10 މޭ 2022 - 23:20 0
ރާއްޖޭގެ ރަފާ ޕޮއިންޓެއް ލިބުމުން އުފާފާޅުކުރަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
10 މޭ 2022 - 23:20 0
ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕު 2022ގެ ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގެ ޑަބަލްސް އިވެންޓުން ރާއްޖޭގެ އަންހެން ދެ ޕެއާ ކުޅުނު ދެ ސެމީ ފައިނަލުން ބަލިވެ ލޯ މެޑަލަކާ އެކު ނިންމާލަން ޖެހިއްޖެ އެވެ.
ސަރަހައްދީ މުބާރާތުގައި ދެ ކެޓަގަރީގެ ޑަބަލްސް އިވެންޓުގައި ރާއްޖޭގެ ހަތަރު ޕެއާ އެއް ވާދަކުރި އެވެ. އޭގެ ތެރެއިން އަންހެން ދެ ޕެއާ ވަނީ ސެމީ ފައިނަލުން ޖާގަ ހޯދައިފަ އެވެ. އެއީ ޖޫނިއާ ބައިގެ އަންހެން ކެޓަގަރީގައި ވާދަކުރި ފާތިމަތު ދީމާ އަލީ އާއި އައިޝަތު ރަފާ ނާޒިމްގެ ޕެއާ އާއި، ކެޑޭޓްގެ އަންހެން ބައިގައި ވާދަކުރި ދީމާ އާއި މިޝްކާ މުހައްމަދު އިބްރާހިމްގެ ޕެއާ އެވެ. ސެމީ ފައިނަލުގައި ދީމާ އާއި ރަފާގެ ޕެއާ ބަލިވީ އިންޑިއާގެ ޕެއާ އަކާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. ކެޑޭޓް ބައިގެ ސެމީ ފައިނަލުގައި ދީމާ އާއި މިޝްކާ ބަލިވީ ޕާކިސްތާނާއި ވާދަކޮށް 3-2 ސެޓުންނެވެ.
އަންހެން ޑަބަލްސް އިވެންޓުން ވެސް ދެ ލޯ މެޑަލް ރާއްޖެއަށް ލިބުނުއިރު، ޓީމް އިވެންޓުގެ ޖޫނިއާ އާއި ކެޑޭޓްގެ އަންހެން ބައިން ރާއްޖޭގެ އަންހެން ޓީމް ވަނީ ލޯ މެޑަލް ހޯދާފަ އެވެ. މިހާތަނަށް ރާއްޖެ އަށް ލިބިފައިވަނީ ހަތަރު ލޯ މެޑަލް އެވެ.
ޑަބަލްސް އިވެންޓުގެ އަންހެން ކެޑޭޓް ބައިގެ ސެމީ ފައިނަލުން ރާއްޖޭގެ ދީމާ އާއި މިޝްކާ ބަލިވީ ޕާކިސްތާނުގެ ހައިގާ ހަސަން އާއި ހޫރް ފަވާދް އަތުން 3-2 ސެޓުންނެވެ. ފޯރިގަދަ މެޗުގެ ފުރަތަމަ ސެޓު 7-11 އިން ކާމިޔާބުކޮށް ފެށުން ރަނގަޅު ކުރީ ޕާކިސްތާނުންނެވެ. ނަމަވެސް ދީމާ އާއި މިޝްކާ ވަނީ ކުޅުން ރަނގަޅުކޮށް 11-6 އިން ދެ ވަނަ ސެޓު ހޯދާފަ އެވެ. ޖެހިގެން އައި ތިން ވަނަ ސެޓު ޕާކިސްތާނުން ހޯދީ 7-11 އިންނެވެ. އަނެއްކާ ވެސް މިޝްކާ އާއި ދީމާ މޮޅަށް ކުޅެ، ހަތަރު ވަނަ ސެޓު 11-8 އިން ހޯދި އެވެ. ފަހު ސެޓުގައި ހެދުނު މިސްޓޭކުތަކުގެ ސަބަބުން ރާއްޖެ އަށް މި ސެޓު ގެއްލުނީ 6-11 އިންނެވެ.
ޖޫނިއާ ބައިގެން އަންހެން ޑަބަލްސް އިން ރާއްޖޭގެ ރަފާ އާއި ދީމާ ބަލިވީ އިންޑިއާގެ ޔަޝަސްވަނީ އާއި ސުވަސްތިކާ އަތުން ސީދާ ތިން ސެޓުންނެވެ. ފުރަތަމަ ސެޓުގައި ރަނގަޅު ވާދައެއްކޮށް، 8-11 އިން ބަލިވި ނަމަވެސް ދެން އައި ދެ ސެޓުން ރާއްޖޭގެ ޕެއާ ބަލިވީ ތަފާތު ބޮޑުކޮށެވެ. އެއީ 1-11 އަދި 4-11 އިންނެވެ.
މުބާރާތުގައި މިހާރު ކުރިއަށްދަނީ ޖޫނިއާ ސިންގަލްސް އަދި ކެޑޭޓް ސިންގަލްސްގެ މެޗުތަކެވެ. ކޮންމެ ގަައުމަކުންވެސް ކޮންމެ ކެޓަގަރީއެއްގައި އަންހެން ދެ ކުޅުންތެރިން އަދި ފިރިހެން ދެ ކުޅުންތެރިން ވާދަކުރާނެ އެވެ. ހުރިހާ ކުޅުންތެރިން ވެސް ގްރޫޕްތަކަށް ބަހާލާފައިވާއިރު، ކުއާޓާ ފައިނަލުން ޖާގަ ލިބޭނީ ކޮންމެ ގްރޫޕަކުން ވެސް ދެ ކުޅުންތެރިއަކަށެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment