Advertisement

ޕީޕީއެމް ބަދުނާމްވާ ގޮތަށް ވާހަކަދައްކާތީ ނަހުލާގެ މައްސަލައެއް ބަލަން ފަށައިފި

ޕީޕީއެމްއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީ އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު: ނަހުލާ ވަނީ ޝުޖާއު އޭނާއަށް އިންޒާރު ދޭކަމަށް ވިދާޅުވެފަ. ފޮޓޯ: ފޭސްބުކް


ޕީޕީއެމް ބަދުނާމްވާ ގޮތަށް ވާހަކަދައްކާތީ ނަހުލާގެ މައްސަލައެއް ބަލަން ފަށައިފި

އިދިކޮޅު ޕީޕީއެމްއަށް ނިސްބަތްވާ ވިލިމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލް މެމްބަރު ނަހުލާ އަލީ އެ ޕާޓީ އަދި ޕާޓީގެ ލީޑަރަށް ނިސްބަތްކޮށް ބަދުނާމްވާ ގޮތަށް ހަގީގަތާ ހިލާފް ވާހަކަ ދައްކާކަމަށް ބުނެ އެ ޕާޓީން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.

ރޭގެ ވަގުތެއްގައި ނަހުލާ ޕީޕީއެމްއިން ވަކިކޮށްފައިވާ ކަމަށް ބުނާ ވާހަކަތަކެއް ސޯޝަލް މީޑިއާގައި ވަނީ ފެތުރިފަ އެވެ. ނަމަވެސް ޕީޕީއެމް އަދި ނަހުލާ ވެސް ވަނީ އެކަން ދޮގުކޮށްފަ އެވެ. އަދި ނަހުލާ ވަނީ މިފަހުން އޮތް އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ އިންތިހާބާއި ގުޅުވައިގެން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރަހިމް ޝުޖާއު އޭނާއަށް އިންޒާރުދެމުންދާ ކަމަށް ރޭ އޭނާގެ ފޭސްބުކްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފަ އެވެ.

އެކަމާއި ގުޅިގެން ޕީޕީއެމްއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ނަހުލާ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި ޕާޓީ އާއި ޕާޓީ ލީޑާޝިޕާއި ގުޅޭގޮތުން ބަދުނާމްވާގޮތަށް ހަގީގަތާ ހިލާފް ވާހަކަތަކެއް ދައްކާފައިވާކަމަށެވެ.

ޕީޕީއެމްއިން ބުނީ ނަހުލާ އެ ޒާތަށް ވާހަކަދައްކާފައިވަނީ ވިލިމަލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިހާބުގައި ޕީޕީއެމްއިން ނެރުނު ކެންޑިޑޭޓާ ދެކޮޅަށް އެންޓި ކެމްޕޭންކޮށް އިދިކޮޅު ކެންޑިޑޭޓަށް ތާއިދު ހޯދަން މަސައްކަތްކުރާ ކަމުގެ މައުލޫމާތު ޕާޓީއަށް ލިބުނުފަހުން ކަމަށް އެ ޕާޓީން ބުނެ އެވެ.

އަދި އެ މައުލޫމާތަށް ބިނާކޮށް ޕާޓީން އޭނާގެ ސުލޫކީ މައްސަލައެއް ބަލަން ފެށުމުން ނަހުލާ އޭނާގެ ސޯޝަލް މީޑިއާގައި ދޮގުވާހަކަ ފަތުރައި އެ ޕޯސްޓުކޮށްފައިވާކަމަށް ޕީޕީއެމްއިން ބުނެ އެވެ.

"މީގެ އިތުރުން ވެސް، މި ޕާޓީގެ ރައީސްގެ ނަންފުޅު ބޭނުންކޮށް، ދޮގު ވާހަކަތައް ދައްކައި މެމްބަރުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ފިތުނަ އުފެދޭ ވާހަކަތައް (ނަހުލާ) ދައްކަމުން ގެންދާކަން ވެސް ފާހަގަކުރަން،" ޕީޕީއެމްއިން ނެރުނު ބަޔާނުގައި ބުނެ އެވެ.

ޕީޕީއެމްއިން ބުނީ އެކަންކަން ކުރުމަށް ނަހުލާގެ މަންމަ އާމިނަތު ލީލާ އަދި ދޮގު ވާހަކަތަކެއް ދެއްކުމަށްފަހު އެޕާޓީން ވަކިވެފައިވާ ނަހުލާގެ ކޮއްކޮ މަރިޔަމް ނަފްހާ ވެސް ނަހުލާއަށް އެހީތެރިވަމުން އަންނަ ކަމަށެވެ.

އެހެންކަމުން ނަހުލާއާއި ލީލާގެ މައްސަލަ މިހާރު ސުލޫކީ މައްސަލައެއްގެ ގޮތުގައި ޕާޓީން ބަލަމުން އަންނަ ކަމަށް އެ ބަޔާނުގައި ޕީޕީއެމްއިން ބުނެ އެވެ. އެ ޕާޓީން އިތުރަށް ބުނީ، އެ މައްސަލަ ބެލުމުގައި ނަހުލާ އަދި ލީލާގެ ވެސް އެއްބާރުލުމެއް ލިބެމުންނުދާ ކަމަށެވެ.

ނަހުލާގެ މައްސަލަ ބަލަން ފެށީ، އޭނާގެ ފޭސްބުކްގައި ރޭގެ ވަގުތެއްގައި އޭނާ ކުރި ޕޯސްޓުގައި ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ގޮނޑިއަށް ވާދަކުރުމަށް އޭނާ ޕާޓީއަށް ހުށަހެޅުއްވި ނަން ނަންގުވައި، ޝުޖާއު ހުށަހެޅުއްވި ނަމަކަށް ޕާޓީން ޓިކެޓް ދީފައިވާކަމަށް ބުނެފަ އެވެ.