Advertisement

ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ސޯލިހް އަބޫދާބީއަށް

14 މޭ 2022 - 13:04 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މީގެ ކުރިން ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވަނީ - ފޮޓޯ: ރައީސް އޮފީސް


ޔޫއޭއީ ރައީސްގެ ޖަނާޒާއަށް ރައީސް ސޯލިހް އަބޫދާބީއަށް

14 މޭ 2022 - 13:04 0

ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާންގެ ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އެ ގައުމަށް ފުރާވަޑައިގަންނަވަން ހަމަޖެހިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މި ނޫހަށް ވިދާޅުވީ ޔޫއޭއީގެ ވެރިރަށް އަބޫދާބީއަށް ރައީސް ސޯލިހް ފުރާވަޑައިގަންނަވާނީ މާދަމާ މެންދުރުފަހުގެ ވަގުތެއްގައި ކަމަށެވެ.

ޔޫއޭއީގެ ރައީސް ޝައިހު ހަލީފާ އަވަހާރަވީ އިއްޔެގެ ވަގުތެއްގަ އެވެ. އެކަމުގެ ހިތާމައިގައި ރައީސް ސޯލިހު ވަނީ ތައުޒިޔާގެ މެސެޖެއް ވެސް ފޮނުއްވާފަ އެވެ.

މި ހިތާމައިގައި ބައިވެރިވާން ދިވެހި ގައުމީ ދިދަ ބައި ދަނޑިއަށް ތިރިކުރަން ވެސް ރައީސް ސޯލިހް ނިންމަވާފައިވެ އެވެ. އެއީ މިއަދުން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށެވެ.

ޝައިހު ހަލީފާ އަވަހާރަވިއިރު، އެމަނިކުފާނުގެ އުމުރުފުޅަކީ 73 އަހަރެވެ. އެމަނިކުފާނު އަވަހާރަވިކަން ޔޫއޭއީގެ ރަސްމީ ނޫސް އެޖެންސީ ޑަބްލިއުއޭއެމްއިން އިއުލާންކުރީ މިއަދުގެ ވަގުތެއްގަ އެެވެ.

އެގައުމުގެ ރައީސް އަވަހާރަވުމާއެކު ޔޫއޭއީގައި ވަނީ މިއަދުން ފެށިގެން 40 ދުވަހުގެ ހިތާމައިގެ މުއްދަތެއް އިއުލާންކޮށްފަ އެވެ.

އައްޝައިހު ހަލީފާ ބިން ޒާއިދު އާލް ނަހްޔާން. ފޮޓޯ: ރިއުޓާޒް


ޝައިހު ހަލީފާ ނަހްޔާން

ޝައިހު ހަލީފާ ބިން ޒާއިދު އަލް ނަހްޔާން އަކީ ޔޫއޭއީގެ 16 ވަނަ ވެރިޔާ އެވެ. އެމަނިކުފާނު، އެގައުމުގެ ވެރިކަމަށް ވަޑައިގަތީ 2004 ވަނަ އަހަރު، އެމަނިކުފާނުގެ ބައްޕާފުޅަށްފަހު އެވެ.

ވެރިކަމަށް ވަޑައިގަތުމަށްފަހު ޝައިހު ހަލީފާ އެންމެ ފާހަގަކުރެވިފައިވަނީ ޔޫއޭއީގެ އަބޫދާބީއާއި އެގައުމުގެ ސަރުކާރުގެ ހިންގުމަށް ގެންނެވި ބަދަލުތަކުންނެވެ. އެމަނިކުފާނުގެ ވެރިކަމުގެ އެންމެ ފުރަތަމަ 10 އަހަރު އެންމެ ބޮޑަށް ހޭދަވެގެން ދިޔައީ އެ މަސައްކަތްތަކަށް ކަމަށް ފާހަގަކޮށްލެވެ އެވެ.

ޝައިހު ހަލީފާއަކީ ޔޫއޭއީގެ އިތުރުން އެގައުމުގެ ވެރިރަށް އަބޫދާބީގެ ވެރިޔާ ވެސް މެ އެވެ. އަބޫދާބީ އަކީ ދުބާއީއެކޭ އެއްގޮތަށް ޔުއޭއީގައި ހިމެނޭ ހަތް އެމިރޭޓްގެ ތެރެއިން އެއް އެމިރޭޓެކެވެ.

ވެރިކަމަށް ވަޑައިގަތްފަހުން އެމަނިކުފާނަށް 2014 ވަނަ އަހަރު ވަނީ ސްޓްރޯކެއް ޖެހިވަޑައިގެންފަ އެވެ. އޭގެ ފަހުން އެމަނިކުފާނު އާންމުންނަށް ފެނިފައިވަނީ މަދު ފަހަރަކު އެވެ. އޭގެ ފަހުން ވެރިކަމުގައި އެމަނިކުފާނުގެ ދައުރު މައިގަނޑުކޮށް ފެންނަނީ ރަމްޒީކޮށެވެ.

ވެރިކަމުގެ މައިގަނޑު މަސްއޫލިއްޔަތުތައް އަދާކުރައްވަނީ އެމަނިކުފާނުގެ އެއްބަފާ ކޮއްކޮ ޝައިހު އަދި ޔޫއޭއީގެ ވަލީއަހުދު މުހައްމަދު ބިން ޒައިދު ބިން ސުލްތާން އަލް ނަހްޔާން އެވެ. ޝައިހު ހަލީފާ އަވަހާރަވުމާއެކު ޝައިހު މުހައްމަދު ވަނީ ވެރިކަމުގެ ހުރިހާ ކަމަކާ ހަވާލުވެވަޑައިގެންނެވެ.

ޝައިހު ހަލީފާ އަދި ޝައިހު މުހައްމަދު ވެސް ނިސްބަތްވެވަޑައިގަންނަވާ އަލް ނަހްޔާން އާއިލާއަކީ ދުނިޔޭގެ އެންމެ މުއްސަނދި އެއް އާއިލާކަމަށް ވަނީ ގަބޫލުކުރެވިފަ އެވެ. އެ އާއިލާގެ މުއްސަނދިކަން ގާތްގަނޑަކަށް 150 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެކަމަށް ވަނީ ބެލެވިފަ އެވެ.

ޝައިހު ހަލީފާ އަވަހާރަވުމާއެކު ގިނަ ގައުމުތަކަކުން ދަނީ ހިތާމަ ފާޅުކޮށް، ތައުޒިޔާގެ މެސެޖުތައް ފޮނުވަމުންނެވެ. ރާއްޖޭގެ ފޮރިން މިނިސްޓަރު އަދި އދ. ގެ އާންމު މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވެސް އޭގެ ތެރޭގައި ހިމެނެ އެވެ.