Advertisement

ރަށު ނޯޓު: އިހުގެ "ރަށު ދިރިއުޅުމުން" މުއްސަނދި ކުނަހަންދޫ

ކުނަހަންދޫ: މިއީ އެންމެ އިހުގެ ގޮތްތަކަށް އަދިވެސް ކަންކަން ކުރަމުންނަ ރަށެއް. -- ފޮޓޯ: އަނާ


ރަށު ނޯޓު: އިހުގެ "ރަށު ދިރިއުޅުމުން" މުއްސަނދި ކުނަހަންދޫ

މީގެ ތިރީސް އަހަރު ކުރި އެވެ. ލ. އަތޮޅު (ހައްދުއްމަތި) ހިތަދޫގައި ހުރެފައި ކުނަހަންދު އަށް ގޮސް، އެ ރަށުގެ ތިލަފަޅުގެ މާދުރުގައި އޮޑި އެޅުމަށް ފަހު ރަށަށް އަރަން ޖެހުނު ގޮތާއި، ރަށުގެ ފެހި މާހައުލުން ލިއްބައިދިން ހިތްގައިމުކަމާއި ހިތްފަސޭހަކަމާއި، ލިބިގެން ދިޔަ ދިވެހި ރަހަތަކުގެ ފުރިހަމަކަމާއި ރައްޔިތުންގެ އެކުވެރިކަމާއި އެ ހިތްހެޔޮކަން، އަދި ލިބުނު މެހުމާނުދާރީ، ހަނދާނުގެ ކުލަ ތަސްވީރެއްގެ ގޮތުގައި އެބަހުއްޓެވެ.

އެ ހަނދާނުން މި ލިޔުން ފަށަން ޖެހުނީ އެ ރަށާ ގުޅޭ މައުލޫމާތު ހޯދަން ގުޅި ބައެއް މީހުން ދެއްކި ވާހަކަތަކާއި ސިފަކޮށްދިން ކަންކަމުން ތިރީސް އަހަރު ކުރީގެ ހަނދާނުގެ ތެރެއަށް ގަންބާލުމުންނެވެ. ޒަމާނީ ފިހިން ބައެއް ކަންކަމުގައި ކުލަ ޖެހިފައިހުއްޓަސް، އޭރާއި މިހާރާ މާބޮޑު ތަފާތެއް ނެތްކަން އިހުސާސްވި އެވެ. އެންމެ އިހުގެ ދިވެހިންގެ ދިރިއުޅުމާއި ވައްޓަފާޅި އާއި ކެއުމާއި އާދަކާދަ ތަޖުރިބާކޮށްލަން ފުރިހަމަ މަންޒިލަކީ އެއީކަން ކުނަހަންދޫން ވާހަކަ ދެއްކި މީހުން ކަށަވަރުކޮށް ދެ އެވެ.

"އަދިވެސް އަސްލު ދިވެހިވަންތަ، އިހުގެ ރަށު ދިރިއުޅުން ތަޖުރިބާކުރަން ބޭނުން ނަމަ އެންމެ ފުރިހަމަ ރަށަކީ ކުނަހަންދޫ،" އެރަށަށް އުފަން، ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރު އައިމިނަތު އަމީނާ ނައީމް (އަނާ) ސިފަކޮށްދިނެވެ.

ސަބަބުތައް ނެތީއެއް ނޫނެވެ. ރަށުގެ ގިނަ ގެތައް ހުރީ އިހުގެ ގޮތްތަކަށެވެ. ބައެއް އާދަކާދަތައް ވެސް އިހުގެ ގޮތަށެވެ. ހާއްސަކޮށް، އީދު ފޯރި އާއި ކައިވެނި މައްޗަށް ދިޔުމާއި ހިތާނުކުރުމުގެ ހަފުލާތަކެވެ. ހަ ރޯދަ ނިމޭ ދުވަހު ހުރިހާ ރައްޔިތުން ބޮޑު ރޯދަވީއްލުމެވެ. އެއަށް ފަހު ދެން އޮންނާނީ ފެންކުޅި އީދެވެ.

ކުނަހަންދޫގައި މިދިޔަ އަހަރު ބޭއްވި އީދު ކޯޑި ނެގުމުގެ ހަރަކާތުގެ ތެރެއިން. -- ފޮޓޯ: އަނާ


ކުނަހަންދޫގައި އީދަށް ތައްޔާރުވުމަށްޓަކައި ހީނާފަތް ހޯދައި، ފުނޑައި، އަތާއި ފައިގައި އަޅަ އެވެ. އީދު ނަމާދުން ފައިބައިގެން އެންމެން ސައި ބުއިމަށް ފަހު، ފުރަތަމަ ހަރަކާތަކަށް އޮންނާނީ ކޯޑި ހަދައި، ހަވީރު ކޯޑި ދުއްވުމެވެ. އެއަށްފަހު ކޯޑި އުލަށް ޖަހާނެ އެވެ. ދެން އޮންނާނީ ކޯޑި ކެނޑުމުގެ ފޯރި އެވެ. އީދުގެ ދެ ވަނަ ދުވަހު އެންމެ މަޖާ ހަރަކާތަކީ ކޯޑި ކެނޑި މީހުން ހޯދައިގެން ގެނެސް މޫދަށް ލުމާއި ގައިގައި ކުރަހައިގެން މާއްޔަށް ހެދުމެވެ.

މި ރަށުގައި ކައިވެންޏެއް ކުރެވޭނަމަ، ފިރިހެން ކުއްޖާގެ އާއިލާގެ ފަރާތުން އަންހެން ކުއްޖާ ބަލައިދިނުމަކީ، "ކައިވެނި މައްޗަށް ދިއުމެވެ." ބެރުޖަހައި ލަވަ ކިޔަމުންނެވެ. އޭރު އަންހެން ކުއްޖާގެ ގޭގައި ހުންނާނީ ކާން ތައްޔާރުކޮށްފަ އެވެ. ކައިވެންޏަށް ނަލަހައްދާފައި އިން އަންހެން ކުއްޖާ ގޮވައިގެން ދާއިރު ނޫޓުގެ މާފަތި އަޅުވަ އެވެ.

ހިތާނުކުރުން ވެސް އެހާމެ ފޯރިގަދަ އެވެ. ހިތާނުކޮށްގެން އުޅޭ ނަމަ އެ ގެއެއްގެ ސުފުރާމަތި ހުންނާނީ މުޅި ރައްޔިތުންނަށެވެ.

ރަށުގައި އާމްދަނީ ހޯދަން އާންމުކޮށް ކުރަނީ މަސްވެރިކަމާއި ދަނޑުވެރިކަމާއި ސަރުކާރުގެ ވަޒީފާ އާއި ކައިރި ރިސޯޓްތަކުގެ ވަޒީފާ އާއި އަތްތެރި މަސައްކަތަކާއި ފަންގިވިނުމާއި ރޯނު ވެށުމެވެ. ރޯނު ވެށުމުގެ ތާރީހެއް މި ރަށާ ގުޅިފައިވެ އެވެ. މީގެ 62 އަހަރު ކުރިން 1960 ވަނަ އަހަރު ސަރުކާރުން ބޭއްވި ރޯނު ވެށުމުގެ މުބާރާތުން، ލ. އަތޮޅުން އެއްވަނަ ހޯދީ ކުނަހަންދު އެވެ.

ފަހުގެ ތާރީހުގައި ވެސް ކުނަހަންދޫ އަންހެނުން ވަނީ ހާއްސަ ވަނައެއް އެރަށަށް ހޯދައި. ދަމަހައްޓައިދީފަ އެވެ. އެއީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ ގައުމީ ޓީ20 އަންހެނުންގެ ކްރިކެޓް މުބާރާތުގެ ތިން އަހަރުގެ ޗެމްޕިއަންކަން ހޯދައި ތަށި މިލުކުކުރި އެވެ.

ކުނަހަންދޫގެ ހިތްގައިމު މަންޒަރެއް: މި ރަށުގެ ޖުމުލަ އާބާދީއަކީ 919 މީހުން. -- ފޮޓޯ: އަނާ


މާލެއާ ގާތްގަނޑަކަށް 260 ކިލޯމީޓަރު ދުރުގައި އޮތް ކުނަހަންދޫ އަށް ދެވިފައިވާ އިނގިރޭސި އަކުރާއި ނަންބަރަކީ އޯ-12 އެވެ. ބޮޑުމިނުގައި 91 ހެކްޓަރުގެ މި ރަށުގެ އާބާދީ އަކީ، 919 އެވެ. މިހާރު ރަށުގައި ދިރިއުޅެނީ ގާތްގަނޑަކަށް 800 މީހުންނެވެ. މީގެ 37 އަހަރު ކުރިން، 1985 ގައި ނެގި ބޯހިމެނުމުން ދައްކާ ގޮތުގައި ކުނަހަންދޫގެއާބާދީއަކީ 351 މީހުންނެވެ. އެއީ 175 އަންހެނުންނާއި 176 ފިރިހެނުންނެވެ.

އާންމު ވިޔަފާރިކުރާ 11 ފިހާރަ އާއި ކެފޭއެއް ހުރެ އެވެ. ގެސްޓް ހައުސްއެއް ހިންގުމަށް ކައުންސިލުން ހަ ކޮޓަރީގެ އިމާރާތެއް ވަނީ ހަދައިފަ އެވެ.

ޒަމާނުއްސުރެ މި ރަށަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ފެންފަށަ ތިލަވުމުގެ ސަބަބުން ނުކުންނަ މައްސަލަތަކެވެ. ހައިރާން ނުވާށެވެ. ރަށުގެ ބައެއް ސަރަހައްދުތައް ހައެއްކަ އިންޗިއަށް ކޮނެލާއިރު ފެނުގައި ޖެހޭނެ އެވެ. ނަތީޖާއަކީ، ނަޖިސްވަޅުގަނޑުތަކުގެ ނަޖިހުން ފެންފަށަލަ ތަގައްޔަރުވުމެވެ.

މިކަމަށް ހައްލެއް އައުމުގެ އުއްމީދު ވަނީ ފެނިފަ އެވެ. ކުނަހަންދޫގެ ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތަށް ފެށުމަށް ފެނަކައިން މިހާރު ވަނީ ތައްޔާރުވެފަ އެވެ. މީގެ އިތުރުން އައު އިންޖީނުގޭގެ މަސައްކަތް ކުރިއަށްދެ އެވެ. ކައުންސިލުން ކުޑަކުދިންގެ ޕާކެއް ތައްޔާރު ކުރަމުން އެބަދެ އެވެ. ބަނދަރު ތަރައްގީކޮށްފައި އޮތުމުން ލަފާ ފުރަން ފަސޭހަ އެވެ.

ރަށުގެ ރީތިކަމާއި ހިތްގައިމުކަން އޮތީ ހަމައެކަނި ހިކިފަސް ބިމުގެ އެތެރެއަކު ނޫނެވެ. ރަށުގައި އޮތް ލޮނު ކުޅީގައި ކުލަކުލައިގެ ކަކުނި އުޅޭއިރު، ރަށުގެ ފަޅުގައި ޑިނގާ ވަނީ އާލާވެފަ އެވެ. ރަށާ ކައިރީގައި އޮތް ޑައިވިން ސްޕޮޓް، "ބިލެއްގާ" އަކީ އަޖައިބެއްހާ ރީތި ސިފަތަކެއް ލިބިފައިވާ ތަނެކެވެ. މިއީ ރަށުއިރިއުޅުމުން ފެށިގެން، ގުދުރަތީ ހުރިހާ ރީތިކަމެއް ފަސޭހައިން ތަޖުރިބާ ކޮށްލެވޭނެ މަންޒިލެކެވެ.

އާންމު މައުލޫމާތު


ރަށުގެ ނަން: ކުނަހަންދޫ އަތޮޅު: ހައްދުއްމަތި (ލ. އަތޮޅު) އިނގިރޭސި އަކުރާއި ނަންބަރު: އޯ-12 އާބާދީ: 919 މީހުން؛ 449 އަންހެނުން، 470 ފިރިހެނުން ފިހާރަ: 11 ކެފޭ، ރެސްޓޯރެންޓް: 1 ގަރާޖު: ނެތް ގެސްޓް ހައުސް: ނެތް ސްކޫލްގައި ކިޔަވައި ދެނީ: ގްރޭޑު 10 އަށް ކުރިއަށްދާ މަޝްރޫއުތައް: 1. ފެނުގެ ނިޒާމު ގާއިމުކުރުން 2. އިންޖީނު އިމާރާތްކުރުން 3. ކުޑަކުދިންގެ ޕާކެއް ހެދުން