Advertisement

އެންމެ ބޭނުންވިވަރުގެ ކުޅުން ނުދެއްކުނަސް ރަފާ ހުރީ ވަރުގަދަ އަޒުމެއްގައި

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށް ފަހު ރަފާ މެޑަލާ އެކު ފޮޓޯ އަކަށް ހުއްޓިލައިގެން.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


އެންމެ ބޭނުންވިވަރުގެ ކުޅުން ނުދެއްކުނަސް ރަފާ ހުރީ ވަރުގަދަ އަޒުމެއްގައި

މާލޭގައި ދާދި ފަހުން ހޯސްޓްކުރި، ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022 ގައި އެންމެ ބޭނުންވި ވަރުގެ ކުޅުމެއް ނުދެއްކުނު ކަމަށް ގައުމީ ޓީޓީ ޓީމުގެ ތަރި، އައިޝަތު ރަފާ ނާޒިމް ބުނެފި އެެ.

ދެކުނު އޭޝިއާ ސަރަހައްދުގެ ޖޫނިއާ ލެވެލްގެ ހާއްސަ މުބާރާތުގައި މި ފަހަރު ރަފާ ކުޅުނީ ތިން އިވެންޓެއްގަ އެވެ. އެއީ ޖޫނިއާ ބައިގެ ޓީމް އިވެންޓު، އަންހެން ޑަބަލްސް، އަދި އަންހެން ސިންގަލްސްގަ އެވެ. މުބާރާތުގެ ޖޫނިއާ ބައިގެ ޓީމް އިވެންޓު ސެމީ ފައިނަލުން ރާއްޖެ ބަލިވީ ލަންކާ އަތުންނެވެ. ރަފާ އާއި ފާތިމަތު ދީމާ އަލީގެ ޑަބަލްސް ޕެއާ ބަލިވީ ސެމީ ފައިނަލު ގައި އިންޑިއާ އަތުންނެވެ. ސިންގަލްސް ކުއާޓާ ފައިނަލުގައި ރަފާ ބަލިވީ މި ބައިގެ ޗެމްޕިއަންކަން ހޯދި ސުހާނާ ސައިނީ އަތުންނެވެ. ސުހާނާ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ދީމާ ބަލިކޮށްފަ އެވެ.

ދެ ލޯ މެޑައްޔާ އެކު މުބާރާތް ނިންމާލި ރަފާ، 19، ބުނީ އެންމެ މޮޅު ކުޅުން މުބާރާތުގައި ދެއްކުނު ކަމަށް ގަބޫލު ނުކުރާކަމަށެވެ. އަދި މުބާރާތުގައި ރަފާ އަތުން ގެއްލުނު ބައެއް މެޗުތަކަކީ އޭނާ އަށް މޮޅުވެވޭނެ މެޗުތަކެއް ކަމަށް ގަބޫލުކުރެ އެވެ.

މުބާރާތުގައި ވާދަކުރި އަންހެން ޓީމު: (ކ.ވ) މަލާކް، ރަފާ، މިޝްކާ އަދި ދީމާ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


"ރަފާ ގަބޫލުކުރާ ގޮތުގައި ރަފާގެ ފުލް ޕޮޓެންޝިއަލްއެއް ނޫން މި މުބާރާތުގައި ދެއްކުނީ، ހާއްސަކޮށް ޓީމް އިވެންޓުގައި ލަންކާއާ ދެކޮޅަށް ކުޅުނު ސެމީ މެޗު، އެއީ ރަފާ އަށް ހަމަ ގެނެވޭނެ މެޗެއް. މެޗެއްގައި ކޮންމެވެސް އެއް ޓީމެއް މޮޅުވާނީ، ދެން ހަމަ ރަފާ ހަމަ އިތުރަށް ޕްރެކްޓިސް ކޮށްގެން އިތުރަށް ކުރިއަށްދާން މަސައްކަތް ކުރާނީ،" ޓީމް އިވެންޓުން ލޯ މެޑަލް ހޯދި ޓީމްގައި ހިމެނޭ ރަފާ ބުންޏެވެ.

މީގެ ކުރިން ވެސް ރާއްޖެއަށް ބައިނަލްއަގްވާމީ މައިދާނުގައި ރަން ވަނަ ތަކެއް ހޯދައިދީފައިވާ ރަފާ ބުނީ މުބާރާތުގެ އެންމެ ބޮޑު ތަފާތަކަށްވީ ޕްރެޝަރު ވަގުތުތަކުގައި ރަނގަޅަށް ނުކުޅެވުން ކަމަށެވެ. އެެ ގޮތުން ބައިނަލްއަގްވާމީ މެޗު ތަޖުރިބާ މަދުވުމަކީ މި ކަހަލަ މުބާރާތެއްގައި އެކި ކަހަލަ ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅުންތެރިންނާއި ދެކޮޅަށް ކުޅެން ބަލާއިރު ދިމާވާނެ ކަމެއް ކަމަށް ރަފާ ދެކެ އެވެ.

"ބައެއް މީހުން ހީކޮށްފާނެ ރަފާ ވަރަށް ގިނަ މުބާރާތް ކުޅެފިއޭ. އެކަމަކު، އަހަރެއްގެ ތެރޭގައި ބައިނަލްއަގްވާމީ މެޗެއް ކުޅެން މި ލިބެނީ މަދު ފަހަރަކު. ހަމަ މެޗު އެކްސްޕީރިއަންސް ވަރަށް މުހިންމު މި ލެވެލްގެ މެޗުތަކަށް. އެކި ކަހަލަ ސާވިސް ރިސީވް ކޮށް އެކި ކަހަލަ ސްޓައިލްގެ ކުޅުންތެރިންނާ އެކު ކުޅެން އަސްލު ތަޖުރިބާ ބޭނުންވޭ." ޖޫނިއާ ލެވެލްގައި ސަރަހައްދީ ފަހު މުބާރާތް ކުޅުނު ރަފާ ބުންޏެވެ.

ރަފާ ގަބޫލުކުރާ ގޮތުގައި މި މުބާރާތުގެ މެޗުތަކުގެ ސްކޯ އިން އޭނާ އަށް ކުޅެވޭނެ އަސްލު ފެންވަރެއް ބުނެ ނުދެ އެވެ. މެޗުތަކުގެ ނަތީޖާ ޝީޓުގައި ރަފާ ތިން ސެޓުން ބަލިވެފައި އޮތްތަން ފެނުނަސް ވަކިވަކި ވަގުތުތަކުގައި ދެއްކި ކުޅުމަށް ބަލާއިރު ރާއްޖޭގެ ލެވެލް ރަނގަޅުކަން ފާހަގަކުރެވޭ ކަމަށް ގަބޫލުކުރެ އެވެ. އެ ހިތްހަމަޖެހުން އެބައޮތެވެ.

މި ފަހަރުގެ މުބާރާތުގެ މެޗެއްގެ ތެރެއިން ރަފާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ރަފާ ބުނީ މި މުބާރާތުގައި ދެއްކި ކުޅުމަށް ވުރެ ރަނގަޅަށް ކުޅެވޭނެ ކަމަށެވެ. އެ އަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން ރަފާ ދިނެވެ.

"ރަފާ ބުނާނީ ރަފާގެ ގޭމްގެ ލެވެލް ނަތީޖާ ތަކުން އަސްލު ނުފެނެއޭ. ރަފާ ގަބޫލުކުރާ ގޮތުގައި ރަފާ ކުޅުނީ ގޯސް ގޭމެއް ނޫން. ރަފާ ކުޅުނީ ރަނގަޅަށް ކަމަށް ގަބޫލުކުރަން. އެކަމަކު، މިއަށް ވުރެ ރަނގަޅު ކުރެވޭނެ ކަމަށް ވެސް ހަމަ ގަބޫލުކުރަން،" ރަފާ ބުންޏެވެ.

"މި ތަޖުރިބާ އަކީ ކުރިއަށް އޮތްތާނގައި އިތުރަށް މަސައްކަތް ކުރަން ލިބުނު މޯޓިވޭޝަނެއް."

މެޗުތަކުން އެންމެ ބޭނުންވާ ނަތީޖާތައް ނުނެރެވުނު ކަމުގައިވިޔަސް ރަފާ ގަބޫލުކުރާ ގޮތުގައި ރާއްޖޭން އަށް ހޯމް އެޑްވާންޓޭޖް ވަރަށް ރަނގަޅަށް ނެގި އެވެ. ސަޕޯޓަރުންގެ ސަބަބުން މެޗުތަކުގައި ރަނގަޅު ކުޅުމެއް ދައްކަން އިތުރު ހިތްވަރެއް ހުރިހާ ކުޅުންތެރިންނަށް ވެސް ލިބުނު ކަމަށް ރަފާ ގަބޫލުކުރެ އެވެ.

"ކުރިން ނުކުރެވޭ ކަހަލަ އިހުސާސެއް ކުރެވުނީ މި މުބާރާތުގައި. އެހާ ގިނަ ސަޕޯޓަރުން ކުރިމަތީގައި ކުޅޭއިރު ޕްރެޝަރުވެސް އިނދޭ، އެކަމަކު ހަމަ ހިތްވަރުވެސް ލިބޭ މެޗު ކުޅޭއިރު ސަޕޯޓަރުންގެ އަޑު އިވުނީމަ،" 19 ރަފާ ބުންޏެވެ.

ރަފާގެ އުއްމީދަކީ ކުރިއަށް އޮތްތާނގައި ބައިނަލްއަގްވާމީ އިތުރު ތަޖުރިބާ ހޯދައި ކުޅުން ރަނގަޅުކޮށް މެޑަލްތަކެއް ހޯދައި، ރާއްޖެ އަށް ފަހުރުވެރި ވަނަތަކެއް ހޯދައިދިނުމެވެ. މި ނިމުނު މުބާރާތުުން ލިބުނު ތަޖުރިބާގެ އަލީގައި އެކަމަށް ރަފާ ހުރީ ތައްޔާރު ވެގެންނެވެ.