Advertisement

އުފާ ފާޅުކުރުންތަކުގައި ރެއާލް ޓީމާ އެކު ބޭލް ނުފެންނަ ސަބަބު އަންޗެލޮޓީ ކިޔައިދީފި

8 މޭ 2022 - 12:19 0


އުފާ ފާޅުކުރުންތަކުގައި ރެއާލް ޓީމާ އެކު ބޭލް ނުފެންނަ ސަބަބު އަންޗެލޮޓީ ކިޔައިދީފި

8 މޭ 2022 - 12:19 0

މެޑްރިޑް (މެއި 8) - ސްޕެނިޝް ލީގު 35 ވަނަ ފަހަރަށް ކާމިޔާބުކުރުމަށް ފަހު އެ ޓީމުގެ އުފާފާޅުކުރުންތަކުން ގަރެތް ބޭލް ނުފެންނަ ސަބަބާއި ގުޅޭގޮތުން މީޑީއާގައި ދެކެވެމުން އަންނަ ވާހަކަތަކަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ޖަވާބު ދީފި އެވެ.

ރެއާލް ސްޕެނިޝް ލީގު ކާމިޔާބުކުރީ މިދިޔަ ހަފްތާގައި އެސްޕަންޔޯލް އަތުން ހޯދި މޮޅާ އެކުގަ އެވެ. ބާކީ ހަތަރު މެޗު ލީގުގައި ކުޅެން އޮއްވައި ރެއާލް އަށް ތަށި ލިބުނީ ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ރެއާލާ އަރާ ހަމަނުކުރެވޭނެކަން ޔަގީން ވުމުންނެވެ.

އެސްޕަންޔޯލް އަތުން ހޯދި މޮޅަށް ފަހު ރެއާލް މެޑްރިޑުން ވަނީ ލީގާ ތައްޓާ އެކު އުފާފާޅުކުރުންތައް ކުރިއަށް ގެންގޮސްފަ އެވެ. ސްޓޭޑިއަމްގައި ކުރިއަށް ގެންދިޔަ ހަރަކާތްތަކަށް ފަހު އެ ޓީމުގެ ބަހުގައި މެޑްރިޑްގެ ބޮޑެތި މަގުތަކުގައި ވަނީ އުފާފާޅުކޮށްފަ އެވެ. ނަމަވެސް މީގެ އިން އެއްވެސް ތަނަކުން އެ ޓީމުގެ ބޭލް ފެނިފައި ނުވާތީ ގިނަ ބަޔަކުވަނި އެކަން ފާހަގަކޮށްފަ އެވެ.

ޓީމާ އެކު ބޭލް ނުފެންނަ ސަބަބެއް ކަމަށް ގިނަ ބަޔަކު ބުނަމުން އަންނަނީ އަންޗެލޮޓީ އޭނާ ބާކީ ކުރުމެވެ. އަންޗެލޮޓީ ރެއާލް އަށް ކޯޗުކޮށްދޭން ފެށި ފަހުން ބޭލް އަކީ ބާކީވެފައި ހުންނަ ކުޅުންތެރި އެކެވެ.

މި ކަންކަމަށް ޖަވާބު ދެމުން އަންޗެލޮޓީ ބުނީ ބޭލް ޓީމާ އެކު ނުފެނުނީ އަނިޔާގައި ހުރުމުން ކަމަށެވެ.

"ބޭލްގެ ބުރަކަށްޓަށް ލިބިފައިވާ އަނިޔާގެ ސަބަބުން އެ ދުވަހު އޭނާ އަށް ހިނގާވެސް ނުލެވޭ. އެހެންވެގެން ޓީމާ އެކު ބޭލް ނުފެނުނީ. އެހެން ސަބަބެއް މިކަމުގައި ނެތް" ރެއާލް ގޮވައިގެން މި މަހު 28 ވަނަ ދުވަހު ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ތައްޔާރުވަމުން އަންނަ އަންޗެލޮޓީ ބުންޏެވެ.

އަންޗެލޮޓީ ބުނީ އުފާ ފާޅުކުރުންތަކުގައި ކުޅުންތެރިން ޕާޓީކޮށް އެކި އެކި ކަންކަން ކުރިއިރު ބޭލްގެ ހާލަތު ހުރިގޮތުން އެކަންކަމުގައި ބައިވެރިވެ ހަރަކާތްތެރި ނުވެވޭނެތީ ގޭގައި މަޑުކުރަން ނިންމީ ކަމަށެވެ.

ރެއާލްގައި އަންޗެލޮޓީގެ ކުރިމަގާއި ގުޅޭގޮތުން ބުނީ ރެއާލް ދޫކޮށްލުމުގެ ވިސްނުމެއް ނެތް ކަމަށެވެ. އަމިއްލަ އިހުތިޔާރުގައި އޮތް ކަމެއް ނަމަ ކެރިއަރު ނިމެންދެން ރެއާލްގައި ހުންނާނެ ކަމަށް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"އަހަރެން ބޭނުން 80 އަހަރު ވަންދެން ވެސް ރެއާލްގައި ހުންނަން. އެ ފުރުސަތު ލިބިއްޖެއްޔާ، ހާލަތަށް ބަލައި ހުންނާނީ މި ކުލަބުގައި. މި ކުލަބަށް ވުރެ ވަކި ރަނގަޅު ފުރިހަމަ ކުލަބެއް ދުނިޔެ އިން ހޯދުމަކީ އުނދަގޫ ކަމެއް" އަންޗެލޮޓީ، 62، ބުންޏެވެ.

ސްޕެނިޝް ލީގުގައި މިރޭ ރެއާލް ނުކުންނާނީ އަވައްޓެރި ކްލަބް، އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. އެތުލެޓިކޯގެ ދަނޑު ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 00:00 ގަ އެވެ.