Advertisement

އަލްހާން އަށް މަގުތައް ބަންދުވެ، ކިންގްސް ފޮރެކްސްގެ އިންވެސްޓަރުންނަށް ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ގެއްލިއްޖެ!

5 މޭ 2022 - 20:16 0

އަހުމަދު ސައީދު

އަހުމަދު ސައީދު

ކިންގްސް ކެޕިޓަލް ހޯލްޑިންސްގް ޗެއާމަން އަލަހާން ފަހުމީ، މިދިޔަ މާޗު މަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ -- އަދަދު ފައިލް ފޮޓޯ


އަލްހާން އަށް މަގުތައް ބަންދުވެ، ކިންގްސް ފޮރެކްސްގެ އިންވެސްޓަރުންނަށް ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ގެއްލިއްޖެ!

5 މޭ 2022 - 20:16 0

ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ ޗެއާމަން، ފެދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އަށް، ފޮރެކްސް ޓްރޭޑްކުރި ފައިސާ ނެގޭނެ މަގުތައް ބަންދުވެ، ކިންގްސް ފޮރެކްސްގައި ބައިވެރިވި އިންވެސްޓަރުންނަށް ފައިސާ އަނބުރާ ލިބޭނެ ކަމުގެ ޔަގީންކަން ގެއްލިއްޖެ އެެވެ.

މިދިޔަ މާޗް މަހުގެ 10 ވަނަ ދުވަހު، އެމްއެމްއޭ އިން ނުސީދާކޮށް ކިންގްސް ފޮރެކްސް އާ ދެކޮޅަށް ބަޔާން ނެރެ، ބީއެމްއެލްގައި ހުޅުވާފައިވާ ކިންގްސް ކެޕިޓަލް ހޯލްޑިންސްގެ އެކައުންޓްތައް ފްރީޒް ކުރީ، ކުޑަ މުއްދަތެއްގައި ބޮޑު ފައިދާއެއް ހޯދައިދޭނެ ކަމަށް ބުނެ މީހުންގެ އަތުން ފައިސާ ނަގައިގެން ބޮޑު ފްރޯޑެއް ހިންގަމުން އަންނަ ކަމަށް ތުހުމަތު ކޮށްފަ އެވެ. އަދި، އެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނަށް ވެސް ހުށަހަޅާފައިވެ އެވެ.

އެމްއެއްއޭ އިން ފިޔަވަޅު އެޅުމާ ގުޅިގެން ކިންގްސް ފޮރެކްސް އިން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ކުންފުނިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފަ އެވެ. އަދި، އަލްހާން ވަނީ ރާއްޖޭގެ މާލީ ނިޒާމަށް ގޮންޖައްސަވައި މާލީ އިންގިލާބެއް ގެންނާނެ ކަމަށް ވިދާޅުވެ، ފިޔަވަޅު އެޅި ފަހުން ވެސް، ކިންގްސް ފޮރެކްސްގެ އިންވެސްޓުމަންޓް ޕެލޭންތައް އިސްތިހާރުކޮށް ވިއްކައިފަ އެވެ.

"އަޅުގަނޑުމެން ނުހުއްޓުވޭނެ، ޓްރޭޑް ކުރުމެއް ވެސް ނުހުއްޓުވޭނެ، މިކަން ހުއްޓުވަންޔާ ޖެހޭނީ އިންޓަނެޓް ކަނޑާލަން، ބޭންކް އޮފް މޯލްޑިވްސް ކަންބޮޑުވެގެން މި އުޅެނީ، ބޭންކުގައި ހުރި ފައިސާ ނަގައިގެން ގެނެސް ފޮރެކްސް ގައި އިންވެސްޓް ކުރާތީ،" ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލްހާން ވިދާޅުވި އެވެެ.

ކިންގްސް ފޮރެކްސް އިން ބުނެފައިވާ ގޮތުގައި 1،600 މީހުން މީހުން، އެ ކުންފުންޏާ ގުޅިގެން ފޮރެކްސް ގައި އިންވެސްޓް ކޮފައިވެ އެވެ. ކިންގްސް ފޮރެކްސް ގެ އެންމެ ކުޑަ އިންވެސްޓްމަންޓް ޕްލޭންގައިވާ ގޮތުގައި 10،000 އިންވެސްޓް ކުރުމުން، ޖުމްލަ 25،000 ރުފިޔާ، އަށް މަސް ދުވަހަށް ބަހާލައިގެން އިންވެސްޓް ކުރާ ފަރާތައް ލިބޭނެ އެވެ. އެންމެ ބޮޑު ޕްލޭނުގެ އަގަކީ 250،000 ރުފިޔާ އެވެ. އެ ޕްލޭން 130 އަށްވުރެ ގިނަ މީހުން ނަގާފައިވާ ކަމަށް އެ ކުންފުނީގެ ޓެލެގްރާމުގައި ކުރިން ބުނެފައިވެ އެވެ.

އެމްއެމްއޭ އިން އެޅި ފިޔަވަޅަށް ފަހު ދެން ކަންތައްވީ ކިހިނެތް؟

ކިންގްސް ފޮރެކްސް އަށް ގެއްލުންވެ ބަދުނާމުވާ ގޮތަށް އަމަލުކޮށްފައި ވާތީ، އެމްއެމްއޭ އާއި ބީއެމްއެލް އާ ދެކޮޅަށް އެ ކުންފުނިން ދައުވާ ކުރި އެވެ. އަދި ބީއެމްްއެލް އާ ވާހަކަ ދައްކައިގެން، ފްރީޒް ކޮށްފައިވާ އެ ކުންފުނީގެ އެކައުންޓުގައި ހުރި ފައިސާ ހޯދި އެވެ.

ފޮރެކްސް ޓްރޭޑިން ކުރިއަށް ގެންދިމަށްޓަކައި، ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ބްރޯކާ ޑެރައިވް އާ އެކު އެއްބަސްވުމެއް ހަދައި، އިންވެސްޓްކުރި ފަރާތްތަކުން ޑެރިވްގައި އެކައުންޓް ހުޅުވުމަށް ކިންގްސް ފޮރެކްސް އިން އިންވެސްޓަރުންނަށް ލަފާ ދިނެވެ. އަދި، ކުރިއަށް އޮތް ތަނުގައި ވެސް ބީއެމްއެލް މެދުވެރިކޮށް ފޮރެކްސް ޓްރޭޑް ކުރާ ފައިސާގެ މުއާމަލާތް ހިންގުމަށް ދަތިވާނެ ކަމަށް ބެލެވޭތީ، އީ ވޮލެޓް ހުޅުވުމަށް އިންސްޓަރުންނަށް ލަފާ ދިނެވެ.

ޑެރިވްގައި އެކައުންޓް ހުޅުވި ފާރާތްތަކަށް ކިންގްސް އިން އެންގީ، ކޮޕީ ޓްރޭޑިން ކުރިއަށް ގެންދިއުމަށްޓަކައި ހުރިހާ ފަރާތްތަކުގެ އެކައުންޓްތައް ވެސް ކިންގްސް ފޮރެކްސްގެ އެކައުންޓާއި ލިންކު ކުރާނެ ކަށާއި އެއަށްފަހު ހުރިހާ ކަމެއް ވެސް ބަރާބަރަށް ކުރިއަށް ދާނެ ކަމަށެެވެ.

ނަމަވެސް، ވަރަށް ގިނަ ފަރާތްތަކެއްގެ އެކައުންޓް ލިންކް ނުވެ ލަސްވާތީ، ޓެލެގްރާމް ގްރޫޕުގައި އެކަން ފާޅު ކުރުމަށް ކިންގްސް އިން ފުރަތަމަ ބުނީ، ހުރިހާ އިންވެސްޓަރުންގެ އެކައުންޓްތައް ލިންކުކުރަން ވަގުތު ބޭނުންވާނެ ކަމަށެވެ. ފަހުން ބުނީ ޓެކްނިކަލް ކަންތައްތައް ދިމާވާތީ އެކައުންޓް ލިންކް ކުރުމަށް ލަސްތަކެއް ދިމާވަމުންދާ ކަމަށެވެ.

ކިންގްސްގެ ޓެލެގްރާމް ގުރޫޕުގައި ކުރިން ބައިވެރިންނަށް މެސެޖު ކުރެވެ އެވެ. ކިންގްސް އަށް ސިދާ ފޮނުވާ މެސެޖުތަކަށް ޖަވާބު ނުލިބޭތީ އާއި ތަފާތު އެހެން ކަންބޮޑުވުނަތައް ފާޅުކުރަން ފެށުމުން، އެ ޓެލެގްރާމް ގްރޫޕުގެ ބައިވެރިނަށް އާންމުކޮށް މެސެޖު ނުފޮނުވޭ ގޮތް ވަނީ ހަދައިފަ އެވެ.

ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ގެ އިސްވެެރިން: ކުންފުނީގެ ޕެކޭޖުތައް ވިއްކުން މިހާރު ވަނީ ހުއްޓާލާފައި -- އަދަދު ފޮޓޯ


މިހާރު ކަންތައްވެފައިވަނީ ކިހިނެތް؟

ކިންގްސް ފޮރެކްސްގެ ޓެލެގްރާމް ގްރޫޕުގައި ހާލަތާ ގުޅޭ ގޮތުން ވަނީ ތަފުސީލު ބަޔާނެއް ނެރެފަ އެވެ. އެ މެސެޖުގައި މައިގަނޑު ގޮތެއްގައި ފާހަގަ ކޮށްފައިވާ މުހިންމު ތިން ކަމެކެވެ.

"... މި ކުންފުނީގެ މި ވިޔަފާރިއާ ގުޅުންހުރި ޖިނާއީ ތަހުގީގެއް ހިންގާ ކަމަށް ފުލުހުން ބަޔާން ނެރުމާ ގުޅިގެން، އަޅުގަނޑުމެންގެ އޮންލައިން ޓްރޭޑިންގެ އެފިލިއޭޓް ޕާޓްނާ ޑެރިވް އިން ވަނި ތަހުގީގު ނިމެންދެން ޕާޓްނާޝިޕް ސަސްޕެންޑް ކޮށް ހިދުމަތްތައް މެދު ކަނޑާލާފައި،" ބަޔާނުގައި ބުނެފައިވެ އެވެ.

ބަޔާނުގައި ބުނެފައިވާ ގޮތުގައި ރާއްޖޭން ބޭރުން ޓްރޭޑްކުރާ ފައިސާ އެއްވެސް އީ ވޮލެޓަކުން ރާއްޖެއަށް އެތެރެ ނުކުރެވޭ ގޮތަށް ހަދާ، އުސޫލުތައް ހަރުކަށިކޮށް، ހެދުމުގެ ސަބަބުން ފައިސާ މަނީ ލޯންޑަރިން އަށް ތުހުމަތު ނުވާ ގޮތަކަށް ގެނެވެން އޮތީ އެހެން ގައުމެއްގައި ކުންފުނި ރަޖިސްޓްރީކޮށްގެންނެވެ.

އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ކުރިމަތިވެފައިވާ ދަތިތަކަށް ހައްލު ހޯދައި އިންވެސްޓަރުންގެ ފައިސާ އަނބުރާ ދިނުމަށް ގިނަވެގެން ތިން މަސް ދުވަހުގެ މުއްދަތެއް ނަގާނެ އެވެ.

ކިންގްސް ފޮރެކްސް އިން ހިންގި އިންވެސްޓްމަންޓް ޕްލޭން ތަކަކީ ގާނޫނީ ގޮތުން މަނާ ކުރޭނެ ކަމެއް ކަމަށް އެ ކުންފުނިން ކުރިން ގަބޫލެއް ނުކުރެ އެވެ. ނަމަވެސް، ބަޔާނުގައި ބުނެފައިވާ ގޮތުގައި "ސާފު ގާނޫނީ މަގެއް ހޯދެންދެން،" އިތުރު ފަރާތްތަކަށް ޕެކޭޖުތައް ވިއްކުން އެ ކުންފުނިން ވަނީ ހުއްޓާލައިފަ އެވެ.

"މިކަމުގެ ސަބަބުން މިކުންފުންޏަށް ގާތްގަނަޑަކަށް ފަސްދޮޅަހަކަށް މިލިޔަން ރުފިޔާގެ ގެއްލުންވެ، ވިޔަފާރި އެއްބަސްވެފައިވާ ގޮތަށް ގެންދަން ހުރަސް އެޅި، ހުއްޓުމަކަށް އައިސްފައިވާ ވާހަކަ ހިތާމަޔާއި އެކު ތިޔަ ބޭފުޅުންގެ މަައުލޫމާތަށްޓަކައި ދަންނަވަން،" ބަޔާނުގައި ބުނެފައިވެ އެވެ.

"ބައެއް ބޭފުޅުންނަށް ކުންފުނިން ދިން މުއްދަތު ހަމަވެ ފައިސާ ނުދެވި ލަސްވަނީ ފައިސާ ރާއްޖެން ބޭރުން ގެނެސް ދިނުމުގެ އިންތިޒާމް އަދި ހަމަޖެހިފައި ނެތީތީ،"

ކިންގްސް ފޮރެކްސް އިން އިންވެސްޓަރުންގެ ކިބައިން އެދިފައި ވަނީ، އިންވެސްޓަރުނަށް ލިބުނު ގެއްލުމަކީ އެ ކުންފުނިން ރާވައިގެން ދިން ގެއްލުމަކަށް ނުވާތީ ސުލްހަވެރިކަމާ އެކީ މައްސަލަ ހައްލުކޮށް ނިންމުމަށް އެއްބާރުލުން ދިނުމަށެެވެ. އަދި، އެ ކުންފުނީގެ މައްސަލަ ކޯޓަށް ހުށަނޭޅުމަށް ވެސް އެދިފައިވެ އެވެ.

ކިންގްސް ފޮރެކްސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި މައްސަލަ އަށް ހައްލެއް ފެނުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި އިންވެސްޓްކުރި ފައިސާގެ އިތުރަށް 25 ޕަސެންޓު އެ ކުންފުނިން އިންވެސްޓަރުންނަށް ދޭން ވަނީ ނިންމައިފަ އެވެ.

ކިންގްސް ފޮރެކްސް ޓެލެގްރާމް ގްރޫޕްގައި އެންމެ ފަހުން އަލްހާން ލިޔުނު މެސެޖުގައި ފައިސާ އާއެކު ނުފިލާނެ ކަމަށާއި އެހެން ގޮތެއް ނެތިއްޔާ މުދާ ވިއްކައިގެން ވެސް ފައިސާ އަނބުރާ ދޭނެ ކަމަށް ބުނެފައިވެ އެވެ.

"އަޅުގަނޑެއް ނުފިލަން. އަޅުގަނޑު މި ޒިންމާއިން ރެކޭކަށް ވެސް ނޫޅެން. ކެތްތެރިކަމާއެކު ވަގުތު ދެއްވުމަކީ ނިހާޔަތަށް އެދޭ އެދުމެއް!" އަލްހާންގެ މެސެޖުގައި ބުނެފައިވެ އެވެ.

އެމްއެމްއޭ އިން ނުސީދާ ބަޔާނެއް ނެރުމުގެ އިތުރުން ރަޖިސްޓްރީނުކޮށް ހިންގާ އެއްވެސް އިންވެސްޓްމަންޓް ސްކީމަކުން މާލީ ގެއްލުމެއް ލިބިފައިވާ މީހުން އެކަން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އަށް އެންގުމަށް ވެސް އެދުނެވެ.

އެ އިއުލާނުގައި ވެސް ވަކި ކުންފުންޏެއް ފާހަގަކޮށްފައި ނެތް ނަމަވެސް، އޭގަ ހުރި ވާހަކަތައް ނިސްބަތްކުރެވެނީ ކިންގްސް ކެޕިޓަލްއިން ހިންގި ކަމަށް ބުނާ ސްކީމަށެވެ.

އެގޮތުން، ސީއެމްޑީއޭ އިން ބުނި ގޮތުގައި އެކަކަށް ވުރެ ގިނަ މީހުން އިންވެސްޓުކޮށްގެން މާލީ ނަފާއެއް ލިބޭގޮތަށް ކުރާ ހުރިހާ މުއާމަލާތަކީ ސަރުކާރުން ވިއްކާ ބޮންޑާއި ކުންފުނިތަކުން ވިއްކާ ހިއްސާ ފަދައިން "ސެކުއިރިޓީޒް" އެވެ.

އަދި ބުނީ، ގާނޫނުގައި ބަޔާންކޮށްފައި ނެތް ނަމަވެސް މާލީ ސެކުއިރިޓީޒް ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުން މާނަކޮށްފައިވާ "ސެކިއުރިޓީޒް" ގެ ތެރޭގައި މިފަދަ ސްކީމްތައް ހިމެނޭ ކަމަށެވެ.