Advertisement

އެނބޫދޫ ފިނޮޅު ހިއްކަން ގެނައި ތަކެއްޗަށް ނުގަވައިދުން ހުއްދަ ދީގެން 2.2 މިލިއަން ރުފިޔާގެ ޑިޔުޓީ ނުހޯދި

10 މޭ 2022 - 11:05 0

މުހައްމަދު ވިޝާމް

މުހައްމަދު ވިޝާމް


އެނބޫދޫ ފިނޮޅު ހިއްކަން ގެނައި ތަކެއްޗަށް ނުގަވައިދުން ހުއްދަ ދީގެން 2.2 މިލިއަން ރުފިޔާގެ ޑިޔުޓީ ނުހޯދި

10 މޭ 2022 - 11:05 0

އެނބޫދޫ ފިނޮޅު ހިއްކުމުގެ މަސައްކަތަށް ބޭނުންކުރުމަށްފަހު އަނބުރާ ގެންދާ ގޮތަށް، ވެހިކަލްތަކާއި އެހެނިހެން މުދާ އެތެރެ ކުރުމުގެ ކަސްޓަމްސްއިން ދޫކޮށްފައިވަނީ އުސޫލާ ހިލާފަށް ކަމަށް އޮޑިޓު އޮފީހުން ބުނެފި އެވެ.

ކަސްޓަމްސްގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގައި ބޭނުންކުރުމަށްފަހު އަނބުރާ ގެންދާ ގޮތަށް އިމްޕޯޓް ކުރެވޭ މުދާ ދޫކުރެވޭނީ އެ ތަކެއްޗަށް ޒިންމާވާ ރާއްޖޭގެ ފަރާތެއް ހުރެގެން ކަމަށް ކަސްޓަމްސްގެ އާންމު ގަވައިދުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

އަދި އެގޮތަށް އިމްޕޯޓް ކުރާ މުދަލަށް ޑިޔުޓީ ދެއްކުމަކީ އެ މުދަލަށް ރާއްޖޭން ޒިންމާވާ ފަރާތުގެ މަސްއޫލިއްޔަތެއް ކަމަށް އެ ގަވައިދުގައި ބުނެފައިވާ ކަމަށެވެ.

ނަމަވެސް، ރާއްޖޭގައި ބޭނުން ކުރުމަށްފަހުު އަނބުރާ ގެންދާ ގޮތަށް އިމްޕޯޓް ކޮށްފައިވާ ބައެއް މުދާ ދޫކުރުމުގައި، އެ މުދަލަށް ޒިންމާވާނޭ ރާއްޖޭގެ ފަރާތެއް ހުރިކަން ކަސްޓަމްސްއިން ކަށަވަރުކޮށްފައިނުވާ ކަމަށް އެ ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ.

މިގޮތުން، އެނބޫދޫ ފިނޮޅުގެ ރެކްލަމޭޝަން މަސައްކަތަށް ބޭނުން ކުރުމަށްފަހުު އަނބުރާ ގެންދާ ގޮތަށް 2017ވަނަ އަހަރު އިމްޕޯޓް ކޮށްފައިވާ ވެހިކަލްތަކާއި އެހެނިހެން މުދާ ކަސްޓަމްސްއިން ދޫކޮށްފައިވަނީ ރާއްޖޭން ބޭރުގެ ފަރާތެއް ޒިންމާވާ ގޮތަށް ހުށަހަޅާފައިވަނިކޮށް ކަމަށް އޮޑިޓު އޮފީހުން ބުންޏެވެ.

ގަވައިދާ ހިލާފަށް އެ ހުއްދަ ދިނުމުގެ ސަބަބުން، އެ މުދަލަށް ޒިންމާވާ ފަރާތާ މުއާމަލާތް ކުރެވޭނެ ގޮތެއް ނުވެގެން، އެ ތަކެތީގެ އިމްޕޯޓް ޑިއުޓީގެ ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ދަތިވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

މިގޮތުން، އެނބޫދޫ ފިނޮޅުގެ ރެކްލަމޭޝަން މަސައްކަތަށް ބޭނުން ކުރުމަށްފަހުު އަނބުރާ ގެންދާ ގޮތަށް އެތެރެކުރި ތަކެތި ކަނޑައެޅިފައިވާ މުއްދަތުގައި ރާއްޖޭން ބޭރަށް ފޮނުވާލައިފައިނުވާތީ، 2.23 މިލިއަން ރުފިޔާ ކަސްޓަމްސްއަށް ލިބެންޖެހެ އެވެ.

ނަމަވެސް، މިތަކެއްޗަށް ޒިންމާވާނޭ ފަރާތުގެ ގޮތުގައި ރާއްޖޭން ބޭރުގެ ފަރާތެއް ހަމަޖައްސާފައިވާއިރު، އެ ފަރާތް ރާއްޖޭގައި ނެތުމުގެ ސަބަބުން މުއާމަލާތް ނުކުރެވޭ ކަމަށް ކަސްޓަމްސްއާ ހަވާލާދީ އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

"ނަތީޖާ އެއްގެ ގޮތުން، މިފައިސާ ހޯދުމަށް އުސޫލުގައި ބަޔާން ކޮށްފައިވާ ފިޔަވަޅުތައް އެޅިފައިނުވާ ކަމާއި، މިފައިސާ މިހާތަނަށް ހޯދިފައިނުވާކަން ފާހަގަ ކުރެވިފައިވެއެވެ،" އޮޑިޓު އޮފީހުން ބުންޏެވެ.

އެހެންކަމުން އަނބުރާ ގެންދާ ގޮތަށް އިމްޕޯޓް ކުރެވޭ މުދާ ދޫކުރުމުގެ ކުރިން، އެތަކެއްޗަށް ޒިންމާވާނޭ ރާއްޖޭގެ ފަރާތެއް ހުރިކަން ކަށަވަރު ކުރުމަށް އޮޑިޓު އޮފީހުން ވަނީ ކަސްޓަމްސްއަށް އަންގައިފަ އެވެ.

އަދި އެފަދަ މުދާ ކަނޑައެޅިފައިވާ މުއްދަތުގައި ރާއްޖޭން ބޭރަށް ފޮނުވާލާފައިނުވުމުގެ ސަބަބުން ކަސްޓަމްސްއަށް ލިބެންޖެހޭ އިމްޕޯޓް ޑިއުޓީ ހޯދުމަށް "ކަސްޓަމްސްއަށްު ލިބެންވާ ފައިސާ ހޯދުމާއި ވަގުތީގޮތުން ހިދުމަތް މެދުކަނޑާލުމުގައި އަމަލުކުރާނެެ އުސޫލު"އާ އެއްގޮތަށް އަމަލުކުރުމަށް ވެސް އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.

އެނބޫދޫ ފަޅު މަޝްރޫއު

މާލޭގެ ދެކުނު ފަރާތުގައި އޮންނަ އެނބޫދޫ ފަޅު ހިއްކައިގެން، ތައިލެންޑުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ސިންހަ އެސްޓޭޓުން ތަރައްގީކުރި "ކްރޮސް ރޯޑް" މަޝްރޫއުގައި ޖުމްލަ ނުވަ ރަށް ހިމެނެ އެވެ.

އެ މަޝްރޫއުގެ ފުރަތަމަ ފިޔަވައްސަށް 311 މިލިއަން ޑޮލަރު (4.7 ބިލިއަން ރުފިޔާ) ހަރަދުވާއިރު މުޅި މަޝްރޫއުއަށް 800 މިލިއަން ޑޮލަރު (12.3 ބިލިއަން ރުފިޔާ) ހަރަދުވާނެކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.

އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓުގެ ދަށުން ތަރައްގީ ކުރާ އެ ތަނުގައި ރަށެއް ތަރައްގީކޮށް ނިމުމުން ކްރޮސްރޯޑްސް މެރީނާއާ ގުޅުވާލާނެ އެވެ. ހާޑްރޮކް އާއި ސާއީ ލެގޫންގައި މިހާރު ވަނީ ރިސޯޓު ހުޅުވައިފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މި ރަށްތައް ދޫކޮށްފައިވަނީ 50 އަހަރުގެ ލީސް އެގްރީމަންޓެއްގެ ދަށުންނެވެ. ލީސް ހަމަވާނީ 2066 ވަނަ އަހަރު އެވެ.