12 މޭ 2022 - 10:42 0
އަހުމަދުﷲ އަބްދުލްހާދީ
ފެހެންދޫ ފަޅުގައި އޮތް ދެ އުޅަނދެއްގައި އަލިފާން ރޯވެ އަނދަނީ. އެ ދެ އުޅަނދު ވެސް ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ހުލިވެފަ. ފޮޓޯ: ފެހެންދޫ އޮންލައިން
12 މޭ 2022 - 10:42 0
ބ. ފެހެންދޫ ފަޅުގައި އަޅާފައި އޮތް ދެ އުޅަނދެއްގައި ރޭ އަލިފާން ރޯވެ، އަނދައި ހުލިވެއްޖެ އެވެ.
އެ ހާދިސާއާއި ގުޅިގެން ފުލުހުން ބުނީ، ހާދިސާގެ ރިޕޯޓު ލިބުނީ ރޭ މެންދަމު 1:30 ކަން ހާއިރު ކަމަށެވެ. އަދި އެ ހާދިސާގައި ބޯޓަކާއި ޑިންގީއެއް ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވެފައިވާ ކަމަށެވެ. ފެހެންދޫ ކައުންސިލް ރައީސް ޖާދުﷲ އަލީ މި ނޫހަށް ވިދާޅުވީ، އަލިފާން ރޯވީ ރޭ މެންދަމު 12 އާއި 1 ޖެހުމާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ.
އެ ހާދިސާގައި އަލިފާން އެންމެ ފުރަތަމަ ރޯވީ ފެހެންދޫ ފަޅުގައި އަޅާފައި އޮތް މުދާ އުފުލާ ބޯޓެއްގައި ކަމަށް ޖާދުﷲ ވިދާޅުވި އެވެ. އެހިސާބުން އަލިފާން ގަނޑު އެ ބޯޓާއި ކައިރީގައި އަޅާފައި އޮތް ޑިންގީއަކަށް ފެތުރި އެ ޑިންގީ ވެސް އަނދައި ހުލިވި ކަމަށް ޖާދުﷲ ވިދާޅުވި އެވެ.
"ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވޭ. އަލިފާން ރޯވާން މެދުވެރިވި ސަބަބެއް ވެސް އަދި ނުހޯދޭ. ފުލުހުން ދަނީ އެ މައްސަލަ ބަލަމުން. ރޭގަ ވެސް ފުލުހުން ހަރަކާތްތެރިވި އެތަނުގައި،" ޖާދުﷲ ވިދާޅުވި އެވެ.
ޖާދުﷲ ވިދާޅުވީ އަލިފާން އެންމެ ފުރަތަމަ ރޯވި މުދާ އުފުލާ ބޯޓަކީ އެރަށުގައި ފެހެންދޫ ސްޓޭ ނަމަކަށްކިޔާ ގެސްޓުހައުސްއެއް ހިންގާ ބައިކަން ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏެއްގެ ބޯޓެއް ކަމަށެވެ. އަދި އެ ބޯޓު އެރަށު ފަޅުގައި އޮންނަތާ ގިނަ ދުވަސްތަކެއްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޯޓުގައި މާ ގިނަ މުދާތަކެއް ހުރިހެނެއް ހިޔެއް ނުވޭ. ދެން ހިފާ ގެންގުޅޭ ތަކެތި ހުރިކަމަށް މައުލޫމާތު ލިބެނީ. ޑިންގީ އެއީ މިރަށު މީހެއްގެ އުޅަނދެއް،" ޖާދުﷲ ވިދާޅުވި އެވެ.
އެ ހާދިސާއަކީ ގަސްދުގައި ބަޔަކު ކުރި ކަމެއް އެރަށުގެ ބައެއް މީހުން ތުހުމަތުކުރެ އެވެ.
Comment