Advertisement

ސެމީ އިން ބަލިވިޔަސް އަންހެން ދެ ޓީމަށް ވެސް ލޯ މެޑަލް

10 މޭ 2022 - 17:10 0

ޖޫނިއާ ބައިގެ ސެމީ ފައިނަލް މެޗުގެ ތެރެއިން ރާއްޖޭގެ ދީމާ (ކ) އާއި ރަފާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ސެމީ އިން ބަލިވިޔަސް އަންހެން ދެ ޓީމަށް ވެސް ލޯ މެޑަލް

10 މޭ 2022 - 17:10 0

މިހާރު ކުރިއަށްދާ ސައުތު އޭޝިއަން ޖޫނިއާ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް 2022ގެ ޖޫނިއާ އަދި ކެޑޭޓް ކެޓަގަރީގެ އަންހެން ޓީމު އިވެންޓުގެ ސެމީ ފައިނަލުން ބަލިވެ ލޯ މެޑަލްއާ އެކު ފަރުޖައްސާލަން ޖެހިއްޖެ އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި މިއަދު މެންދުރު، ޖޫނިއާ އަންހެން ޓީމު އިވެންޓުގެ ސެމީ ފައިނަލުން ރާއްޖެ ބަލިވީ ސްރީ ލަންކާއާ ވާދަކޮށް 3-2 ގޭމުންނެވެ. ކެޑޭޓް ބައިގެ އަންހެން ސެމީ ފައިނަލްގައި ރާއްޖެ ބަލިވީ އިންޑިއާއާ ވާދަކޮށް ސީދާ ތިން ގޭމުންނެވެ.

ޖޫނިއާ ބައިގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް ބަލިވީ ލަންކާގެ ބިމަންދިނީ އަތުން ސީދާ ތިން ސެޓުންނެވެ. ވާދަވެރިކޮށްދިޔަ ގޭމްގެ ސެޓުތައް ލަންކާއިން ގެންދިޔައީ 9-11، 11-13 އަދި 7-11 އިންނެވެ. ދެ ވަނަ ގޭމުގައި ކުޅެން ނުކުމެ، ރާއްޖޭގެ ފާތިމަތު ދީމާ އަލީ ވަނީ ލަންކާގެ އައިލަޗިއްޓީ 3-1 ސެޓުން ބަލިކޮށް އުއްމީދު ހޯދައިދީފަ އެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 11-8، 11-9، 9-11 އަދި 11-7 އިންނެވެ.

ތިން ވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ މުހައްމަދު އިބްރާހިމް އަތުން ލަންކާގެ މަނީޝާ ފަސޭހަކަމާ އެކު ސީދާ ތިން ގޭމުން މޮޅުވެ، ވަނީ އަނެއްކާ ވެސް ލީޑު ނަގައިފަ އެވެ. ގޭމުގެ ސެޓުތައް މަނީޝާ ގެންދިޔައީ 5-11، 11-13 އަދި 6-11 އިންނެވެ. ހަތަރު ވަނަ ގޭމްގައި ރާއްޖޭގެ ދީމާ އަނެއްކާ ވެސް ރަނގަޅު މޮޅެއް ހޯދައި ފަހު ގޭމަށް މެޗު ގެންގޮސްދިނެވެ. މި ފަހަރު ރަފާ އަތުން މޮޅުވި ބަންދިނީ ދިމާ އަތުން ބަލިވީ ސީދާ 3 ސެޓުންނެވެ. އެއީ 11-7، 6-11 އަދި 11-7 އިންނެވެ.

ނަތީޖާ ނެރުމަށް ކުޅުނު ފަހު ގޭމު ފެނުނީ ވަރަށް ވާދަވެރިކޮށެވެ. ލަންކާގެ އައިލަޗިއްޓީ އަތުން ރާއްޖޭގެ ރަފާ ބަލިވީ ސީދާ ތިން ސެޓުންނެވެ. ތިން ސެޓުން ބަލިވި ނަމަވެސް ކޮންމެ ސެޓެއްގައިވެސް ރަފާ ރަނގަޅު ވާދައެއް ކުރި އެވެ. މެޗުގެ ސެޓުތައް ލަންކާއިން ގެންދިޔައީ 10-12، 9-11 އަދި 11-13 އިންނެވެ.

ޖޫނިއާ ބައިގެ އަންހެން ޓީމު ފައިނަލުގައި ލަންކާ ނުކުންނާނީ ޕާކިސްތާން ބަލިކޮށް ފައިނަލުން ޖާގަ ހޯދި އިންޑިއާއާ ދެކޮޅަށެވެ.

ކެޑޭޓް ބައިގެ ޑަބަލްސް މެޗުގެ ތެރެއިން ރާއްޖޭގެ މިޝްކާ ބޯޅަ ފޮނުވާލަނީ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު


ކެޑޭޓް ބައިގެ އަންހެން ޓީމް ސެމީ ފައިނަލުން ރާއްޖެ ބަލިވީ ވަރުގަދަ އިންޑިއާ އަތުން ސީދާ ތިން ގޭމުންނެވެ. ފުރަތަމަ ގޭމުގައި ރާއްޖޭގެ ދީމާ ބަލިވީ އިންޑިއާގެ ޖެނިފާ އަތުން 3-1 ސެޓުންނެވެ. ޖެނިފާ މެޗު ކާމިޔާބުކުރީ ފުރަތަމަ ސެޓު 11-6 އިން ދީމާ ހޯދާފައިވަނިކޮށް ޖެހިގެން އައި ތިން ސެޓު 6-11، 6-11 އަދި 10-12 އިން ގެންގޮސްގެނެވެ.

ދެ ވަނަ ގޭމުގައި ރާއްޖޭގެ މިޝްކާ ބަލިވީ އިންޑިއާގެ ހަންސިނީ އަތުން ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ހަންސިނީ ގެންދިޔައީ 5-11، 5-11 އަދި 4-11 އިންނެވެ. ތިން ވަނަ ގޭމު ވެސް އިންޑިއާ އިން ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ. މިޝްކާ އާއި މަލާކް ބިންތި މުއިއްޒު ކުޅުނު ޑަބަލްސް މެޗު އިންޑިއާގެ ސަންދްޔާ އާއި ޖެނިފާ ކާމިޔާބުކުރީ 3-11، 5-11 އަދި 2-11 އިންނެވެ.

މި މެޗުތަކާ އެކު މުބާރާތުގެ ޓީމު އިވެންޓުގެ މެޗުތައް ރާއްޖެ އަށް ނިމުނީ އެވެ. އަންހެން ދެ ޓީމުން ވެސް ދެ ލޯ މެޑަލް ހޯދިއިރު، ފިރިހެން ދެ ޓީމް ގްރޫޕް ސްޓޭޖުން ކެޓީ ކުޅުނު އެއްވެސް މެޗަކުން މޮޅެއް ނުހޯދި އެވެ.