Advertisement

ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގައި ހާއްސަ ސެކްޝަނެއް އުފައްދައިފި

31 މާރިޗު 2024 - 22:30 1

އަމަން ހަލީމް

އަމަން ހަލީމް

ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންސް ސެކްޝަނުގެ ޔުނީފޯމް: މި ސެކްޝަނުން މަސައްކަތް ކުރާނީ ކޯސްޓު ގާޑު ފަދަ ބޯޑަރު ބަލަހައްޓާ އިދާރާތަކާ ގުޅިގެން -- ފޮޓޯ: ކަސްޓަމްސް


ކަނޑުގެ ސަރަހައްދު ބަލަހައްޓަން ކަސްޓަމްސްގައި ހާއްސަ ސެކްޝަނެއް އުފައްދައިފި

31 މާރިޗު 2024 - 22:30 1

ކަސްޓަމުން ހިންގާ ކަނޑުމަތީގެ އޮޕަރޭޝަންތަކާއި އިގުތިސޯދީ ހާއްސަ ސަރަހައްދު (އީއީޒެޑު) ބަލަހައްޓަން ކުރާ މަސައްކަތްތަކުގައި ހަރަކާތްތެރިވާނެ އާ ސެކްޝަނެއް މިއަދު އުފައްދައިފި އެވެ.

ކަސްޓަމްސްއިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އަަލަށް އުފެއްދި "މެރިޓައިމް ސަވައިލެންސް އެންޑް ބޯޑާ ޕްރޮޓެކްޝަން ސެކްޝަން" އަކީ ކަސްޓަމްސްގެ ކޮންޓްރޯލް ސަރަހައްދުތަައް ބެލަހެއްޓުމަށާއި މަސްތުވާތަކެއްޗާއި ރާއްޖެ އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވަން އޮޕަރޭޝަންތައް ހިންގުމަށާއި ކަސްޓަމްސްގެ ކޮންޓްރޯލްގެ ދަށުގައި ހުރި އުޅަނދުފަހަރުގެ ކަންކަން ބެެލެހެއްޓުން ހަރުދަނާ ކުރަން ގާއިމްކުރި ސެކްޝަނެއް ކަމަށެވެ.

މި ސެކްޝަނުގެ މެންޑޭޓުގައި ސަވައިލެންސް ޑްރޯން ފަދަ އާލާތްތައް ބޭނުންކޮށްގެން އުޅަނދުފަހަރުތައް މޮނިޓާ ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގެ ތެރޭގައި ކަސްޓަމްސްއިން ތަންފީޒުކުރަން ޖެހޭ ކަންކަން ތަންފީޒުކުރަން ގައުމީ ދިފާއީ ބާރާ ގުޅިގެން އޮޕަރޭޝަންތައް ހިންގުން ހިމެނެ އެވެ.

ކަސްޓަމްސްއިން ބުނީ މި ސެކްޝަނަށް ހާއްސަ ލޯގޯ އަކާއި ޔުނީފޯމެއް ފަރުމާކުރެވި، ސެކްޝަނަށް ބޭނުންވާ އުޅަނދުފަހަރާއި ވަސީލަތްތަކާއި މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކަސްޓަމްސްގެ މެރިޓައިމް ސެކްޝަނުގެ މަސައްކަތް ފަށަނީ މީގެ ދެ އަހަރު ކުރިން ފެށިގެން ކަސްޓަމްސްގެ މެރިޓައިމް އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަ ދެ އުޅަންދާ އެކީގަ އެވެ. މި ސެކްޝަނުގައި ދެން ބޭނުންކުރާނީ މިފަހުން ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދީފައިވާ 30 ފޫޓުގެ ދެ ޕެޓްރޯލް ވެސްލްއެވެ. ކަސްޓަމްސްއިން ބުނީ މި އުޅަނދުތައް ލިބޭނީ މެއި މަހު ކަމަށެވެ.

އޭގެ އިރުތުން އަންނަ އަހަރުގެ ކުރީކޮޅު، ހަމަ ޖަޕާނު ސަރުކާރުގެ ހިލޭ އެހީގެ ދަށުން ލިބިފައިވާ، 85 ފޫޓުގެ ޕެޓްރޯލް ވެސްލްއެއް ވެސް މި ސެކްޝަނުގައި ބޭނުންކުރަން ފަށާނެ ކަމަށް ކަސްޓަމްސްއިން ބުންޏެވެ. އަދި މި އުޅަނދު ބޭނުންކޮށްގެން ކަނޑުމަތީގެ އޮޕަރޭޝަންތައް ހިންގަން ޖަޕާނަށް ފޮނުވައިގެން އަށް އޮފިސަރަކު ތަމްރީނުކުރަން ހަމަޖެހިފައިވާ ކަމަށް ވެސް އެ އިދާރާއިން ބުންޏެވެ.

ޖަޕާނުން ލިބިފައިވާ އެހީތަކުގެ އިތުރުން އާ ސެކްޝަނުގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނާއި ވަސީލަތްތައް ހޯދަން ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީ އާއި އެމެރިކާގެ "އެކްސްޕޯޓް ކޮންޓްރޯލް އެންޑް ރިލޭޓަޑް ބޯޑާ ސެކިއުރިޓީ" އާ މަޝްވަރާކުރެވި، އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެފައިވެ އެވެ.