Advertisement

އަންމަޓީ ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

15 މޭ 2022 - 13:32 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


އަންމަޓީ ދޫކޮށްލި އަމުރަށް ހައި ކޯޓުން ތާއީދުކޮށްފި

15 މޭ 2022 - 13:32 0

ސީލައިފް ފްލެޓްތަކުގެ މައްސަލައިގައި ހިޔާނާތުގެ ދައުވާ އުފުލާފައިވާ އެ އެ ކުންފުނީގެ ވެރިޔާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ބަންދުން ދޫކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުން ވެސް ދަމަހައްޓައިފި އެވެ.

ފްލެޓް އަޅައިދޭން އަހްމަދު މޫސާއަށް ގިނަ ބަޔަކު ދިން ފައިސާއަށް ހިޔާނާތްތެރިވި ކަމަސް ބުނެ އަންމަޓީއަށް ދައުވާ ކުރި މައްސަލައިގައި މީގެ ކުރިން ދެ ފަހަރެއްގެ މަތިން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލުމުން ވެސް ބަންދު ކުރީ ހައި ކޯޓުންނެވެ. ފަހުން ތިންވަނަ ފަހަރަށް ވެސް އަންމަޓީ ދޫކޮށްލި އެވެ.

މި ފަހަރު ވެސް ދައުލަތުން ހައި ކޯޓުގައި މައްސަލަ އިސްތިއުނާފް ކުރުމުން ކޯޓުން މިއަދު ނެރުނު ހުކުމުގައި ވަނީ ދަށު ކޯޓުން އަންމަޓީގެ ބަންދަށް ލުއިދޭން ނިންމީ ރަނގަޅަށް ކަމަށެވެ. އެ ގޮތުން އޭނާ ބަންދުން ދޫކޮށްލާފައިވަނީ އޭނާ ފިލައިގެން ނުދެވޭނެކަން ކަށަވަރު ކުރުމަށް ފަހުގައި ކަމަށް ހުކުމުގައިވެ އެވެ.

އަހްމަދު މޫސާގެ ޕާސްޕޯޓާއި ޓްރެވެލް ޑޮކިއުމަންޓް ހިފަހައްޓާފައިވެ އެވެ. އޭގެ އިތުރުން ޕާސްޕޯޓްގެ މުއްދަތު ވެސް ވަނީ ހަމަވެފަ އެވެ.

ހައި ކޯޓުން މި ހުކުމް ނެރުނީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޝުއައިބް ހުސައިން ޒަކަރިއްޔާއެވެ. ދެން ތިއްބެވީ ފަނޑިޔާރު ފާތިމަތު ފަރުހީޒާގެ އިތުރުން ފަނޑިޔާރު މުހައްމަދު ފައިސަލެވެ.

ޝަރުތުތަކާއެކު އަންމަޓީ ދޫކޮށްލަން ދަށު ކޯޓުން އެންމެ ފަހުން ނިންމި މައްސަލަ ހައި ކޯޓުގައި ދައުލަތުން ފުރަތަމަ އިސްތިއުނާފް ކުރަނީ ދެ ދުވަސް ފާއިތުވާ ފަހުންނެވެ. ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދަކަށް ރިއާޔަތްކޮށް އެ މުއްދަތު ފަހުން ހުށަހެޅި ނަމަވެސް ކޯޓުން މައްސަލަ ބޭރުކޮށްލި އެވެ.

ދެން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން ނިންމީ ދައުލަތުން ރިއާޔަތް ކުރި ގަވާއިދު އޮތީ ގާނޫނާ ހިލާފަށް ކަމުގަ އެވެ. އެކަމަކު ގާނޫނާ ހިލާފަށް ކަމަށް ކޯޓުން ކަނޑައެޅުމުގެ ކުރިއަށް ހުށަހެޅިފައިވާ މައްސަލަތައް ގެންދަން އެންމެ މަތީ މަރުހަލާގެ ކޯޓުން ނިންމައި އަމުރު ކުރި އެވެ.

އެޗްޑީސީ އާއި ސީލައިފް ގްލޯބަލް އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު ވެފައިވާ އެއްބަސްވުމެއްގެ ދަށުން ހުޅުމާލޭގައި 3000 ހައުސިން ޔުނިޓް އެޅުމަށް، ހަވާލުކޮށްފައި ވަނިކޮށް އެއްބަސްވުމުގައިވާ މުއްދަތުގައި ހައުސިން ޔުނިޓްތައް އެޅުމުގެ އަމަލީ މަސައްކަތް ފުރިހަމައެއް ނުކުރެ އެވެ. އަދި މަކަރާއި ހީލަތުން އެކި މީހުން އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނަގައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަަމުގެ ތުހުމަތު އަންމަޓީގެ މައްޗަށް ކުރެވުނެވެ.

އެ ތުހުމަތުގައި އޭނާ ހޯދުމަށް ރެޑް ނޯޓިސް ވެސް ނެރެފައިވަނިކޮށް އޭނާ ހައްޔަރުކުރީ ލަންކާގައި ފިލައިގެން އުޅެނިކޮށެވެ. އެކަމަކު އަންމަޓީ ބުނަނީ އެނާ ލަންކާގައި އުޅުނީ އެ ގައުމު މީހަކާއި ކައިވެނިކޮށްގެން ކަމަށާއި، ލަންކާގައި ދިރިއުޅުން ބައްޓަން ކުރެވުނުތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި، ލަންކާގައި އުޅުނީ ދިވެހި ދައުލަތަށް ފިލައިގެން ނޫން ކަމަށެވެ.

އަންމަޓީގެ މައްޗަށް ހިޔާނާތުގެ 42 ދައުވާއެއް އުފުލާފައިވެ އެވެ. އެ ހުރިހާ މައްސަލައެއްގެ ވެސް ޝަރީއަތް ކުރިއަށް ދަނީ ވަކިވަކިންނެވެ. އެއީ، އޭނާ ހިޔާނާތްތެރިވި ކޮންމެ މީހެއްގެ މައްސަލަ ވަކިންނެވެ.