10 މޭ 2022 - 13:03 0
10 މޭ 2022 - 13:03 0
ބާމިންހަމް (މެއި 10) - އިނގިރޭސި ޕްރިމިއާ ލީގުގެ ރޭހުގައި ލިވަޕޫލުން މޮޅުވާން މަޖުބޫރު މެޗެއްގައި އެ ޓީމާ ދެކޮޅަށް ނުކުންނަން ޖެހުން އެއީ އުނދަގޫ ކަމެއް ނޫން ކަމަށް އެސްޓަން ވިލާގެ ކޯޗަކަށް ހުރި ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް ބުނެފި އެވެ.
ލީގުގެ ދެ ވަނައިގައި އޮތް ލިވަޕޫލުން މިރޭ އެސްޓަން ވިލާ އަތުން މޮޅުވެގެން އެއް ވަނައިގައި އޮތް މެންޗެސްޓާ ސިޓީއާ ޕޮއިންޓުގެ ގޮތުން އެއްވަރު ކުރެވޭނެ އެވެ. އެސްޓަން ވިލާ އަތުން ބޮޑު ތަފާތަކުން މޮޅުވެއްޖެނަމަ ލިވަޕޫލަށް އެއް ވަނަ އަށް ވެސް އެރޭނެ އެވެ.
މިދިޔަ ހޮނިިހިރު ދުވަހު ބާންލީ އަތުން މޮޅުވެގެން އެސްޓަން ވިލާ ވަނީ ލީގުގެ ޖާގަ އަންނަ ސީޒަނަށް ވެސް ކަށަވަރުކޮށްފަ އެވެ. މިރޭ ލިވަޕޫލާ ދެކޮޅަށް ނުކުންނައިރު، އެސްޓަން ވިލާ އަށް ވަކި މަގާމަކަށް އެރުމުގެ ހާއްސަ ޓާގެޓެއް ނެތަސް މޮޅުވާން ޖެރާޑް ބޭނުންވެ އެވެ.
"އަބަދުވެސް އަހަރެންގެ ވަޒީފާ އަކީ މި މަގާމުގައި ހުންނައިރު އެސްޓަން ވިލާ މޮޅުކޮށްދިނުން. ކުުރިން އަހަރެން ކުޅެދިން ޓީމަކާ ދެކޮޅަށް ކުޅެން ޖެހުނަސް އެއީ މި ވަޒީފާގައި ހުންނައިރު ވިސްނަން ޖެހޭ ކަމެއް ނޫން،" ލިވަޕޫލަށް 710 މެޗުން 186 ގޯލު ޖަހައިދީފައިވާ ޖެރާޑް ބުންޏެވެ.
މިދިޔަ ސީޒަނުގައި ލިވަޕޫލް އަތުން އެސްޓަން ވިލާ އަމިއްލަ ދަނޑުގައި މޮޅުވީ 7-2 އިންނެވެ. ޖެރާޑް ބުނީ އެ ނަތީޖާ ތަކުރާރުވެއްޖެނަމަ އެއީ އުފާކުރާނެ ކަމަށް ބުނެފަ އެވެ.
"ގަބޫލުކުރަންޖެހޭ އަހަރެމެން (އެސްޓަން ވިލާ) މި ނުކުންނަނީ ލިވަޕޫލް ތާރީހުގައި އޮތް އެންމެ މޮޅު ޓީމާ ދެކޮޅަށް. މުޅި ދުނިޔޭގައި ވެސް މި ވަގުތު އެންމެ މޮޅު އެއް ޓީމާ ދެކޮޅަށް. ފުޓްބޯޅަ ޝައުގުވެރިވަނީ އަބަދުވެސް ބޮޑެތި މެޗުތަކުން، މިއީ އެ ފަދަ މެޗެއް،" ޖެރާޑް ބުންޏެވެ.
ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ. ކްލޮޕަށް ފަހު ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވާނީ ޖެރާޑް ކަމަށް އިނގިރޭސި މީޑިއާގައި ތަކުރާރުކޮށް ވާހަކަ ދެކެވެ އެވެ. އެ ވާހަކައާ ބެހޭގޮތުން ކްލޮޕް ބުނީ ޖެރާޑަކީ އޭނާ އަށް ފަހު ލިވަޕޫލާ ހަވާލުވާން އެންމެ ރަނގަޅު ކޯޗުތޯ އެއީ އިތުރު ސުވާލެއް ކުރުމެއް ނެތި ލިވަޕޫލްގެ ސަޕޯޓަރުން އެއްބަސްވާނެ ކަމެއް ކަމަށް ކްލޮޕް ވަނީ ބުނެފަ އެވެ.
ޖެރާޑްގެ ކޯޗުކަމުގައި އެސްޓަން ވިލާ އިން ވަނީ މިދިޔަ ޑިސެމްބަރު މަހު ލިވަޕޫލް ދަނޑުގައި 1-0 އިން ބަލިވެފަ އެވެ. މިރޭ އެސްޓަން ވިލާ ދަނޑުގައި ލިވަޕޫލާ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.
Comment