Advertisement

ލޯނަށް ފައިސާ ނުދެއްކުމުން އާވީ ރިސޯޓު އަތުލާ، 156 މިލިއަނަށް ވިއްކާލައިފި

11 މޭ 2022 - 15:13 2

އަމަން ހަލީމް

އަމަން ހަލީމް

ދ. ދޫރެސްގައި ހިންގާ އާވީ ނޭޗާސް ޕެރެޑައިސް: މި ރިސޯޓަކީ ދ. އަތޮޅުގައި ދަތުރުފަތުރުގެ ހިދުމަތްދޭން ކްރޮސް-ސަބްސިޑީއަށް ދޫކުރި ރަށެއް. -- ފޮޓޯ: ގޫގްލް އާތް


ލޯނަށް ފައިސާ ނުދެއްކުމުން އާވީ ރިސޯޓު އަތުލާ، 156 މިލިއަނަށް ވިއްކާލައިފި

11 މޭ 2022 - 15:13 2

ބޭންކް އޮފް ސިލޯނުން ނެގި ލޯނަކަށް އެއްބަސްވުމާ އެއްގޮތަށް ފައިސާ ނުދައްކައިގެން ދ. ދޫރެހުގައި ހިންގަމުން "އާވީ ނޭޗާސް ޕެރެޑައިސް" ރިސޯޓު 10.1 މިލިއަން ޑޮލަރު (156 މިލިއަން ރުފިޔާ) އަށް ވިއްކާލައިފި އެވެ.

ދޫރެހަކީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން މ.، ފ. އަދި ދ. އަތޮޅުގައި ފެރީގެ ހިދުމަތް ދޭން ވާމިލިއަން އިންޓަނޭޝަނަލް ކުންފުންޏަށް ކްރޮސް-ސަބްސިޑީއަށް ދިން ރަށެކެވެ. ރިސޯޓު ރަހުނުކުރި ލޯނަކީ 33 ވިލާ ހުންނަ މި ރަށް ތަރައްގީކުރަން ނެގި ލޯނެކެވެ.

އެއީ ވާމިލިއަން އިންޓަނޭޝަނަލް އާއި ރިސޯޓު ހިންގަމުން އައި ދޫރެސް ރިޓްރީޓާއި، މި ދެ ކުންފުނީގެ މައި ހިއްސާދާރު ކަމުގައިވާ ކުރީގެ ފުޓުބޯޅަ ކުޅުންތެރިޔާ އަލީ ޝާހީންގެ ނަންމަތީގައި ނަގާފައިވާ ލޯނެކެވެ.

އެކަމަކު މި ލޯނާ ގުޅޭ މައްސަލަ ނިންމި ގޮތުގެ ގަޒިއްޔާ ސިވިލް ކޯޓުގެ ވެބްސައިޓުން ފެންނަން ނެތުމުން، އެއީ ކިހާ އަދަދެއްގެ ލޯނެއް ކަމާއި، ލޯނުގެ ބާކީ ނުދައްކާ އޮތީ ކިހާވަރެއް ކަމެއް ނޭނގެ އެވެ.

ފެންނަން ހުރި ކޯޓު ލިޔެކިޔުންތަކުން އިނގޭ ގޮތުގައި، މިދިޔަ އަހަރު ފެބްރުއަރީ 1 އިން ފެށިގެން މި ރިސޯޓު ވިއްކާލުމުގެ ހުއްދަ ބޭންކް އޮފް ސިލޯނަށް ވަނީ ދީފަ އެވެ. އެކަމަކު އެ މުއްދަތު ހަމަވީއިރުވެސް އެ ރަށް ވިއްކާ ނުލެވޭތީ، ސިވިލް ކޯޓުން އިތުރު އަހަރު ދުވަހުގެ މުއްދަތެއް ދިނީ މިދިޔަ މާޗު 31 ގަ އެވެ.

ބޭންކުން ދޫރެސް ވިއްކާލަން ޖެހި ރިޒާވް އަގަކީ، ހަތް މިލިއަން ޑޮލަރެވެ.

މި ރިސޯޓު ވިއްކާލީ އެންމެ މަތިން ބިޑު ހުށަހެޅި ޔަޝް އެގްޒޯޓިކް އައިލެންޑް ކިޔާ ކުންފުންޏަކަށެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ މި ކުންފުނީގެ ހިއްސާދާރުންނަކީ ޑުބާއީގެ ޕީއެންވީ އިންޓަނޭޝަނަލް ޖެނެރަލް ޓްރޭޑިން އަދި ގްރީން ފޯކަސް މާކެޓިން އެވެ.

ޔަޝް އެގްޒޯޓިކުން އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ނަންތަކުގެ ތެރޭގައި "ޔަޝް ނޭޗާ ރިސޯޓް" ހިމެނެ އެވެ. އެހެންވެ ބެލެވެނީ އެ ކުންފުނިން ދޫރެހުގައި ރިސޯޓު ހިންގާނީ މި ނަމުގައި ކަމަށެވެ.

ވިއްކާލިއިރު އޮޕަރޭޓިން ލައިސެެެންސް ނެތް، ދައްކަން ޖެހޭ ޓެކްސް ފައިސާ

"އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި "އާވީ ނޭޗާސް ޕެރެޑައިސް" ވިއްކާލިއިރު އެ ރިސޯޓު އޮޕަރޭޓުކުރަށް ޓޫރިޒަމް މިނިސްޓްރީން ދޫކޮށްފައިވާ އޮޕަރޭޓިން ލައިސަންސްގެ މުއްދަތު ހަމަވެއްޖެ އެވެ. އެ ހުއްދައިގެ މުއްދަތު ހަމަވީ މިދިޔަ އަހަރުގެ ޑިސެމްބަރު 10 ގަ އެވެ.

ޓޫރިޒަމް މިނިސްޓްރީން އެ ރިސޯޓުގެ ހުއްދަ އާނުކޮށްދިނީ ދައުލަތަށް ދައްކަން ޖެހޭ ޓެކުހާއި އެހެނިހެން ފައިސާ ނުދައްކާ އޮތުމާ ގުޅިގެންނެވެ. މިގޮތުން ދޫރެސް ރިޓްރީޓުން ތަކުރާރުކޮށް އެދުމުން ވެސް ޓޫރިޒަމް މިނިސްޓްރީން އޮޕަރޭޓިން ލައިސެެންސެއް ވެސް ވަގުތީ ހުއްދައެއް ވެސް ނުދިނެވެ.

މި ރަށާ ގުޅިގެެެން ރައްޔިތުންގެ މަޖިލިހުގެ އިގުތިސޯދީ ކޮމިޓީއަށް ހުށަހެޅި ސިޓީއަކާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާ ހަވާލާދީ، ކޮމިޓީއާ ހިއްސާކޮށްފައިވާ ގޮތުގައި އޭގެ ތެރޭގައި ޓީޖީއެސްޓީ އާއި ގްރީން ޓެކްސް ހިމެނެ އެވެ.

އެކަމަކު ނުދައްކާ ވަނީ ކިހާ ވަރެއް ކަމެއް ސާފެއް ނުވި އެވެ. މީރާއިން ޓޫރިޒަމް މިނިސްޓްރީއާ ހިއްސާކުރި މައުލޫމާތު ތެރެއިން މިނިސްޓްރީން ކޮމިޓީއަށް ފޮނުވި މައުލޫމާތުގައި ފައިސާގެ އަދަދެއް ނެތެވެ.