Advertisement

އެމްޑީޕީ އިންތިހާބުގެ ނަތީޖާ އަނބުރައިލި މުހިންމު ދާއިރާތައް

15 މޭ 2022 - 10:27 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް

ކާމިޔާބަށްފަހު ފައްޔާޒު ސަޕޯޓަރަކާއެކު. - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު


އެމްޑީޕީ އިންތިހާބުގެ ނަތީޖާ އަނބުރައިލި މުހިންމު ދާއިރާތައް

15 މޭ 2022 - 10:27 0

އެމްޑީޕީގެ ތާރީހުގައި ވެސް އެތެރޭގެ އެންމެ ހޫނުގަދަވި އިންތިހާބުގައި ދެ ކެންޑިޑޭޓުންނަށް ވެސް ބޮޑު ޔަގީންކަމެއް އޮތް މުހިންމު ދާއިރާތަކެއް އޮތެވެ. އެ ދާއިރާތަކުގެ ކޮންޓްރޯލް މާބޮޑަށް އޮންނާނެ ކަމުގެ ވަކާލާތު ކެމްޕެއިން ކުރައްވަމުން ގެންދެވިއިރު, އިއްޔެ ބޭއްވި އިންތިހާބުން ނުކުތް ނަތީޖާއިން ތަފާތު މަންޒަރުތަކެއް ދައްކައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ތާއިދާ އެކު ނުކުންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލަށް ގިނަ އަތޮޅުތަކާއި އައްޑޫ ސިޓީން މެޖޯރިޓީ ލިބުނުއިރު, މާލޭ ސިޓީން ވެސް ހީނުކުރާވަރުގެ ނަތީޖާއެއް ނެރުނެވެ. ރައީސް މުހައްމަދު ނަޝީދާއެކު ހުންނެވި އިމްތިޔާޒުގެ އަރިހުގައި މާލޭގެ ގިނަ މެންބަރުންތަކެއް ތިއްބެވުމާއެކު ވެސް މާލޭން އިމްތިޔާޒަށް ކުރި ހޯދިފައިވަނީ ކުޑަ ތަފާތަކުންނެވެ.

މި ނަތީޖާއަކީ ފައްޔާޒާއި އިމްތިޔާޒުގެ ނަމުގައި އޮތް ނަތީޖާއެއް ނަމަވެސް, މިއީ ދެ ރައީސުންގެ ތާއިދު ކިރަން ވެސް މިހާރު ބަލަން ޖެހޭ ހިސާބެވެ.

ވަގުތީ ނަތީޖާތައް ދައްކާ ގޮތުން، އިންތިގެ މައްޗަށް ފައްޔާޒް ކުރި ހޯއްދަވާފައިވަނީ 7،000 އަށް ވުރެ ގިނަ ވޯޓުގެ ތަފާތަކުންނެވެ. އިންތިހާބުގައި ދެ ކެނޑިޑޭޓުންނަށް އޮތް ތާއީދުގެ މަންޒަރު ދުރާލައި ކޮންމެވެސް ވަރަކަށް ސިފަވި ނަމަވެސް، ނަތީޖާގެ ފަރަގު ބޮޑުވެގެން އައިސްފައިވަނީ، ހީނުކުރާ ބައެއް ދާއިރާތަކުގެ ތާއީދު އެނބުރިގެން ދިޔުމުންނެވެ.

މިގޮތުން އެންމެ ބޮޑު ފަރަގަކުން ފައްޔާޒު ކާމިޔާބު ކުރައްވާފައި ވަނީ، ރައީސް ސޯލިހު ނިސްބަތްވާ އަދި އެ މަނިކުފާނު ވެސް ވޯޓު ދެއްވި ހިންނަވަރު ދާއިރާއިންނެވެ. ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުން ރައީސް ސޯލިހު ފަސް ދައުރު މެމްބަރުކަން ކުރެއްވި ހިންނަވަރު ދާއިރާއިން ފައްޔާޒަށް 94 ޕަސެންޓުން ލިބިފައިވާއިރު އިމްތިޔާޒަށް ލިބިވަޑައިގަތީ ހަ ޕަސެންޓް ވޯޓެވެ. އެއީ ފައްޔާޒަށް 838 ވޯޓު އަދި އިމްތިޔާޒަށް 52 ވޯޓެވެ.

ނަޝީދު ތަމްސީލު ކުރައްވާ މައްޗަންގޮޅީ މެދު ދާއިރާ އިމްތިޔާޒު ބޮޑު ތަފާތަކުން ހޯދާނެ ކަމަށް ބެލެވިފައި އޮތަސް, އިމްތިޔާޒަށް ފައްޔާޒަށްވުރެ އިތުރަށް އެ ދާއިރާއިން ހޯދުނީ 30 ވޯޓެވެ. އެއީ 160 އެވެ. ފައްޔާޒު އަށް ލިބިވަޑައިގަތީ 130 ވޯޓެވެ.

މާލޭ ސިޓީއަށް ނިސްބަތްވާ ގިނަ މަޖިލިސް މެންބަރުންތަކެއް އިމްތިޔާޒުގެ ޓީމްގައި ތިއްބެވުމުން, މާލޭގެ މެޖޯރިޓީ އިމްތިޔާޒު ނަގާނެ ކަމަށް މާކުރިން ވެސް އޮތީ ހިސާބު ޖެހިފަ އެވެ. މިގޮތުން، ނަޝީދު ނިސްބަތްވާ، އަދި އެ މަނިކުފާނުގެ ތާއިދު އެންމެ ވަރުގަދަ ގަލޮޅު އުތުރު ދާއިރާއިން އިމްތިޔާޒު 76 ޕަސެންޓް ވޯޓާއެކު ބޮޑު ތަނުން ކުރީގައި އުޅުނެވެ.

އިމްތިޔާޒު ފަހުމީ ތަމްސީލުކުރައްވާ މާފަންނު އުތުރު ދާއިރާގައި 236 މީހުން ވޯޓު ލާފައިވާއިރު އޭނާއަށް ލިބިވަޑައިގަތީ 75 ޕަސެންޓް ވޯޓެވެ. އެއީ 178 ވޯޓެވެ. ފައްޔާޒު 25 ޕަސެންޓް ހޯއްދެވީ 58 ވޯޓުންނެވެ.

ނަމަވެސް، އިންތިހާބުގެ ކުރިން ހީކުރެވުނު ބޮޑު ތަފާތެއް މާލެއަކުން އިންތިއަށް ނުހޯދުނެވެ. އިންތިހާބުގެ ވަގުތީ ނަތީޖާއަށް ބަލާއިރު، މާލޭ ސިޓީގެ އަގުލަބިއްޔަތު އިމްތިޔާޒް ހޯއްދެވީ ކުޑަ ތަފާތަކުންނެވެ. އިމްތިޔާޒަށް މާލޭ ސިޓީން ޖުމްލަ 1،920 ވޯޓު ލިބިވަޑައިގެންނެވިއިރު، ފައްޔާޒަށް ވަނީ 1،873 ވޯޓު ލިބިވަޑައިގެންފަ އެވެ.

މާލޭ ސިޓީގެ ޖުމްލަ ނަތީޖާއިން އިންތި ކުރި ހޯއްދެއްވި ނަމަވެސް، ހުޅުމާލެ ދާއިރާ އާއި ހެންވެއިރު ދެކުނު ދާއިރާ އާއި މައްޗަންގޯޅި ދެކުނުގެ އިތުރުން މާފަންނު ދެކުނު ދާއިރާގެ ވޯޓުން ކުރި ހޯއްދަވައިފައިވަނީ ފައްޔާޒެވެ.

މާލެ ނަގާފައި ދެން އޮތް އެންމެ ބޮޑު ސިޓީން ވެސް ދެ ކެންޑިޑޭޓުންގެ މެދުގައި މާބޮޑު ފަރަގެއް ނެތެވެ. އައްޑޫ ސިޓީގެ ވަގުތީ ނަތީޖާއިން 171 ވޯޓުގެ ތަފާތަކުން ކުރި ހޯއްދެވީ ފައްޔާޒެވެ. މުޅި އައްޑޫ ސިޓީން ފައްޔާޒަށް 2،348 ވޯޓު ލިބިވަޑައިގެންނެވިއިރު، އިމްތިޔާޒަށް 2،177 ވޯޓު ލިބިވަޑައިގެންނެވި އެވެ.

އައްޑޫ ސިޓީގެ ދާއިރާތަކުގެ ތެރެއިން އިމްތިޔާޒަށް ފައްޔާޒުގެ މައްޗަށް ކުރި ހޯއްދެވުނީ ހަމައެކަނި ހިތަދޫ މެދު ދާއިރާއިންނެވެ. ކެމްޕެއިންގައި އައްޑޫއަށް ނިސްބަތްވާ ގިނަ މެންބަރުން ތިއްބެވީ ފައްޔާޒާ އެކު އެވެ. ފައްޔާޒާއެކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ކެމްޕެއިންގައި އުޅުއްވި އެވެ. އެ ސިޓީގެ މޭޔަރު އަލީ ނިޒާރު ވެސް ހުންނެވީ ފައްޔާޒާ އެކު އެވެ.

ވާދަވެރި އިންތިހާބުގައި އަތޮޅު ތެރޭގެ ގިނަ ދާއިރާތަކުގެ ތާއީދު އޮތްކަން ފެނުނީ ފައްޔާޒަށެވެ. އެ ގިނަ ދާއިރާތަކުގެ މަޖިލިސް މެންބަރުން ވެސް ތިއްބެވީ ފައްޔާޒުގެ ޓީމްގައި ކަމުން, ފައްޔާޒުގެ ކެމްޕެއިން ދާއިރާތަކުގައި ވަރަށް ގަދައަށް ކުރި އެވެ. އަތޮޅު ތެރެއަށް ނިސްބަތްވާ ދާއިރާތަކުގެ ތެރެއިން އިމްތިޔާޒުގެ ފަޅީގައި ތިއްބެވީ މަދު މެންބަރެކެވެ.

ފައްޔާޒު ކުރިން މެމްބަރުކަން ކުރެއްވި އަދި އެ މަނިކުފާނުގެ އެންމެ ވަރުގަދަ ގަމު ދާއިރާގެ 65 ޕަސެންޓް ހޯއްދަވާފައިވަނީ 778 ވޯޓުންނެވެ. އިމްތިޔާޒަށް އެ ދާއިރާގެ 35 ޕަސެންޓް ލިބިވަޑައިގަތީ 414 ވޯޓުންނެވެ. ގަމު ދާއިރާގެ ހަ ފޮށީގެ ތެރެއިން އިމްތިޔާޒު ކުރި ހޯއްދެވީ އެންމެ ފޮއްޓަކުންނެވެ. އެމްޑީޕީގެ އެތެރޭގެ އިންތިހާބު ފައްޔާޒް ކާމިޔާބުކުރެއްވީ 58 ޕަސެންޓު ވޯޓާއެކުގަ އެވެ. އިމްތިޔާޒަށް ލިބިވަޑައިގެންނެވީ 42 ޕަސެންޓު ވޯޓެވެ.