Advertisement

އާ ގާނޫނަކީ ޖަމިއްޔާތަކަށް އުންމީދެއްތަ؟

19 މޭ 2022 - 09:15 0

ސާއިފް ޝިޔާދު

ސާއިފް ޝިޔާދު

ޓްރާންސްޕޭރަންސީ އާއި ޔޫތު މިނިސްޓްރީއާ ގުޅިގެން މަދަނީ ޖަމިއްޔާތަކަށް ހިންގި ސެޝަނެއްގެ ތެރެއިން. -ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް


އާ ގާނޫނަކީ ޖަމިއްޔާތަކަށް އުންމީދެއްތަ؟

19 މޭ 2022 - 09:15 0

ތަހުޒީބީ ދުނިޔެއަކަށް ލޯހުޅުވިފައިވާ ރައްޔިތެއް ބިނާކުރުމުގައި މަދަނީ ޖަމިއްޔާ ޖަމާއަތްތަކަކީ ނުހަނު މުހިންމު ދައުރެއް އަދާކުރާ ބަޔެކެވެ. އެއީ، ގައުމެއްގެ މުސްތަގުބަލު ބިނާކުރުމުގައި މުހިންމު ބައިވެރިއެކެވެ. އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ ވަސީލަތެކެވެ. ސިޔާސަތުތައް އެކަށައެޅުމުގައި އެހީތެރިއެކެވެ.

ރަސްމީ ސިފައެއްގައި ޖަމިއްޔާ އުފެއްދުމުގެ ހުއްދަ ރައްޔިތުންނަށް ދިނުމާ ހަމައިން ފެށިގެން ރާއްޖޭގައި ދުވަހެއް ދުވަހަކަށް ދިޔައީ އެ ޖަމިއްޔާތަކުގެ ދައުރު ފުޅާވަމުންނެވެ. އިޖުތިމާއީ ގޮތުން އެންމެ ހިދުމަތްތެރި ބަޔަކީ ޖަމިއްޔާތަކެވެ. ރަށްރަށުގެ ތަރައްގީއަށް އަގުނުކުރެވޭ ފަދަ މަސައްކަތްތަކެއް މަދު ވަސީލަތްތަކާ އެކު ވެސް ހުއްޓުމެއް ނެތި ޖަމިއްޔާތަކުން އަންނަނީ ކޮށްދެމުންނެވެ.

އެހެން ނަމަވެސް، ޖަމިއްޔާތަކަށް އޮތް އެންމެ ބޮޑު ހުރަހަކަށް ވެގެންދިޔައީ ޒަމާނަށް ނުފެތޭ ގޮތަށް އޮތް ރާއްޖޭގެ ޖަމިއްޔާތަކުގެ ގާނޫނެވެ. މީގެ 19 އަހަރު ކުރިން ފެށިގެން އަމަލުކުރަމުންދިޔަ ގާނޫނު ވެގެންދިޔައީ ޖަމިއްޔާތަކަށް ބުރަ އަކަށެވެ.

ޒިންމާދާރު ގޮތެއްގައި ޖަމިއްޔާތަކަށް ހަރަކާތް ހިންގޭނެ ގޮތްތައް އޮތީ އެ ގާނޫނުން ހަނިވެފަ އެވެ. މުޖުތަމައުގެ ކުރިއެރުމަށް މަސައްކަތް ކުރެވޭނެ ސާފު މަގެއް އެ ގާނޫނަކު ނެތެވެ. އާމްދަނީ ހޯދޭނެ ނުވަތަ ލިބޭނެ ގޮތްތަކެއް ކަޅާއި ހުދުން ލިޔެވިފައެއް ނުވެ އެވެ. އެންމެ ފުރިހަމަ އުސޫލުތަކެއް ބަޔާންކޮށްދީފައި ނެތެވެ.

ޖަމިއްޔާތަކުން ޒަމާނީ ގާނޫނަކަށް ކުރަމުންދިޔަ އުންމީދުތައް ހަގީގަތަކަށް ވުމުގެ މަގުކޮށިގެން ދިޔައީ މެއި 9، ގައި އަމަލުކުރަން ފެށި އާ ގާނޫނަށެވެ. މި ބިލުގެ ތަސައްވުރަކީ އެންމެ ކުރީއްސުރެ ޖަމިއްޔާ ޖަމާއަތްތަކުން ގިރާކުރަން ޖެހިފައި ހުރި ހުރަސްތައް ނައްތާލުމެވެ. މަގުތައް ފަހިކޮށްދިނުމެވެ. ޖަމިއްޔާތަކަށް އުންމީދުތަކެއް ދިނުމެވެ.

ގާނޫނުގައި އޮތީ ޖަމިއްޔާތަކުގެ ހިޔާލު

ރާއްޖޭގައި 4،000 އަށްވުރެ ގިނަ ޖަމިއްޔާ އޮތްއިރު، އެ ހުރިހާ ބައެއްގެ ހިޔާލާއި ފިކުރު ހޯދުމަކީ އުނދަގޫ ކަމެކެވެ. ނަމަވެސް، މަޖިލީހުގެ އިޖުތިމާއީ ކޮމިޓީން ބިލު ދިރާސާކުރިއިރު 12 ޖަމިއްޔާއަކާ ބައްދަލުކޮށް ހިޔާލު ހޯދާފައިވެ އެވެ. އަދި، އޭގެ ތެރެއިން ބައެއް ހިޔާލުތައް ބަލައިގަނެ ބިލު ފާސްކުރީ އެ ހިޔާލުތައް ހިމަނައިގެންނެވެ.

"ބިލް ޑްރާފްޓް ކުރެވިގެން، ކޮންސަލްޓޭޓިވް ޕްރޮސެސްއެއްގެ ތެރެއިން ތި ގާނޫނު އައިސްފައި ތި އޮތީ. ވަރަށް ގިނަ ފަހަރު ވަރަށް ބައިވަރު ޖަމިއްޔާތަކާ މަޝްވަރާ ކުރެވި ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެވިފަ ތި އޮތީ،" ރާއްޖޭގައި އެންމެ ހަރަކާތްތެރި އެއް ޖަމިއްޔާގެ ގޮތުގައި ފެންނަ ހުވަދޫ އެއިޑްގެ ޗީފް އެޑްވައިޒަރު އިމާދު އަހްމަދު "އަދަދު"އަށް ވިދާޅުވި އެވެ.

ގާނޫނު އަސާސީގެ 30 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ޖަމިއްޔާ ޖަމާއަތްތައް ހެދުމަކީ ކޮންމެ މީހަކަށް ވެސް ވީހާވެސް ފުޅާކޮށް ލިބިފައިވާ ހައްގެއްކަން ކަށަވަރުކުރުމުގެ ގޮތުން، ޖަމިއްޔާތަކުން ރަޖިސްޓްރީ ފީއެއް ނުނެގުމަށް ހުށަހެޅި ހުށަހެޅުން ބަލައިގަނެ ކޮމިޓީން ބިލުގައި ހިމެނި އެވެ.

ޓްރާންސްޕޭރަންސީން މައުލޫމާތު ހޯދައި ލިބިދިނުމުގެ ހައްގާ ގުޅޭ ހަރަކާތެއް. -ފޮޓޯ: ޓްރާންސްޕޭރަންސީ މޯލްޑިވްސް


"މި ގާނޫނުން މަދަނީ މާހައުލު މިހާރަށްވުރެ ހުޅުވާލައި މަދަނީ ޖަމިއްޔާތައް ހިންގަން ބާރު ދޭނެ. ރާއްޖޭގައި ޖަމިއްޔާތައް ހިންގަން އެތަކެއް ގޮންޖެހުންތަކެއް އެބަހުރި،" މީގެ 19 އަހަރު ކުރިން ޖަމިއްޔާތަކުގެ ގާނޫނަށް އަމަލުކުރުން ހުއްޓާލައި އާ ގާނޫނަށް އަމަލުކުރަން ފެށުމުގެ މުހިންމުކަމާ ގުޅޭ ގޮތުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުންޏެވެ.

"ޖަމިއްޔާތަކުގެ ރަޖިސްޓްރާ ކަނޑައެޅުމުގެ ގޮތް އެބައޮތް. ރަޖިސްޓްރާ އަށް ލަފާ ދިނުމަށްޓަކައި 11 މެމްބަރުންގެ ކޮމިޓީއެއް ޖަމިއްޔާތަކުގެ މަންދޫބުންގެ ތެރެއިން ނެގިގެންދާނެ ކަމީ ވަރަށް ބޮޑު ކުރިއެރުމެއް،" މި ސަރުކާރުގައި ޖަމިއްޔާތަކުގެ ރަޖިސްޓްރާގެ މަގާމު އަދާކުރެއްވި އަހްމަދު އިރާޝް މިނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވި އެވެ.

ޖަމިއްޔާތަކުގެ ރަޖިސްޓްރާ އަށް ލަފާ ދޭ ކޮމިޓީއަށް 30 ދުވަހުގެ ތެރޭގައި ސިއްރު އިންތިހާބަކުން ޖަމިއްޔާތަކުގެ މަންދޫބުން އައްޔަނުކުރަން ޖެހެ އެވެ. މިއީ ވެސް ކުރިއަށް އޮތް ތަނުގައި ޖަމިއްޔާތައް ބާރުވެރިކުރުމުގެ ގޮތުން ހިމަނާފައިވާ މާއްދާއެކެވެ.

"އަތޮޅު ތެރޭގައި އާއި މާލޭގައި ޖަމިއްޔާތައް ހިންގުމަށް ސަރުކާރުން ފޯރުކޮށްދޭ ސްޕޭސް [މިނިވަންކަން] އެއީ ޖަމިއްޔާތަކުގެ ހަރާކާތްތައް ހަރުދަނާކޮށް ކުރިއަށް ގެންދިޔުމަށް ލިބިގެންދާނެ ވަރަށް ބޮޑު ބާރެއް،" އާ ގާނޫނުގެ މުހިންމުކަން ފާހަގަކުރައްވަމުން އިރާޝް ވިދާޅުވި އެވެ.

މާލީ އެހީ ލިބޭނެ މަގު ގާނޫނުން

ރާއްޖޭގައި ޖަމިއްޔާތަކުގެ ހަރަކާތްތައް ވަޅުޖެހިފައި ވަނީ ހަރަކާތްތެރިވާނެ ފައިސާ ނެތުމުންނެވެ. މަދު ފަހަރަކު މެނުވީ ޖަމިއްޔާއެއްގެ ހަރަކާތަކަށް ފައިސާގެ އެހީ ނުލިބެ އެވެ. ސަރުކާރުންނާއި ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ އެހީ ލިބެނީ ގިނަ ފަހަރަށް އާދޭސް ކޮށްގެންނެވެ. ނުވަތަ ކޮންމެވެސް ނުފޫޒުގަދަ މީހެއްގެ ބާރުންނެވެ.

އާ ގާނޫނުގެ ތަސައްވުރަކީ ޖަމިއްޔާތަކުން އެހީ ހޯދުމަށް ސަލާން ޖެހުން މަދުކޮށް ހުއްޓުމަކަށް ގެނައުމެވެ.

"ޖަމިއްޔާތަކަށް ހިލޭ އެހީ ފޯރުކޮށްދިނުމަށް މިނިސްޓްރީގެ ބަޖެޓުގެ ތިން ޕަސެންޓަށްވާ ފައިސާ ހިމަނަންވާނެ އެވެ،" އާ ގާނޫނުގައި ބަޔާންކޮށްފައިވެ އެވެ.

އޭގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު)ގެ ގޮތުގައި ކަނޑައަޅާ ފައިސާގެ 25 ޕަސެންޓު ވެސް ޖަމިއްޔާތަކަށް ފޯރުކޮށްދޭން ޖެހެ އެވެ. އެކަން ކުރަން ޖެހެނީ މިނިސްޓްރީން ކަނޑައަޅާ އުސޫލަކުންނެވެ. ހަމައެހެންމެ، ޖަމިއްޔާތަކަށާއި، އެހީ ދޭ ވިޔަފާރިތަކަށް ޓެކުހުން ލުއި ލިބޭނެ އުސޫލުތަކެއް ކަނޑައެޅުމަށް ވެސް ހިމަނާފައިވެ އެވެ.

މިއީ ރާއްޖޭގެ ތާރީހުގައި ގާނޫނެއްގައި ހިމަނައިގެން ޖަމިއްޔާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭނެ ފުރަތަމަ ފަހަރެވެ. ދެފަހަރެއްގެ މަތިން ގްރާންޓް ޕްރޮގްރާމްތަކެއް މި ސަރުކާރުން ވެސް ކުރިއަށް ގެންދިޔަ އެވެ.

"ދައުލަތުން ޖަމިއްޔާތަކަށް ފައިސާ ދިނުމަކީ އޭގެ ޒާތަށް ބަލާއިރު މުހިންމު ކަމެއް ނޫން. ނަމަވެސް، ރާއްޖޭގައި ޖަމިއްޔާތައް ވަރަށް ވީކް [ބަލިކަށި]. އެހެންކަމުން ގާނޫނުގައި ދައުލަތުގެ މައްޗަށް އެހީ ދިނުން ލާޒިމްކުރުން ވެގެންދާނީ ޖަމިއްޔާތަކުގެ މަސައްކަތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް،" އިމާދު ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި ޖަމިއްޔާތަކަކީ ސަރުކާރަށް ބަރޯސާވެގެން ހިންގަން ޖެހޭ ތަންތަނެއް ނޫނެވެ. އެއީ، ޖަމިއްޔާތަކުން ކުރަނީ ހަމައެކަނި ދައުލަތުގެ މަސައްކަތްތަކަށް ނުވާތީ އެވެ.

"ދައުލަތުގެ ހިންގުމަށް ގެންނަން ޖެހޭ ބަދަލުތަކާއި، އެ ޖަމިއްޔާއެއްގެ އުސޫލުތަކުގެ މައްޗަށް ވަކާލާތުކުރާ ޖަމިއްޔާތައް މި އުޅެނީ. އެ މަސައްކަތަށް ފައިސާ ދިނުން ލާޒިމެއް ނޫން ކޮންމެހެނެއް،" ޖަމިއްޔާ ޖަމާއަތްތައް އަމިއްލަ ފައި މައްޗަށް ތެދުވުމުގެ މުހިންމު ކަމާ ގުޅޭގޮތުން އިމާދު ވިދާޅުވި އެވެ.

ބައެއް މާއްދާތަކާ މެދު ކަންބޮޑުވުން

ދިގު 19 އަހަރަށް ފަހު އާ ގާނޫނެއް ލިބުމަކީ ކުރިއެރުމަކަށްވި ނަމަވެސް އަދިވެސް ގާނޫނުގައި އިސްލާހު ކުރަން ޖެހޭ ބައެއް މާއްދާތައް އެބަހުއްޓެވެ. އެގޮތުން، ބައިނަލްއަގްވާމީ ޖަމިއްޔާއެއްގެ ގޮތްޕެއް ރާއްޖޭގައި ގާއިމުކުރުމަށް ހުރި ހުރަސްތަކެވެ. އާ ގާނޫނުގެ 39 ވަނަ މާއްދާގެ ހ. އޮތް ގޮތުން އެކަން އެގޮތަށް ކުރުމަށް ދަތިތަކެއް ކުރިމަތިވާނެ އެވެ.

"އެ ޖަމިއްޔާގެ އަސާސީ ގަވާއިދަށް ބަދަލެއް ގެނައުމަށް ޖަމިއްޔާގެ ފަރާތުން ނިންމާތާ ގިނަވެގެން 15 ދުވަހުގެ ތެރޭ، އެ ބަދަލެއް އެނގޭނެ ގޮތަށް، އާ އަސާސީ ގަވާއިދާއި އެ ބަދަލު އެނގޭނެ ގޮތަށް، އާ އަސާސީ ގަވާއިދާއި އެ ބަދަލު ގެނައުމަށް ނިންމާފައިވާ ޖަމިއްޔާގެ ނިންމުމާއެކު ރަޖިސްޓްރާއަށް ހުށަހަޅަން ވާނެ،" މިއީ އެ މާއްދާ އޮތް ގޮތެވެ.

ބޭރުގެ ބޮޑު ޖަމާއަތެއް ނުވަތަ ޖަމިއްޔާގެ ގޮތްޕެއް ހުޅުވާނަމަ، 15 ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް ފުރިހަމަކުރުމަކީ ވުމަށް ވުރެން ނުވުން ގާތް ކަމެކެވެ. މިވަގުތު ވެސް ރާއްޖޭގައި ބޭރު ޖަމިއްޔާތަކާއި ގުޅިގެން ގޮފިތަކެއް ހިންގަމުންދާއިރު، މިއީ މިފަދަ އިތުރު ޖަމިއްޔާތަކަށް ފުރުސަތު ގެއްލޭނެ ކަމެކެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ކުޑަކުދިން ހޭލުންތެރިކުރުވަން އާކްއިން ތައްޔާރުކުރި ފޮތެއް. -ފޮޓޯ: އާކް


"މި މާއްދާ އުނި ކުރަން ނުވަތަ ބޭރުގެ ޖަމިއްޔާގެ ގޮތްޕެއް ރާއްޖޭގައި ރަޖިސްޓްރީ ކުރާއިރު ނަން އެއްގޮތްވާނަމަ، ބޭރުގެ ޖަމިއްޔާގެ ހުއްދަ ދީފައިވާ ކަމުގެ ލިޔުމެއް ނުވަތަ އެހެން ގޮތަކުން ވެސް އެކަން ވެރިފައި ކުރެވޭނެ ގޮތެއް ގާނޫނުގައި ހިމެނުމަށް [ހުށަހެޅިން]،" ބޭރުގެ ޖަމާއަތަކާ ގުޅިގެން ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ޖަމިއްޔާ ކަމަށްވާ ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން މި ނޫހަށް ބުންޏެވެ.

އެކަމަކު ޖަމިއްޔާތަކުގެ ބިލުގައި އެފަދަ މާއްދާއެއް ހިމަނާފައެއް ނުވެ އެވެ. މިއީ އޮތް ކަންބޮޑުވުމެކެވެ.

އާ ގާނޫނު ބުނާ ގޮތުން 16 އަހަރު ވެފައިވާ ކޮންމެ މީހަކަށް ޖަމިއްޔާއެއްގެ މެމްބަރަކަށް ވެވިދާނެ އެވެ. އެހެން ނަމަވެސް، ހިންގާ ކޮމިޓީގެ މެމްބަރަކަށް ވެވޭނީ 18 އަހަރު ވެފައިވާނަމަ އެވެ.

"ޖަމިއްޔާތަކުގައި ހަރަކާތްތެރިވުމުގެ ހައްގު ހުރިހާ ރައްޔިތުންނަށް ފުޅާ ދާއިރާއެއްގައި ހޯދައިދިނުމުގެ ގޮތުން ވަކި އުމުރެއް ނުވަނީސް ޖަމިއްޔާއެއްގެ ހިންގާ ކޮމިޓީގެ މެމްބަރަކަށް ވުމަށް އޮތް ހުރަސްތައް ނައްތާލުމަށް ހުށަހެޅިން. ނަމަވެސް، އެ އުމުރު ވަނީ 18 އަހަރަށް އިތުރުކޮށްފައި،" އާ ގާނޫނުގައި ހުރި ބައެއް ގޯސްތައް ފާހަގަކޮށް ޓްރާންސްޕޭރެންސީން ބުންޏެވެ.

"18 އަހަރު ނުވާ ކުދިންނަށް އަމިއްލަ އިހުތިޔާރުގައި ވަރަށް ގިނަ ކަންކަން ނުކުރެވޭ. ވޯޓުލުމުގެ ހައްގެއް ނުލިބޭ،" އެ މާއްދާ އެއީ އޮންނަން ޖެހޭ މާއްދާއެއް ކަމަށް ފާހަގަކުރައްވަމުން މި ނޫހަށް މައުލޫމާތު ދެއްވި އިރާޝް ވިދާޅުވި އެވެ.

ހަމައެހެންމެ، ހަމަހަމަ އުސޫލެއްގެ ތެރެއިން މާލީ އެހީ ފޯރުކޮށްދެވޭނެ ގޮތްތަކެއް ހަމަޖައްސަން ޖެހޭ ކަމަށް ވެސް މި ރިޕޯޓަށް މައުލޫމާތު ދިން ޖަމިއްޔާތައް ތަމްސީލުކުރާ ބޭފުޅުން ފާހަގަކުރި އެވެ.

"މިފަދަ ގްރާންޓް ޕްރޮގްރާމެއް ހިންގަން ޖެހޭނީ ވަރަށް ހަރުދަނާ ދެފުށް ފެންނަ ސިޔާސަތެއްގެ ދަށުން. ވަރަށް ވިސްނުންތެރިކަމާއެކު އަޅުގަނޑުމެން ބޭނުންވާ މަގްސަދުތައް ހާސިލްކުރެވޭނެ ގޮތަށް،" ކުރިން މައުލޫމާތު ދެއްވި ހުވަދޫ އެއިޑްގެ އިމާދު ވިދާޅުވި އެވެ.