ރާއްޖޭގެ ރަފާ މެޗެއްގެ ތެރެއިން ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގެ ޖޫނިއާ ބައިގެ ސިންގަލްސް ކުއާޓާ ފައިނަލުން އައިޝަތު ރަފާ ނާޒިމް ޖާގަ ހޯދިއިރު، ކެޑޭޓް ބައިގެ ސިންގަލްސް ކުއާޓާ ފައިނަލުން މިޝްކާ މުހައްމަދު އިބްރާހިމް ޖާގަ ހޯދައިފި އެވެ.
ރަފާ އާއި މިޝްކާ ސިންގަލްސް ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ޖޫނިއާ އަދި ކެޑޭޓް ބައިގެ ކުއާޓާާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ދީމާ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގްރޫޕްގެ އެއް ވަނަ ކުޅުންތެރިޔާގެ ގޮތުގަ އެވެ. ރަފާ އަށް ގްރޫޕްގެ ދެ ވަނަ ލިބުނުއިރު، މިޝްކާ އަށް ވެސް ލިބުނީ ގްރޫޕްގެ ދެ ވަނަ އެވެ.
ކުއާޓާ ފައިނަލްގައި މިޝްކާ ނުކުންނާނީ އިންޑިއާގެ ސަންދިކާއާ ދެކޮޅަށެވެ. ކެޑޭޓް ބައިގައި ދީމާ ނުކުންނާނީ ނޭޕާލްގެ އިވާނާ ތާޕާއާ ދެކޮޅަށެވެ. ޖޫނިއާ ބައިގައި ދީމާ ކުޅޭނީ ނޭޕާލްގެ ސުބަޝްރީއާ ދެކޮޅަށެވެ. އަދި ރަފާ ބައްދަލުކުރާނީ އިންޑިއާގެ ސުހާނާ ސައިނީއާ އެވެ.
ގްރޫޕް ސްޓޭޖުގައި ރަފާ ކުޅުނު ފުރަތަމަ މެޗުން މޮޅުވީ ޕާކިސްތާނުގެ ހޫރު ހަސަން އާ ވާދަކޮށް 3-2 ސެޓުން ކާމިޔާބުކޮށްފަ އެވެ. ގްރޫޕްގެ ފަހު މެޗުގައި ރަފާ ބަލިވީ ސްރީ ލަންކާގެ ބިމަންދަނީއާ ދެކޮޅަށް ކުޅެ ސީދާ ތިން ސެޓުންނެވެ.
މިޝްކާ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ސްރީލަންކާގެ ލެސަންޔާ އަތުން 3-1 ސެޓުން ބަލިވި ނަމަވެސް ފަހު މެޗުގައި މިޝްކާ ވަނީ ޕާކިސްތާނުގެ ފަރްޔަލް ބިސްމާ ސީދާ ތިން ސެޓުން ބަލިކޮށްފަ އެވެ.
ރާއްޖޭގެ ފިރިހެން ޓީމުގެ ސިނަގަލްސް މެޗުތަކަށް ބަލާއިރު ހުރިހާ ކުޅުންތެރިން ވެސް ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗަކުން ވަނީ ބަލިވެފަ އެވެ. ޖޫނިއާ ބައިގައި ތާބިން ކުޅުނު ފުރަތަމަ މެޗުގައި ބަންގްލަދޭޝްގެ ކުޅުންތެރިއެއް އަތުން ބަލިވިއިރު، ދެ ވަނަ މެޗުގައި ބަލިވީ ލަންކާގެ ދަނުޝްކާ އަތުންނެވެ. އައުޒަމް ކުޅުނު ފުރަތަމަ މެޗުގައި އިންޑިޔާގެ ޕަޔަސް އަތުން ތިން ސެޓުން ބަލިވިއިރު، ފަހު މެޗުގައި ބަލިވީ ނޭޕާލްގެ ސަންޔޮގް އަތުންނެވެ.
ކެޑޭޓް ބައިގައި ޒީކް ކުޅުނު ފުރަތަމަ މެޗުގައި ލަންކާގެ ޖަނިތު އަތުން ބަލިވިއިރު، ފަހު މެޗުގައި ބަލިވީ ޕާކިސްތާންގެ އަމްޖަދު ޚާން އަތުން ސީދާ ތިން ސެޓުންނެވެ. އުމީރު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ޕްރަދިވާދީ އަތުން ބަލިވިއިރު ފަހު މެޗުގައި ބަލިވީ ޕާކިސްތާންގެ މުހައްމަދު އަހުމަދު އަތުންނެވެ.
އަންހެން ސިންގަލްސް ކުއާާޓާ ފައިނަލް މެޗުތައް މިއަދު މެންދުރު ފަށާނެ އެވެ. އަދި ސެމީ ފައިނަލް މެޗުތަކާއި ފައިނަލް މެޗުތައް މިއަދު މެންދުރު ފަހު ކުޅޭނެ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment