Advertisement

ދީމާގެ މެސެޖް: "ދެން އޮންނަ މުބާރާތެއްގައި ރަން މެޑަލް ހޯދައިދޭނަން"

ދީމާ މި ފަހަރުގެ މުބާރާތުގައި ލިބުނު މެޑަލްތައް ކަރުގައި އަޅައިގެން ރާއްޖޭގެ ދިދަ ދައްކާލަނީ.-- ފޮޓޯ: އިސްމާއިލް އަޒްމީން/ އަދަދު


ދީމާގެ މެސެޖް: "ދެން އޮންނަ މުބާރާތެއްގައި ރަން މެޑަލް ހޯދައިދޭނަން"

ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގައި ވާދަކޮށް ރިހި މެޑަލް ލިބުމުން ހިތްހަމަޖެހޭ ކަމަށާއި، މިހާރުގެ އަޒުމަކީ ދެން ފަހަރަކު ރަން މެޑަލް ހޯދުން ކަމަށް ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި، ފާތިމަތު ދީމާ އަލީ ބުނެފި އެވެ.

ޒުވާނުންގެ މަރުކަޒުގެ އިންޑޯގައި އިއްޔެ ނިމުނު ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕަކީ ދީމާގެ ކެރިއަރުގެ އެންމެ ކާމިޔާބު ޖޫނިއާ މުބާރާތެވެ. މި މުބާރާތުގައި ދީމާ ވާދަކުރި ހުރިހާ އިވެންޓަކުން މެޑަލް ހޯދި އެވެ. ރާއްޖެ އަށް ޖުމްލަ ހަ މެޑަލް ލިބުނުއިރު، ހުރިހާ މެޑަލްތަކެއްގައި ދީމާގެ ހިއްސާ އެބައޮތެވެ.

މުބާރާތުން ރާއްޖެއަށް ލިބުނު މެޑަލްތަކަކީ ދީމާ ހޯދައިދިން އަންހެން ޖޫނިއާ ސިންގަލްސް ލޯ މެޑެއްޔާއި، ދީމާ ހިމެނިގެން އަންހެން ކެޑޭޓް ޑަބަލްސް އާއި އަންހެން ޖޫނިއާ ޑަބަލްސް އާއި އަންހެން ކެޑޭޓް ޓީމު އަދި އަންހެން ޖޫނިއާ ޓީމު އިވެންޓުން ލިބުނު ލޯ މެޑަލް އެވެ.

މުބާރާތުގެ ނިމުމުގެ ރަސްމިއްޔާތަށް ފަހު ޒުވާން ޓީޓީ ތަރި ދީމާ ބުނީ ބޭނުންވި ހިސާބަށް ނުދެވުނުކަމުގައިވިޔަސް ލިބުނު ކާމިޔާބީއާއިމެދު ހިތްހަމަޖެހޭކަމަށެވެ.

"ދީމާ ހަމަ ހެޕީ ޕާފޯމަންސާ ދޭތެރޭ. ދެ ވަނަ ފަހަރަށް މި މުބާރާތުން ސިލްވާ މި ލިބުނީ. އުއްމީދުކުރި ވަރަކަށް ނުދެވުނު. ބައިވެރިވި ހުރިހާ އިވެންޓަކުން ލިބުނު މެޑަލް އެހެންވީމަ ހަމަ ހެޕީ،" ދީމާ ބުންޏެވެ.

ފައިނަލް މެޗުގެ ތެރެއިން ދީމާ ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


މި މުބާރާތުގައި ރާއްޖެއަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ ކެޑޭޓް ސިންގަލްސްގެ ފައިނަލުގައި ވާދަކޮށް ދީމާ އަށް ލިބުނު ރިހި މެޑަލް އެވެ. މުބާރާތުގެ ސިންގަލްސް އިވެންޓުގައި ފައިނަލްތަކުގައި ވާދަކުރި ކުޅުންތެރިންގެ ތެރެއިން އިންޑިއާ އަށް ނިސްބަތް ނުވާ ހަމައެކަނި ކުޅުންތެރިއަކީ ދީމާ އެވެ.

ފައިނަލުން ބަލިވި ނަމަވެސް ދީމާ ވަނީ ޗެމްޕިއަންކަން ހޯދި އިންޑިއާގެ ޖެނިފާއާ ވަރުގަދަ ވާދައެއް ކޮށްފަ އެވެ. ފައިނަލުގައި ދުނިޔޭގެ 18 ވަނައިގައި އޮތް ޖެނިފާ އަތުން 3-2 ސެޓުން ބަލިވިއިރު، ދީމާ ވަނީ މެޗުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ދީމާ ގަބޫލުކުރާ ގޮތުގައި އޭނާއަށް މި މުބާރާތުގައި އެންމެ ހާއްސަ އެއް ވަގުތަކީ ސެމީ ފައިނަލު މެޗުގެ ފަހު ސެޓުން މޮޅުވި ވަގުތު ކޮޅެވެ. ފަހު ޕޮއިންޓާ އެކު ދީމާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. ސަޕޯޓަރުން އެއް އަޑަކުން "ދީމާ، ދީމާ" މިހެން ގޮވަމުން ދިޔައިރު، މެޗު ނިމުމާ އެކު މުޅި އިންޑޯ ހޯލު އެއްކޮށް ގައުމީ ޖޯޝާއި ފޯރިން ކެކިގެން ދިޔަ އެވެ.

ސެމީ ފައިނަލް މެޗުން މޮޅުވުމުން ދީމާ އުފަލުން ރޮނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


އެ ވަގުތު ކޮޅު ސިފަކުރަމުން ދީމާ ބުނީ ތިން ވަނަ ސެޓުގައި ބޮޑު ލީޑެއްގައި އޮއްވާ އިންޑިއާ ކުޅުންތެރިޔާ، ފަހަތުން އަރާ ހަމަހަމަކޮށް އަނެއްކާ ވެސް ހިތްވަރުކޮށްގެން މެޗު ކާމިޔާބު ކުރެވުމުން އުފަލުން ގޮސް ރޮވުނީ ކަމަށެވެ.

"އެ މެޗުގައި، 10-6 އިން ލީޑުގައި އޮއްވައި އެކުއްޖާ (ސަންދިކާ) ފަހަތުން އަރާ އެއްވަރުކުރީމަ ވަރަށް ހާސްވެފަ، ޝޮކްވެފަ ހުރީ. ދީމާ ހީކުރީ ދީމާއަށް ގެއްލިދާނެ އޭ ސެޓު. މޮޅުވި ގަޑިގަ ވަރަށް ބޮޑު ރިލީފެއް ލިބުނު." ސަރަހައްދީ ޖޫނިއާ މުބާރާތުގައި ޖެހިޖެހިގެން ދެ ވަނަ ފަހަރަށް ރިހި މެޑަލް ހޯދި ދީމާ ބުންޏެވެ.

ރާއްޖޭގައި މިހާތަނަށް އެންމެ ކުލަގަދަކޮށް ބޭއްވި ޖޫނިއާ މުބާރާތާއި ގުޅޭގޮތުން ރާއްޖޭގެ އެއް ވަނަ އަންހެން ކުޅުންތެރިޔާ ދީމާ ބުނީ އެންމެ އުފާވަނީ ރާއްޖޭގެ ސަޕޯޓަރުންގެ ތަރުޚީބު ލިބުމުން ކަމަށެވެ. އަދި މެޗުގައި ކުޅޭވަގުތު އެ އަޑު އިވުމުން ވަރަށް ބޮޑަށް ހިތްވަރު ލިބޭކަން ދީމާ ފާހަގަކުރި އެވެ.

"ދީމާ ވަރަށް އުފާވި ސަޕޯޓަރުން ފެނުނީމަ. ތެންކިޔު (ޝުކުރިއްޔާއޭ) ބުނެލަން ބޭނުން ހުރިހާ ސަޕޯޓަރުން ދީމާ އަށް ސަޕޯޓުުކުރަން އައީމަ،" ދީމާ ބުންޏެވެ.

މެޗުގެ ތެރެއިން ދީމާ އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ޒުވާން އުމުރުގައި ރާއްޖެއަށް ގިނަ ކާމިޔާބީތަކެއް ހޯދައިދެމުން އަންނަ ދީމާގެ އުއްމީދަކީ ކުރިއަށް އޮތް ތާނގައި މި މުބާރާތުން ރަން މެޑަލް ހޯދައިދިނުމެވެ.

"ދީމާ ވަރަށް މަސައްކަތްކުރާނަން، ދެން ފަހަރަކު ހޯޕް ފުލީ ރަން މެޑަލް ހޯދާނަން،" ދީމާ ބުންޏެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޖޫނިއާ ޓީޓީ މުބާރާތެއް ބޭއްވީ 2018 ވަނަ އަަހަރު އެވެ. އެ ފަހަރު ދީމާ އަށް ލިބުނީ ހޯޕްސް ބައިން ރިހި މެޑަލެކެވެ. މި ފަހަރު އިންޑިއާ ކުޅުންތެރިއަކު ސެމީގައި ބަލިކޮށްފައި، ދީމާ ކެޑޭޓް ކެޓަގަރީގެ ފައިނަލަށް ދިއުމަކީ ބޮޑު ކުރިއެރުމެކެވެ. ސަރަހައްދުގެ ޓީޓީގެ އިސް ސަފުގައި އޮތް ލަންކާ އާއި އިންޑިއާ އަށް ރަނގަޅު ފައިޓެއް ދީފައި ދީމާ މި ފަހަރުގެ މުބާރާތް ނިންމާލުމަކީ ހަގީގަތުގައި ދެން އޮތް ހަރުފަތަކަށް ދާން ބަލާއިރު، ދީމާ އަށް ހިތްވަރު ހޯދޭނެ ސަބަބުތަކެކެވެ.