Advertisement

25 އަހަރު ފަހުން ޔަތީމު ކުއްޖެއް އަމިއްލަކޮށް އާޒިމްގެ ދެމަފަރިން ދެއްކި ނަމޫނާ

16 ޖޫން 2022 - 09:51 0

ފާތިމަތު އަޖްފާން

ފާތިމަތު އަޖްފާން


25 އަހަރު ފަހުން ޔަތީމު ކުއްޖެއް އަމިއްލަކޮށް އާޒިމްގެ ދެމަފަރިން ދެއްކި ނަމޫނާ

16 ޖޫން 2022 - 09:51 0

"އެންމެ ފުރަތަމަ ބޭބީ ގެއަށް ގެނައި ދުވަހުން ފެށިގެން އަމިއްލަ ދަރިއެއް ލިބުނު ކަމުގެ އިހުސާސް ކުރެވުނު. ބުނެދޭން ނޭންގޭހާވެސް އުފާވި. މިހާ ގިނަ ދުވަސްކޮށްފަ ދަރިއަކު އަމިއްލަ ކުރަން، މައިން ބަފައިންގެ ލޯބި ދޭނެ ކުއްޖަކު ލިބުނީމަ،"

ދަރިއަކު ހޯދުމަށް އުތުރުގެ ރަށަކަށް ނިސްބަތްވާ، އަހުމަދު އާޒިމްގެ ދެމަފިރިން ކުރި 25 އަހަރުގެ ދިގު އިންތިޒާރުގައި ކުލަ ޖެހި ދިރިއުޅުމަށް އުފާވެރިކަން ގެނެސްދިން ގޮތުގެ ވާހަކަ އޭނާ ފެށީ ހިނިތުންވުމާ އެކު އެވެ.

ދެ އަހަރުގެ މަސައްކަތުން ދައުލަތުން ޔަތީމު ކުއްޖަކު ބަލަން އެ ދެމަފިރިން ހަވާލުވީ އެވެ. އެއީ ކިހާ ބޮޑު ޒިންމާއެއްކަން މީގެ ކުރިން ތަޖުރިބާ ކުރެވިފައި ނުވި ނަމަވެސް އެ ދެމަފިރިންނަށް ދަރިއެއްގެ ލޯބި ދެވޭނެކަން ޔަގީންވާތީ އެވެ.

އަހަރު ނުވާ އާލާ ގެނެސް ބަލަން ފެށުމަކީ އެ ދެމަފިރިންގެ އިތުރުން އާއިލާއަށްވެސް ލިބުނު އުފާވެރިކަމެކެވެ.

"އާއިލާ މީހުންވެސް ނުފެނި، އެހެން ދުވަހެއް ދިޔަސް، ގުޅާނެ. ހާލު ބަލާނެ. ވަރަށް ލޯބިވޭ ހަމަ އެންމެންވެސް. އަމިއްލަ ދަރިއެއްހެން ލޯބިދޭ،" އާޒިމް ކިޔައިދިނެވެ.

ދީނުގައި ޔަތީމު ކުދިން ބެލުން

ޔަތީމު, ފަގީރު އަޅާލާނެ މީހަކު ނެތިފައި ތިބި ކުޑަކުދިން އެމީހެއްގެ އަމިއްލަ ދަރިއެއް ފަދައިން ތަރުބިއްޔަތުކޮށް މުޖްތަމައު ތެރެއަށް ނެރެދިނުމަކީ އިސްލާމް ދީން އެކަމަކަށް ވަރަށް ބޮޑަށް ބާރު އަޅާ ކަމެކެވެ.

ހާއްސަގޮތެއްގައި އާއިލާ ގެއްލި ގޮސްފައިވާ ކުދީން، ނުވަތަ ހާދިސާ އެއް މެދުވެރިވެގެން އާއިލާ އެއް ނެތް ކުދީންނެވެ. ނުވަތަ އެނޫންވެސް ގޮތަކުން އަޅާލާނެ މީހަކު ނެތިފައިވާ ތުއްތު ކުދިންނެވެ. ނަމަވެސް، އެކަން ކުރަން އޮންނަނީ ކުއްޖާގެ ނަސަބު ބަދަލުކުރުމަކާ ނުލާ އެވެ.

ކުޑަކުދިންގެ ހިޔާ ނުވަތަ ދައުލަތުގެ ބެލުމުގެ ދަށުގައި ވެސް ތިބެނީ މިފަދަ ކުދީންނެވެ. ޔަތީމު ވެފައި ތިބޭ ކުދީންނެވެ. މައިންބަފައިންގެ އަޅާލުން ނުލިބޭ ނުވަތަ އެކުދިން ބެލުމަށް މައިންބަފައިން ނުކުޅެދިފައި ތިބޭ ކުދީންނެވެ. ޖިންސީ ގޯނާގެ ޝިކާރައަކަށްވެފައިވާ ކުދީންނެވެ.

އެ ކުދިން އެދިއެދި ތިބެނީ އަޅާލުމާއި އޯގާތެރިކަމެވެ. އާއިލާއެއްގެ ފުރިހަމަ ލޯތްބެވެ.

އެކަމަކު އެ އެދުމުން މަހުރޫމްވެފައިވާ އެތަކެއް ކުދީންނެއް ކުޑަކުޑަ ރާއްޖޭގައި ވެސް އެބަތިއްބެވެ.

ހިޔާ އާއި އަމާންވެށި؛ އަދަދުތަކުން

ދަ ކްރައުން ކޮމްޕެނީ އިން ސަރުކާރަށް ދިން ހިލޭ އެހީއެއްގެ ދަށުން އިމާރާތްކޮށް، 2006 ވަނަ އަހަރު ހުޅުވި "ކުޑަކުދިންގެ ހިޔާ" އަކީ މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ނެތް އަދި އެ ކުދިން ބަލާނެ އެއްވެސް މީހަކު ނެތިގެން ނުވަތަ އެކިއެކި މައްސަލަތަކުގައި މައިންބަފައިން ބަންދުވެގެން ބެލޭނެ އެހެން ގޮތެއް ނެތިފައިވާ ކުދިން ބޭތިއްބުމަށް ދައުލަތުން ގާއިމް ކުރި ތަނެކެވެ. އަދި އެ ފަހުން، 13 އަހަރުން ދަށުގެ ކުދިން ބައިތިއްބާނެ ތަނެއް ކަމަށް ހުޅުމާލެ "ފިޔަވަތި" ހަމަޖެއްސި އެވެ.

އެކި އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ވަނީ މަރުކަޒުތައް ގާއިމްކޮށް ކުދިން ބަދަލުކުރުމަށް "އަމާންވެށި" ނަމުގައި ޕްރޮގްރާމެއް ފަށާފަ އެވެ.

މި އަހަރުގެ މިހާތަނަށް 203 ކުދިން ދައުލަތުގެ ބެލުމުގެ ދަށުގައި އެބަ ތިއްބެވެ. އެއީ 89 އަންހެން ކުދިނަނާއި 114 ފިރިހެން ކުދިންނެވެ. އޭގެ ތެރެއިން 89 ކުއްޖަކު ދިރިއުޅެމުންދަނީ ފިޔަވަތީގަ އެވެ. އަދި 107 ކުއްޖަކު ދިރިއުޅެމުންދަނީ އަމާން ވެށީގަ އެވެ.

މި އަހަރުގެ މިހާތަނަށް ހަތަރު ކުދިން ބެލުމަށް އާއިލާތަކަށް ހަވާލުކޮށްފައިވާއިރު، 17 ކުއްޖަކު ވަނީ އެ ކުދިންގެ އައިލާއާ ހަވާލުކޮށްފަ އެވެ. އޭގެ ތެރެއިން 18 އަހަރު ފުރިފައިވާ ހަތަރު ކުއްޖަކަށް ވަނީ ވަޒީފާގެ ފުރުސަތު ހޯދައިދީފަ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ތެރެއިން ބަލަން ބޭނުން ވެގެން މި އަހަރު މިހާތަނަށް ފަސް އާއިލާއަކުން ހުށަހަޅާފައިވެ އެވެ. އާއިލާތަކާ ހަވާލު ކުރުމަށް ދެ ކުއްޖެއްގެ ކަންކަން އޮތީ ކޯޓު މަރުހަލާގަ އެވެ.

ފޮސްޓާ ކުރަންވީ ކީއްވެ؟

"މިއީ ދީނީ ގޮތުން ބަލާއިރުވެސް ކޮށްދެވޭ ވަރަށް ބޮޑު ހެޔޮކަމެއް. އަދި ކުދިންނަށްވެސް އަޅުގަނޑުމެން އަޅާލުމުގައި މި ދެވޭ، އެހީތެރިކަން އެއީ އަސްލު އެންމެ ބޮޑު އެއް މަގްސަދަކީ. މިފަދަ ކުއްޖަކަށް އަޅުގަނޑުމެންގެ ފަރާތުން ލޯބި ލިބި އާއިލާއެއް ލިބުން،" އާޒިމް ބުންޏެވެ.

ދައުލަތުގެ ފަރާތުން ބެލެހެއްޓުމަށް ނަގާ ކުދިން ބަލަހައްޓާ ތަންތަނުގައި ދިރިއުޅޭ ކުދިންނަކީ ކުޑަކުދިންގެ ހިޔާއަށް ނަގާ ކުދިންގެ ގޮތުގައި ތިބެނީ "ލޭބަލް" ކޮށްފަ އެވެ. ކުޑަކުދިންގެ ހިޔާއިން ރަށްރަށުގެ އަމާންވެށި ތަކަށް ބަދަލު ކުރި ނަމަވެސް އެ ބޭއިންސާފު ލައްގަނޑުން ސަލާމަތެއް ނުވެ އެވެ.

"އަމާންވެއްޓަށް" ބަދަލު ކުރިޔަސް އެކުދިންގެ "ކަޅު" މާޒީގެ ހިޔަނީގެ ބޭރަށް ނުކުމެވޭ ގޮތެއް ނުވެ އެވެ. ދެމެމުން، ފިރުކެމުން، މައްޗަށް އަރަން މަސައްކަތްކުރާ ކޮންމެ ފަހަރަކު، ފައިގައި ހިފައި ދަމާ ގެނެސް ހަމަ އެ ވަޅުގަނޑުގެ އަޑިއަށް ގަންބާލަ އެވެ.

ނޭނގި ވިޔަސް އަދި އެނގިގެން ވިޔަސް އެކަން ކުރަނީ މުޖުތަމައުގައި ތިބި އެކުދިންނަށްވުރެ "ގަދަރުވެރި" އެތައް ގޮތަކުން "ނަސީބު ރަނގަޅު" މީހުންނެވެ. އެ މީހުން، އެ ކުދިންގެ ހިތުގައި ލާފައިވާ ފާރުތައް ފަސޭހަވާން ފުރުސަތެއް ނުދެ އެވެ. ކުޑަކުދިންގެ ހިޔާގައި އުޅެ، އެ ތަނުން ޖެހުނު "ޔަތީމު" ލައްގަނޑު ހަޔާތުން ފިލުވާނެ ޖާގައެއް ނުދެ އެވެ. އަމުދުން، ރަނގަޅު އަހުލާގާއި ހުލްގު ދައްކައިގެން އެ މީހުންގެ މެދުން ހަމަހަމަ މަގާމެއް ހޯދާނެ ތަނެއް ނުދެ އެވެ.

އެފަދަ ކުދިންގެ އެ ހާލަތާ މެދު ހަމްދަރުދީވެ އެ ކުދިންނަށްވެސް ރަނގަޅު މުސްތަގުބަލެއް ހޯދައި ދިނުމަށްޓަކައި އެ ކުދިން ބަލަން ބޭނުން މީހުންނާ ހަވާލު ކުރަން ޖެހޭ ކަމަށް ބައެއް މީހުން ދެކެ އެވެ.

"ދަރިން ނުލިބޭ މީހުންނާއި، ދަރިން ހުއްޓަސް ތަނަވަސްކަން ހުރި މީހުން އެފަދަ ޔަތީމު ކުދިންނަށް ހަރަދުކުރަން ނުވަތަ ބަލަން ބޭނުންވާ މީހުންނަށް އެއީ ހަމަ ނަސީބެއް،" ދައުލަތުގެ ބެލުމުގެ ދަށުން ކުއްޖަކު ބަލަން ބޭނުންވެ އަދި އެ ފުރުސަތު ނުލިބި ހުރި މުހައްމަދު ބުންޏެވެ.

ވާހަކަ ދައްކާލި ގިނަ މީހުން ގަބޫލުކުރާ ގޮތުގައި ޖެންޑާއަށް ގެންދާ ކުދިން ބަލަން ތިބީ ތައްޔާރަށެވެ. ނަމަވެސް ރާއްޖޭގައި އެފަދަ ކުއްޖަކު ހޯދުމަށް ކުރަން ޖެހޭ މަސައްކަތް ގިނަ ކަން ފާހަގަ ކުރި އެވެ.

ފޮސްޓާ ކުރާނެ ގޮތް

"ކުއްޖަކު ބަލަން ގެންނަން ބޭނުން. އެކަމަކު ކިހިނެތް ކަމެއް ނޭނގޭ ކުއްޖަކު ބަލަން ގެންނާނީ. ބައެއް މީހުން ހުރޭ ގެނެސްގެން ބަލާ. އެކަމަކު އަދި އެ ނަސީބުވެސް ނުލިބިފަ،" ޖެންޑާއިން ކުއްޖަކު ބަލަން ބޭނުންވާ މީހަކު ބުންޏެވެ.

ކުދިން ބަލަހައްޓައިދިނުމަށް އެދި ހުށަހަޅާނީ، މިނިސްޓްރީން އެކުލަވައިލައިފައިވާ "ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓައިދިނުމަށް އެދި ހުށަހަޅާ ފޯމު" އިންނެވެ. އެ މީހަކު ދިވެއްސަކަށް ވުމުގެ އިތުރުން އުމުރުން 25 އަހަރާއި 65 އަހަރާ ދެމެދުގެ މީހަކަށް ވާން ޖެހެ އެވެ.

ކުއްޖަކު ބެލުމަށް ޝައުގުވެރިކަން ފާޅުކުރާ މިހަކީ ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކޮށްފައި ނުވާ މީހަކަށްވެސް ވާން ޖެހެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބ ކުދިން ބެލެހެއްޓުން ހަވާލުކުރުމާ ބެހޭ އުސޫލުގެ ދަށުން ބެލުމުގެ ފުރުސަތު ދޭނީ، ދައުލަތުގެ ބެލުމުގެދަށުގައިވާ ކުދިންގެ ތެރެއިންވެސް ވަކި ޝަރުތު ތަކެއް ހަމަވާ ކުދިންނަށެވެ.

  1. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން، އެ ކުދިންގެ މައިންބަފައިން ނުވަތަ ޝަރުއީ ބަލަދުވެރިން ދުނިޔޭގައި ތިބެމެ ނުބަލާ ދޫކޮށްލާ ކުދިން ނުވަތަ ބެލުމަށް އިންކާރުކޮށްފައިވާ ކުދިން.
  2. ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވޭ ކުދިންގެ ތެރެއިން އެއްވެސް ސަބަބަކާހުރެ އެ ކުދިންގެ އާއިލާއާއެކު ދިރިއުޅެވެން ނެތް ކުދިން.
  3. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުނުކޮށް، ހާލު ވެސް ބަލައިނުލާ އަދި އާއިލާގެ ފަރާތުން ކުދިންނާ ގުޅުމެއް ނުބާއްވާ ކުދިންކަމަށް ރެކޯޑުތަކުން ފެންނަ ކުދިން.
  4. ދައުލަތުގެ ބެލުމުގެ ދަށުގައި ކުދިން އުޅެފައިވާ މުއްދަތުގެ ތެރޭގައި އާއިލާގެ ފަރާތުން ކުދިންނާ ބައްދަލުކޮށް، ހާލު ބަލައި އަދި އާއިލާގެ ފަރާތުން ކުދިންނާ ގުޅުން ބޭއްވި ނަމަވެސް، ކުދިން ބެލުމަށް ނުވަތަ ކުދިންނާ ހަވާލުވުމަށް އާއިލާގެ ހާލަތު ހުރި ގޮތުން އުޒުރުވެރިވާ އާއިލާތަކުގެ ކުދިން.

ކުދިން ބެލުމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ކުއްޖާ ބެލެހެއްޓުމަށް ހަވާލުކުރާނީ ކުއްޖާ ހަވާލުކުރެވޭ ފަރާތުގެ ހާލަތު ދެނެގަތުމަށް ހަދާ އެސެސްމެންޓު ގައި ހުރި މައުލޫމާތަށް ބަލާ ފޮސްޓާ ޕެނަލުން ނިންމާ އާއިލާއަކަށް ނުވަތަ މީހަކަށެވެ.

ކުއްޖާ ބެލެހެއްޓުމާއި ތަރުބިއްޔަތުކުރުމާ ގުޅޭ ގޮތުން، އާންމުކޮށް މައިންބަފައިންގެ މައްޗަށް ދަރިން ބެލެހެއްޓުމާއި ތަރުބިއްޔަތު ކުރުމުގައި މަތިކޮށްފައިވާ އެންމެހައި ޒިންމާތައް، ކުއްޖާ ބަލަހައްޓާ ފަރާތުގެ މައްޗަށް ވެސް ހިނގާނެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި އާއިލާގެ އަޅާލުމާއި އޯގާތެރި ލޯބި ނުލިބޭ ހާލު އާއިލާގެ މެމްބަރެއްގެ އަޑު އަހާލަން ލިބުމުގެ ނަސީބު ނުލިބެނީ ކިތައް ކުދިންނަށްތޯ މުޅި މުޖުތަމައު އަމިއްލަ ނަފްސާ ސުވާލުކުރަންޖެހެ އެވެ.

ދައުލަތުގެ ބެލުމުގެ ދަށަށް ނަގާ ކުދިންނަކީ އެއްވެސް ހާލެއްގައި ކުށްވެރިވެގެން ނަގާ ކުދީންނެއް ނޫނެވެ. އެކަމަކު އެ ކުދިން އެ ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ނެތުމުގެ ސަބަބުން އެ ކުދިން ދައުލަތަށް ނެގޭ ހިސާބުން އެ ކުދިންނާ މެދު މީހުން ދެކޭ ގޮތް ބަދަލުވެގެންދެ އެވެ. އެ ކުދިންނަކީ ގޯސް އާދަތަކަށް ހުށަހެޅިފައިވާ، މުޖުތަމައުއަށް ހުރި ނުރައްކަލެއްގެ ގޮތުގައި ބަލަންފަށަ އެވެ.

ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލުމަށް ފަހު އެ ކުދިންގެ އިހުސާސްތަކާއި ވާހަކަތަކާމެދު ވިސްނާލަންޖެހެ އެވެ. އެ ކުދިން ހަމައެކަނި ބޭނުން އެވަނީ މުޖުތަމައުގެ ބަލައިގަތުމެވެ. މަންމަ އާއި ބައްޕައެއްގެ އޯގާތެރިކަމާއި ލޯތްބެވެ. އާއިލާއެއްގެ އަޅާލުމާ އެއްބާރުލުމެވެ.

މިއީ މިކަމުގެ ވިސްނުން ބަދަލުކުރަންޖެހޭ ސަބަބެވެ. މުޖުތަމައުއިން އެ ކުދިން ބަލައިގަންނަން ޖެހެ އެވެ. ނުވިސްނޭ ކަންކަމުގެ ހެޔޮ ނުބައި ވަކިކުރަން ނޭނގޭ އުމުރުގައި ގެންގޮސް ގޮތްނޭނގޭ ބައެއްގެ އަތްމައްޗަށް ދާން މަޖުބޫރުވީ ނަމަވެސް އެއީ އެކުދިންގެ ކުށެއް ނޫންކަން އެހެން މީހުންނަށް އެނގި، ވިސްނެންވެއްޖެ އެވެ.

އެ ކުދިންނަކީ މުޅި ދިވެހި މުޖުތަމައުގެ ލޯތްބާއި އަޅާލުން ބޭނުންވާ ކުދިން ތަކެއްކަން އެނގި އެ ކުދިން ބެލުމަށް އެހެން މީހުން ހޭލުންތެރިވެސް ވާން ޖެހެ އެވެ.