10 މޭ 2022 - 15:17 0
އަމަން ހަލީމް
އައްޑޫގައި ކުުރިން ހިންގި ގާމެންޓް ފެކްޓްރީއެއް: އައްޑޫގައި ވިއްސަކަށް ވުރެ ގިނަ އަހަރު ވަންދެން ގާމެންޓްސް އަދި ޓެކްސްޓައިލްސް އުފެއްދުމުގެ ސިނާއަތެއް އޮތް. -- ފޮޓޯ: އައިޑިއާސްކެލާ (މަސްދަރު ނޭނގޭ)
10 މޭ 2022 - 15:17 0
އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފަހިކޮށްދިނުމުގެ ބޭނުމުގައި ސަރުކާރުން އުފައްދާފައިވާ ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) އިން އައްޑޫ ސިޓީގައި އަޅާ ގާމެންޓް ފެކްޓްރީގެ އޮޕަރޭޝަނަށް ކޮންސަލްޓަންސީ ދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފި އެވެ.
އައްޑޫ ގާމެންޓް ފެކްޓްރީއަކީ ސަގާފީ ދިވެހި ހެދުންތަކަށާއި އަންނައުނަށް ޓޫރިޒަމް ސިނާއަތުގައި އޮތް ޑިމާންޑަށް ބޭނުންވާ މުދާ ފޯރުކޮށްދޭން ބީސީސީ އިން ފަށައިގެން އުޅޭ ޕްރޮޖެކްޓެކެވެ.
އެގޮތުން މިދިޔަ އަހަރު އެ ކޯޕަރޭޝަނުން ވަނީ އައްޑޫގައި ގާމެންޓް ފެކްޓްރީއެއް އެޅުމުގެ މަސައްކަތް ކުރިޔަށް ގެންދާނެ ގޮތުގެ ފީސިބިލިޓީ ރިޕޯޓެއް ތައްޔާރުކޮށްފަ އެވެ. މި ރިޕޯޓަކީ އެ ފެކްޓްރީއަކީ ދެކޮޅުޖެހޭނެ ކަމެއްތޯ ބެލުމުގެ އިތުރަށް އެ މަސައްކަތް ކުރާނެ ގޮތާއި، ސްކޭލް ބެލުމުގެ ގޮތުން އެކުލަވާލި ރިޕޯޓެކެވެ.
އައްޑޫ ގާމެންޓް ފެކްޓްރީގައި ޓޫރިސްޓުންނަށް ބޭނުންވާ އަންނައުނު ތައްޔާރުކުރުމުގެ އިތުރުން، އެތަނުގެ މުވައްޒަފުންނާއި ގާމެންޓް އަދި ފެޝަން އިންޑަސްޓްރީގައި ހަރަކާތްތެރިވާ މީހުންނަށް ބޭނުންވާ ހާއްސަ ތަމްރީނު ދިނުން ހިމެނެ އެވެ.
ބީސީސީ އިން ކުރި އިއުލާނުގައިވާ ގޮތުގައި، މި ޕްރޮގްރާމްތައް ރާވާ ހިންގާނެ ގޮތާއި، ފެކްޓްރީ ފުރިހަމައަށް އޮޕަރޭޝަނަށް ގެންނަން އެކުލަވާލަންޖެހޭ އޮޕަރޭޝަނަލް އޮނިގަނޑު އެކުލަވާލާ މުޅި މަސައްކަތް ވިލަރެސްކުރާނީ ކޮންސަލްޓަންޓެވެ.
އެ މަސައްކަތުގެ ތެރޭގައި ފެކްޓްރީއަށް ބޭނުންވާ މެޝީނަރީ އާއި އެހެނިހެން ސަޕްލައި ހޯދުމުން ފެށިގެން ފެކްޓްރީގައި އުފައްދާނެ އަންނައުނުގެ ބާވަތްތަކާއި ކޮލިޓީއާ ގުޅޭ މިންގަނޑުތައް ކަނޑައެޅުން ހިމެނެ އެވެ.
މިކަމަށް ބީލަން ހުށަހެޅުމުގެ ސުންގަޑިއަކީ މޭ 23 ވާ ހޯމަ ދުވަހުގެ މެންދުގެ 11:00 އެވެ.
އައްޑޫ ގާމެންޓް ފެކްޓްރީއާ ގުޅޭ ގޮތުން ބީސީސީގެ އޮފިޝަލަކު "އަދަދު"އަށް ވިދާޅުވީ މި ފެކްޓްރީ ހުންނާނީ އައްޑޫގެ މީހުން ދިރިއުޅޭ ރަށްތަކުގެ "ސެންޓްރަލް" ލޮކޭޝަނެއްގައި ކަމަށެވެ. އެކަމަށް ބޭނުންވާ ބިން އައްޑޫ ސިޓީ ކައުންސިލުން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ވަރަށް ރަނގަޅު ލޮކޭޝަނަކުން ބިން ހަމަޖެހިފަ ވަނީ. އައްޑޫ ސިޓީ ހިތަދޫއާ މަރަދޫފޭދޫގެ މެދަށްވާކަހަލަ ގޮތަކަށް"
ފެކްޓްރީ އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެ ތާރީހަކާ ގުޅިގެން އޮފިޝަލް ވިދާޅުވީ އެ ތާރީހު އެނގޭނީ އޮޕަރޭޝަނަލް ކޮންސަލްޓަންސީ މަސައްކަތް ނިމުމުން ކަމަށެވެ.
އިއުލާނުގައިވާ ގޮތުން މި މަސައްކަތަށް ލިބެނީ ހަ މަސް ދުވަހެވެ. އެކަމަކު ބޭނުން ވެއްޖެ ހާލަތެއްގައި އެ މުއްދަތު އިތުރުކުރެވެ އެވެ. އެހެންވެ ބޮޑަށް ބެލެވެނީ އަންނަ އަހަރުގެ ތެރޭގައި މި ފެކްޓްރީ އެޅުމުގެ އަމަލީ މަސައްކަތް ފެށޭ ވަރު ވާނެ ކަމަށެވެ.
މީގެ ކުރިން ވެސް އައްޑޫ ސިޓީ ގަމުގައި ގާމެންޓް ފެކްޓްރީތަކެއް ހިންގާފައި ވެ އެވެ.
އެ ފެކްޓްރީތަކަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމުގެ ސަރުކާރުން 1982 ގައި ހިންގަން ފެށި ދެ ފެކްޓްރީ އެވެ. އެއީ ސިލްވަލައިން ގާމެންޓް މޯލްޑިވްސް އާއި ޖޭއެސްއެމް/އެސްޓީއޯ މޯލްޑިވްސް (ފަހުން، ގަން އެޕޭރަލް މޯލްޑިވްސް) އެވެ.
އައްޑޫ ސިޓީގައި ހިންގި ގާމެންޓް ފެކްޓްރީއަކަށް އޭރުގެ ރައީސް މައުމޫން ކުރެއްވި ޒިޔާރަތެއްގެ ތެރެއިން: މި ފެކްޓްރީތަކުގައި އައްޑު އަތޮޅުގެ ގިނަ އަދަދެއްގެ ބަޔަކު، ހާއްސަކޮށް އަންހެނުން މަސައްކަތް ކުރި. -- ފޮޓޯ: އައިޑިއާސް ކެލާ
އެ ފެކްޓްރީތަކުގައި ގަމީހާއި ސޯޓާއި ފަޓުލޫނުގެ އިތުރުން ސްކާޓާއި ސްވެޓަރު ފަދަ އުފެއްދުންތައް ތައްޔާރުކުރި އެވެ. އެ އުފެއްދުންތައް އެކްސްޕޯޓު ކުރީ މައިގަނޑު ގޮތެއްގައި އެމެރިކާ އާއި ކެނެޑާ އާއި ޔޫރަޕު ގައުމުތަކަށެވެ.
ސަރުކާރު ހިއްސާވާ ގޮތަށް ހިންގި ގާމެންޓް ފެކްޓްރީތަކަށް ދިމާވީ މާލީ މައްސަލަތަކެއްގެ ސަބަބުން ހުއްޓާލި ނަމަވެސް 2000 ގެ އަހަރުތަކުގައި ވެސް އައްޑޫގައި ގާމެންޓް ފެކްޓްރީތައް ހިންގި އެވެ. އެންމެ ފަހާ ޖެހެންދެން ހިންގީ ލަންކާގެ ޖުވެލް ޓެކްސް އާއި ލީނިއާ ޓެކްސްޓައިލްގެ ފެކްޓްރީތަކެވެ.
އަައްޑޫ ގެ ރައްޔިތުން، ހާއްސަކޮށް އަންހެނުން، މަސައްކަތްކުރި މި ގާމެންޓް ފެކްޓްރީތަކުގެ މަސައްކަތްތައް ހުއްޓުމަކަށް އައީ 2005 ގައި ވާލްޑް ޓްރޭޑް އޯގަނައިޒޭޝަނުން ދެމުން އައި ޓެކްސްޓައިލް ކޯޓާ ދިނުން ހުއްޓާލުމާ ގުޅިގެންނެވެ. މީގެ ސަބަބުން ކުންފުނިތައް ބަގުރޫޓުވެ، ފެކްޓްރީތައް ބަންދުކުރީ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment