ގެންވޭނީ ކޮންކަހަލަ ބަދަލެއްތޯ. ލޯކަލް ސީޒަނަކަށް ބަލާއިރު މީގަ އެބަޖެހޭ މުޅި މި ކުޅިވަރު ސަޕޯޓަރުންގެ ނަޒަރުގައި ބަލައިގަންނަ އެއްޗަކަށް ހަދަން،" ރަނޭޝް ވިދާޅުވި އެވެ.
"މި ތަނަށް ވަރުގަދަ މެޗުތަކެއް ވަންނަން އެބަޖެހޭ. ވޮލީގެ ރަނގަޅު ފެންވަރުގެ މެޗުތަކެއް ވަންނަން އެބަ ޖެހޭ. ސީޒަން ދިގުވާން އެބަ ޖެހޭ. މިހުރިހާކަމެއްގެ ތެރެއިން ސްޕޮންސަރުންގެ އިތުބާރުވެސް މި ލިބެނީ."
ހެންވޭރު ބޯޅަގޭގައި ރޭ ވީއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އެންމެން ވެސް ބޭނުންވަނީ ތަފާތު ނަތީޖާތަކެއް ނެރެން ކަމަށާއި ނަމަވެސް އާ ކަމެއް ތަޖުރިބާކޮށްލަން ގިނަ ބަޔަކު ފަސް ޖެހޭ ކަން ރަނޭޝް ފާހަގަކުރެއްވި އެވެ. ވީއޭއެމުން މިފަހަރު މި ގެނައި ބަދަލަކީ އާ ވިސްނުމެއްގެ ތެރެއިން ރާއްޖޭގެ ވޮލީގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ރަނޭޝް ދެކިލައްވަ އެވެ.
އެއްވަރުގެ ޓީމްތަކެއް އައިސް، ގިނަ މެޗުތަކެއް ކުޅެވި ސީޒަން ދިގުވުމަކީ ވޮލީބޯޅައިގެ ކުރިއެރުމާއި ފޯރިއަށް މުހިންމު ކަމެއްގެ ގޮތުގައި ވީއޭއެމުން ދެކެ އެވެ.
"ކުރީގައި ރާއްޖޭގައި ކުޅެފައި ނުވާ ފެންވަރުގެ 18 ކުޅުންތެރިން މި ސީޒަންގެ ތެރޭގައި ފެންނާނެ. އޭގެ މާނަ އަކީ ވޮލީއަށް ލޯބިކުރާ އެންމެންގެ އިމޯޝަންތަކާއި ކުޅެލާނެ ފެންވަރުގެ ވޮލީއެއް އިންޑޯ އިން ފެންނާނެއޭ،" ރަނޭޝް ވިދާޅުވި އެވެ.
މި އަހަރުގެ ސީޒަންގައި މައިގަނޑުކޮށް މި އޮތް ތިން މުބާރާތް ވެސް ގުޅިފައި އޮތުމަކީ ވޮލީގެ ފޯރި އިތުރުވާނެ ކަމެކެވެ. އެއް މުބާރާތެއްގެ ނަތީޖާއިން އަނެއް މުބާރާތަށް އަސަރުކުރާ ގޮތަށް އޮތުމަކީ ކޮންމެ ޓީމަކުން ވެސް ކޮންމެ މެޗަކަށް ވެސް ފޯރީގައި ނުކުންނާނެ ސަބަބެކެވެ. އޭގެ ނަތީޖާ އަކީ ފެންވަރު ރަނގަޅު ވޮލީއެއް ފެނި ސަޕޯޓަރުންނާއި ސްޕޮންސަރުން މި ކަމަށް އިތުރު އަހަމިއްޔަތުކަމެއް ދީ ޖުމްލަކޮށް ވޮލީބޯޅަ އަށް ކުރިއެރުން އައުމެވެ.
"ދެން ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ އާ ކަމެއް ކުރާތީ މިކަން ކުރާނީ ބާއޭ، ނުކުރާނީ ބާއޭ، މިކަމަށް އައި ތަފާތު ހިޔާލުތައް. އަޅުގަނޑުމެން އެބަ ބޭނުންވޭ ތަފާތު ނަތީޖާއެއް. އެކަމަކު ކަންތައްތައް ކުރަން މި ބޭނުންވަނީ ވެސް އެއް ގޮތަކަށް. އެކަމަކު، އެއްގޮތަކަށް ކޮށްގެން ތަފާތު ނަތީޖާއެއް ނުނިކުންނާނެކަން އެބަ އެނގޭ އެންމެންނަށް ވެސް،" ރަނޭޝް ވިދާޅުވި އެވެ.
މި އަހަރުގެ ސީޒަން ފަށާއިރު 18 ޓީމެއް އަންނަނީ މުބާރާތްތަކަށް ތައްޔާރު ވަމުންނެވެ. މިއީ ފަހުގެ ތާރީޚެެއްގައި ވޮލީބޯޅަ ސީޒަންގައި އެންމެ ގިނަ ޓީމަކުން ކުޅޭނެ އެއް އަހަރެވެ. އަނެއްކޮޅުން، ކޮވިޑްގެ އާލަމީ ބަލިމަޑުކަމަށް ކުޅިވަރު ހުއްޓިފައި އޮތުމަށް ފަހު ވޮލީބޯޅަ ސީޒަން ފޯރިގަދަކޮށް، ކުލަގަދަކޮށް، ފަށަން ފުރުސަތު ލިބިފައި އޮތުމަކީ މި ކުޅިވަރު އެހެން ހަރުފަތަކަށް ކުރިއަށް ގެންދިޔުމަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށް ވެސް ވީއޭއެމުން ދެކެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment