ދަނޑުވެރިއަކު އޭނާގެ ދަނޑުގައި ހަރަކާތްތެރިވަނީ: ބޭރުން ގެންނަ ތަރުކާރީ އާއި މޭވާ ވާދަވެރިއަގުތަކެއްގައި ވިއްކޭތީ ބޭންކުތަކުން ދަނޑުވެރިންނަށް ލޯނު ދޫކުރާކަށް ބޭނުމެއް ނުވޭ -- ފޮޓޯ: އަދަދު ފައިލް
ތަފާސްހިސާބުތަކެއް ހިއްސާކޮށްލާނަމެވެ.
އދ. ގެ ފުޑް އެންޑް އެގްރިކަލްޗާ އޯގަނައިޒޭޝަން (އެފްއޭއޯ) އިން އަންދާޒާކުރާ ގޮތުގައި ރާއްޖޭގައި ބޭނުންކުރާ ކާނާ އާއި ކާނާގެ އުފެއްދުންތަކުގެ 95 ޕަސެންޓު ކުރަނީ އިމްޕޯޓެވެ. އެތެރެކުރާ ބާވަތްތަކުގެ ތެރޭގައި ގިނައީ ކާޑާއި ތައްޔާރީ ކާނާ އާއި ބުއިންތަކާއި ކުކުޅާއި ކުކުޅު ބިހުގެ އިތުރުން މޭވާ އާއި ތަރުކާރީގެ ބާވަތްތަކެވެ.
ކަސްޓަމުން އާންމުކޮށްފައިވާ ވޭތުވި ފަސް އަހަރުގެ އިމްޕޯޓު މުދަލުގެ މައުލޫމާތުން ދައްކާ ގޮތުގައި، މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެތެރެކުރަން އަހަރަކު އެވަރެޖުކޮށް 1.59 ބިލިއަން ރުފިޔާ ހަރަދު ކުރެ އެވެ. އޭގެ ތެރެއިން 798 މިލިއަން ރުފިޔާ ހޭދަކުރަނީ މޭވާގެ ބާވަތްތަކަށެވެ. އަނެއް 793 މިލިއަން ރުފިޔާ ހޭދަކުރަނީ ތަރުކާރީގެ ބާވަތްތަކަށެވެ. މިގޮތަށް އެތެރެކުރާ މޭވާ އާއި ތަރުކާރީގެ ތެރެއިން ހަތަރު ބައިކުޅަ އެއް ބަޔަކީ ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ބާވަތްތަކެވެ.
މިސާލަކަށް 2019 ވަނަ އަހަރު ނަގަމާ ހިނގާށެވެ. އެ އަހަރުގެ ތެރޭގައި އެތެރެކުރި 1.9 ބިލިއަން ރުފިޔާގެ އަގުހުރި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ ތެރެއިން 514.9 މިލިއަން ރުފިޔާ (26.4 ޕަސެންޓު) ހަރަދުކުރީ ލެޓިއުސް، މިރުސް، ކަރާ އާއި ދޮންކެޔޮ ފަދަ ރާއްޖޭގައި އާންމުކޮށް ހައްދާ 22 ވައްތަރެއް އެތެރެކުރާށެވެ.
ރާއްޖޭގައި އާންމުކޮށް ހައްދާ ބާވަތްތައް އެތެރެކުރަން ކުރި ހޭދަ 2015-2019 އަށް: މި ޗާޓުން ދައްކާ ގޮތުގައި ކޮންމެ އަހަރަކު ޑިމާންޑު ދަނީ ބޮޑުތަނުން އުފުލެމުން. -- ގްރެފިކްސް: އިސާމް/އަދަދު
މިއީ ހައްތަހާވެސް ދިވެހި އިގުތިސޯދުގެ ތެރެއިން ބޭރުވެގެންދާ ފައިސާ އެވެ. ދިވެހިންނަށް ގެއްލިގެންދާ މާލީ ތަނަވަސްކަމުގެ ފުރުސަތުތަކެވެ. ސުވާލަކީ، ރާއްޖޭގައި ފަސޭހައިން ހެއްދޭ އަދި އާންމުކޮށް ހައްދާ ބާވަތްތައް އެތެރެކުރަން މިވަރުގެ ބޮޑު ހޭދައެއް މިކުރަނީ ކީއްވެގެންތޯ އެވެ؟
ކުރިން ހިއްސާކުރި ތަފާސްހިސާބުތަކުން ޔަގީންވާ ކަމަކީ، މައްސަލައަކީ ޑިމާންޑު ނޫން ކަމެވެ. ޑިމާންޑު އެބައޮތެވެ. އަހަރުންއަހަރަށް އެ ޑިމާންޑު އިތުރުވާ ކަން ވެސް ފެންނަން އެބައޮތެވެ. މައްސަލައަކީ ޑިމާންޑާ އެއްވަރަށް ސަޕްލަޔި ނުލިބުމެވެ.
އެންމެ ފަހުން ލިބެން ހުރި ގައުމީ އުފެއްދުންތެރިކަމުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ދަނޑުވެރިކަމުގެ ސިނާއަތުގެ އުފެއްދުންތެރިކަން ހުރީ 920 މިލިއަން ރުފިޔާގަ އެވެ. މިއީ ދަނޑުވެރިންގެ އުފެއްދުންތަކާއި ފޯރުކޮށްދިން ހިދުމަތްތަކުން އަހަރުގެ ތެރޭގައި ލިބުނު ފައިސާގެ އަންދާޒާ އެވެ.
މި އަދަދާ، ރާއްޖޭގައި ފަސޭހައިން ހެއްދޭ ބާވަތްތައް އިމްޕޯޓު ކުރަން ހޭދަކުރާ އަދަދާ އަޅާކިޔުމުން އިނގެނީ ޑިމާންޑާ އެއްވަރަށް މި ބާވަތްތައް ސަޕްލައި ކުރަން އެކަނި ވެސް ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން 1.4 ބިލިއަން ރުފިޔާއަށް އިތުރުވާން ޖެހެ އެވެ. އެކަމަކު މިވަރަށް އުފެއްދުންތެރިކަން އިތުރުކުރުމަކީ ދުލުން ބުނެލުންހާ ފަސޭހަ ކަމެއް ނޫނެވެ. ސަބަބަކީ، ދަނޑުވެރިކަމުގެ ސިނާއަތުގައި ހުރި ދުވަސްވީ މައްސަލަތަކެވެ.
ރާއްޖޭގައި ހައްދާ ބާވަތްތަކުގެ ތެރެއިން އެންމެ ގިނައިން އިމްޕޯޓުކުރާ ބާވަތްތައް: އެންމެ ގިނައިން ރާއްޖެ އެތެރެކުރަނީ ކަރާ. -- ގްރެފިކްސް: އިސާމް/އަދަދު
މި މައްސަލަތަކުގެ ތެރޭގައި ދަނޑުވެރިކަން ކުރަން އެކަށީގެންވާ ބިން މަދުވުމާއި، ގިނަ ބާވަތްތަކެއްގެ ގަސް ހައްދަން ރަށްރަށުގެ ވެށި އެކަށީގެން ނުވުމާއި، މޫސުމީ ބަދަލުތަކުގެ ސަބަބުން ދަނޑުތައް ހަލާކުވުމުގެ ހާދިސާތައް އިތުރުވުމާއި ފަންނާއި ތަޖުރިބާ ހުރި މީހުންގެ ދަތިކަމާއި ހައްދާ ތަކެތި ވިއްކޭނެ ކަމުގެ ޔަގީންކަން ނެތުމާއި ރަށްރަށް މުދާ ފޮނުވޭނެ ހަރުދަނާ ސަޕްލަޔި ނިޒާމެއް ނެތުން ހިމެނެ އެވެ.
މި ހުރިހާ މައްސަލައަކަށް ވުރެ ވެސް ބޮޑު މައްސަލައެއް އެބައޮތެވެ. އެއީ ދަނޑުވެރިކަން ފުޅާކުރަން ބޭނުންވާ ފައިސާ ލިބޭނެ ގޮތެއް ނެތުމެވެ. މިއީ ދަނޑުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ މީހުންނާއި ވިޔަފާރިތަކާއި ކަމާބެހޭ ވުޒާރާގެ ގިނަ މީހުން އެއްބަސްވާ ކަމެކެވެ. ދަނޑުވެރިކަމާ ބެހޭ ވަޒީރު ވެސް ގަބޫލުކުރައްވަނީ މިގޮތަށެވެ.
އެގޮތުން ސަރުކާރުގެ ދަނޑުވެރިކަމާ ބެހޭ ސިޔާސަތާ ގުޅުވާ "އަދަދު"އަށް ދެއްވި އިންޓަވިއުއެއްގައި އެގްރިކަލްޗާ މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ވިދާޅުވީ ޝައްކެއް ވެސް ނެތް ގޮތުގައި އެންމެ ބޮޑު މައްސަލައަކީ ދަނޑުވެރިންނާއި ދަނޑުވެރި ވިޔަފާރިތައް ފަށާށާއި ކުރިއަރަން ބޭނުންވާ ފައިސާ ނުލިބުމެވެ.
"ބިމެއް ނޫން މައްސަލައަކީ. ޓެކްނޮލޮޖީއެއް ވެސް ނޫން މައްސަލައަކީ. އަސްލު އެކްސެސް ޓު ފައިނޭންސް. މިކަމަށް ބޭނުންވާ އިންވެސްޓުމަންޓު ގާއިމުކުރުމަށް ބޭނުންވާ ފައިސާ ލިބޭނެ ގޮތެއް ނެތުން،" ހުސެއިން ވިދާޅުވި އެވެ.
ޑރ. ހުސެއިންގެ ވާހަކަތަކަށް ތާއީދުކުރައްވަމުން މިފަހުން ސިނާއީ ދަނޑުވެރިކަމަށް ދޫކުރި ރަށެއް ނެގި ވިޔަފާރިވެރިއަކު ނަން ނުޖަހާ ގޮތަށް ވިދާޅުވީ، އެ މީހުންނަށް ވެސް ދިމާވެގެން އުޅޭ އެންމެ ބޮޑު މައްސަލައަކީ އިންވެސްޓުމަންޓު ކުރާނެ ފައިސާ ހޯދުމުގައި ހުރި ދަތިކަން ކަމަށެވެ.
"އެގްރިކަލްޗާއަށް އިންވެސްޓުކުރަން ބޭންކުތަކުގެ އެޕެޓައިޓެއް ނެތް،" އޭނާ ވިދާޅުވި އެވެ.
ގާތްގަނޑަކަށް 16 ހެކްޓަރުގެ ރަށެއްގައި ކުކުޅު ބިސް އުފައްދާ ކާރުހާނާއެއް (ޕޯލްޓްރީ ފާމެއް) ހަދަން އުޅޭ އެ ވިޔަފާރިވެރިޔާ ވިދާޅުވި ގޮތުގައި އެ ޕްރޮޖެކްޓަށް 10 މިލިއަން ޑޮލަރު (150 މިލިއަން ރުފިޔާ) ބޭނުންވެ އެވެ. އެކަމަކު ފީސިބިލިޓީ ތައްޔާރުކޮށްގެން ދިޔަ ނަމަވެސް އިންވެސްޓުމަންޓު ދެކޮޅު ޖެހޭނެ ކަމުގެ ޔަގީންކަމެއް ބޭންކުތަކަށް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
"ވިޔަފާރިއެއް ފަށަން ބުނީމާ ބޭންކުތަކުން ޖަހާނީ ޕްރޮޑަކްޓިވިޓީ ނަމްބަރުތައް، އެ ޕްރޮޑަކްޝަން ބާޒާރުގައި ވިއްކައިގެން ޖެނެރޭޓް ކުރެވޭނެ ލިބޭނެ ލާރި. އެ ނަމްބަރުތައް ޖަހާއިރު، ރާއްޖޭގެ ލޭންޑް ސައިޒްތަކެއް އެލައުއެއް ނުކުރޭ ބޭންކުތަކަށް ލެންޑިން ޖަސްޓިފައި ކުރާކަށް. އެއީ އަސްލު މިދިމާވާ ގޮތަކީ."
ބޭންކުތަކުން މިހެން ގަބޫލުކުރި ނަމަވެސް، އޭނާ ވިދާޅުވީ ބިމުގެ ދަތިކަމަކީ މިހާރު މައްސަލައެއް ގޮތުގައި ދެކުވަޑައިނުގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މާޒީގައި އެއީ މައްސަލައެއް ނަމަވެސް، މިހާރުގެ ޓެކްނޮލޮޖީން އެ މައްސަލައިގެ ހައްލު ލިބޭ ކަމަށެވެ. އެކަމަކު އެއްވެސް ޓެކްނޮލޮޖީއަކީ އަގުހެޔޮ އެއްޗެއް ނޫންކަން ފާހަގަކުރައްވަމުން، ދަނޑުވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ހުރިހާ މައްސަލައެއްގެ މުލަކީ ފައިސާ ކަމަށް އޭނާ ވިދާޅުވި އެވެ.
ވިޔަފާރިވެރިޔާ ވިދާޅުވި ގޮތަށް ބޭންކުތަކުން ދަނޑުވެރިކަމުގެ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ ނުލިބޭތޯ ސުވާލުކުރުމުން ރާއްޖޭގެ ބޮޑު ބޭންކެއްގެ ބޭފުޅަކު ވިދާޅުވީ، ދަނޑުވެރިކަމަށް ލޯން ފެސިލިޓީތައް ދޫކުރަން އުނދަގޫ ކަމަށެވެ. ސަބަބުތަކުގެ ތެރޭގައި އޭނާ ފާހަގަކުރެއްވީ ރަނގަޅަށް ލިޔެކިޔުން ނުބަލަހެއްޓުމާއި ބާޒާރުގައި އަގުގެ ޔަގީންކަން ނެތުމާއި ބޭރުން އެތެރެކުރާ ބާވަތްތަކާ ވާދަވެރި އަގުތަކެއްގައި ދިވެހި އުފެއްދުންތައް ނުވިކުމެވެ.
"ފީސިބިލިޓީ އޮތް ޕްރޮޖެކްޓަކަށް ނަމަ ފައިސާ ލިބޭނެ. އެކަމަކު ބައިވަރު މައްސަލަތައް އެބަހުރި ޕްރޮޖެކްޓުތައް ފީސިބަލް ވާން އެޑްރެސް ކުރަން ޖެހޭ. މާކެޓް ކޮންޑިޝަންސްތައް މިހާރު ހުރީ ދަނޑުވެރިކަމަށް ފޭވަރަބަލް ކޮށެއް ނޫން," އޭނާ ވިދާޅުވި އެވެ.
ބޭންކުތަކުން ލޯނު ދޫކުރަނީ އަނބުރާ ފައިސާ ދެއްކުމުގެ ގާބިލިއްޔަތު ވަޒަންކޮށްފައި ކަމުން، ދެކޮޅު ނުޖެހޭ ވިޔަފާރިއަކަށް ލޯނު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދަނޑުވެރިކަން ކުރިއެރުވުމުގެ ނަމުގައި ބޭންކުތަކަށް ގެއްލުންވާގޮތަށް ލޯނު ދޫކުރުމަކީ ބޭންކުތަކަށް ދެކޮޅު ޖެހޭ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ދަނޑުވެރިކަން ކުރަން ފައިސާ ނުލިބޭ މައްސަލަ ހައްލުކުރުމާ ގުޅޭގޮތުން މި ނޫހާ ވާހަކަދެއްކި އެންމެން ވެސް ބުނީ އެކަން ހައްލުކުރެވޭނީ ސަރުކާރަށް ކަމަށެވެ. އެއީ ސިޔާސަތުތަކާއި ގާނޫނުތަކާއި ގަވާއިދުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން މެނުވީ ފައިސާ ދޫކުރާ ބޭންކުތަކާއި ޕްރައިވެޓް އިންވެސްޓަރުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލެއް ލިބެން ނެތީމަ އެވެ.
ޓޫރިޒަމް ސިނާއަތުގެ މިސާލު ނަންގަވަމުން ކުރިން ވާހަކަދެއްކި ވިޔަފާރިވެރިޔާ ވިދާޅުވީ، ދަނޑުވެރިކަމަށް ބޭނުންވެފައި އޮތީ ސަރުކާރުތަކުން ޓޫރިޒަމަށް ފަހިކޮށްދިން ފަދައިން ފަހިކޮށްދިނުން ކަމަށެވެ. މިގޮތުން ދަނޑުވެރިކަމާ ގުޅޭ ސިޔާސަތުތަކަށް ބަދަލު ގެނައުމާއި ސީދާ އިންވެސްޓުކުރުމާއި ދަނޑުވެރި ވިޔަފާރިތަކަށް ފަހިކޮށްދޭން ވަސީލަތްތައް ގާއިމުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބައްލަވާ ފަތުރުވެރިކަން ކުރިއަރައިގެން އައި ގޮތް. އޭރު އެއްވެސް ބަޔަކު ގަބޫލެއް ނުކުރޭ ދެކޮޅު ޖެހޭނެ ކަމަކަށް. އެކަމަކު ސަރުކާރުތަކުގެ ފޯކަސް އޭރުވެސް މިހާރު ވެސް އޮތީ ޓޫރިޒަމް ކުރިއަރުވަން. އެހެންވެ ކުރިއެރީ. އެ ފޯކަސް ދަނޑުވެރިކަމަށް އަންނަ އެބަ ޖެހޭ،" އޭނާ ވިދާޅުވި އެވެ.
މި މަގަށް ސަރުކާރުތަކުގެ ސިޔާސަތުތައް ބައްޓަން ނުކުރާހާ ހިނދަކު، ދަނޑުވެރިކަމަކީ ދެކޮޅު ނުޖެހޭ ކަމެއްކަމަށް ގަބޫލުކުރާ ކުރުން ފިލައިނުދާނެ އޭނާ ވިދާޅުވި އެވެ.
ބޭންކުން ވާހަކަދެއްކި ބޭފުޅާ ވެސް ވިދާޅުވީ ސަރުކާރަށް ސިޔާސަތުތަކަށް ބަދަލު ގެނެސްގެން "މާކެޓް ކޮންޑިޝަންސް" ބަދަލުކުރެވޭނެ ކަމަށެވެ. އޭރުން ބޭންކުތަކުގެ ހުރި މައިގަނޑު ކަންބޮޑުވުންތަކަށް ހައްލެއް ލިބި، ދަނޑުވެރި ވިޔަފާރިތަކަށް ލޯނުތައް ދޭން ފަސް ނުޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިސާލަކަށް ސަރުކާރުން އެންފޯސް ކުރަންވީ މިވެނި ތާރީހަކުން ފެށިގެން ރާއްޖެއަށް ކަރާ އެތެރެކުރުން މަނަލޭ. ނޫނީ މިނިމަމް ޕްރައިޒެއް ކަނޑައަޅަންވީ."
މިގޮތަށް ސިޔާސަތުތަކަށް ބަދަލުގެނެސް ތަންފީޒުކުރުމަކީ ފަސޭހަ ކަމެއް ނޫން ނަމަވެސް، ވަށާޖެހޭ ދެމެހެއްޓެނިވި ބަދަލުތަކެއް ގެނެސްގެން ނޫނީ ދަނޑުވެރިކަން ކުރަން ފައިސާ ނުލިބޭ މައްސަލަ ހައްލުނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މި ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން ސަރުކާރުން ކުރަމުންދާ މަސައްކަތާ ގުޅިގެން ޑރ. ހުސެއިން ވިދާޅުވީ ފުރަތަމަ ކަމަކަށް ސަރުކާރުގެ ސިޔާސަތު ވަރަށް ސާފު ކަމަށެވެ. އޭނާ ވިދާޅުވި ގޮތުން ނަމަ އެއީ ދަނޑުވެރިކަމަށް ފަހިކޮށްދިނުމުގެ ސިޔާސަތެކެވެ.
މި ސަރުކާރުގެ ދަނޑުވެރިކަމުގެ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް ދީގެން ކުރަމުން އަންނަ އެއް މަސައްކަތަކީ އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓު) އުފެއްދުމެވެ. ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ މި ކުންފުންޏަކީ ދަނޑުވެރިން އުފައްދާ ތަކެތި ކަނޑައެޅިފައިވާ އަގުތަކެއްގައި ގަނެ ވިއްކުމުގެ ވިޔަފާރިކުރާ ކުންފުންޏެކެވެ.
އަނެއް ކަމަކީ ދަނޑުވެރިކަމަށް ހާއްސަކޮށްގެން ލޯނު، "ދަނޑުވެރި ނަފާ" ތައާރަފުކުރުމެވެ. ސަރުކާރުގެ އެސްއެމްއީ ބޭންކު، އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) މެދުވެރިކޮށް ދޫކުރަމުންދާ މި ލޯނަކީ އެއް ލައްކަ ރުފިޔާއިން ފެށިގެން ދެ މިލިއަން ރުފިޔާއާ ހަމައަށް، ކުޑަ އިންޓްރެސްޓެއްގައި ދޫކުރާ ލޯނެކެވެ.
ތިންވަނަ ކަމަކީ ރާއްޖޭގައި ފަސޭހައިން އުފެއްދޭ 17 ބާވަތެއް "އިމްޕޯޓް ސަބްސްޓިޓިއުޓް" ކުރުމެވެ. މި ބާވަތްތަކުގެ ތެރޭގައި ހިމެނެނީ ކަރާ، ލެޓިއުސް، މެލަން، ކެޕްސިކަމް އާއި ޓޮމާޓޯ ފަދަ ބާވަތްތަކެވެ. ސަރުކާރުން ދަނީ މި ބާވަތްތައް އުފައްދަން އެގްރޯނެޓް މެދުވެރިކޮށް "ކޮންޓްރެކްޓް ފާމިން" އަދި ދަނޑުވެރިކަން ކުރަން ދޫކުރާ ރަށްތަކުގެ 30 ޕަސެންޓުގައި މި ބާވަތްތައް އުފައްދަން މަޖުބޫރުކުރަމުންނެވެ.
ހުސެއިން ވިދާޅުވި ގޮތުގައި، މިއީ ހައްތަހާވެސް ދަނޑުވެރިންނަށް ފަހިކޮށްދީގެން ދަނޑުވެރިކަން ކުރިއަރުވަން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކެވެ. މިސާލަކަށް އިމްޕޯޓް ސަބްސްޓިޓިއުޝަން ސިޔާސަތު ނަންގަވަމުން އޭނާ ވިދާޅުވީ އަމާޒަކީ މިކަން ކާމިޔާބުކޮށް މި 17 ބާވަތްތައް ރާއްޖެ ގެނައުން އެއްކޮށް ހުއްޓާލުން ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، "މާކެޓް ކޮންޑިޝަންސް" ބަދަލުކުރަން ވެސް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ސިނާއީ ދަނޑުވެރިކަމަށް ދޫކުރާ ރަށްރަށުގެ ކުއްޔަށް އަކަފޫޓަކަށް 10ލ. ކަނޑައެޅުމާއި، އެގްރޯނެޓުން ގަންނަ ބާވަތްތަކުގެ "ފިކްސްޑް ޕްރައިޒް" ކަނޑައެޅުމަކީ ދަނޑުވެރިކަމުގެ ހާލަތު ބަދަލުކުރަން ކުރަމުންދާ މަސައްކަތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ރަށްރަށުގެ ކުލީގެ ވާދަވެރިކަން ނައްތާލައިފިން. މިހާރު ވާދަކުރާނީ ޕްރޮޖެކްޓުތައް. ރަނގަޅު އަގު ނުލިބޭ މައްސަލަ ހައްލުކުރަން ފިކްސްޑް އަގުތަކެއް ކަނޑައަޅައިފިން."
މި ބަދަލުތަކާ އެކު ވެސް ދަނޑުވެރި ވިޔަފާރިތަކަށް، ހާއްސަކޮށް ސިނާއީ ދަނޑުވެރިކަން ކުރަން ބޭނުންވާ މީހުންނަށާއި ވިޔަފާރިތަކަށް ފައިސާ ލިބުމުގެ ހުރިކަމަށް ހުސެއިން އެއްބަސްވެވަޑައިގެންނެވި އެވެ. އެކަމަކު އަތްއުރާލައިގެން ތިބުމުގެ ބަދަލުގައި ސަރުކާރުން ހައްލު ހޯދައިދޭން މިހާރު ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ހުސެއިން އިތުރަށް ވިދާޅުވީ، އެސްޑީއެފްސީން ދޫކުރާ ލޯނުތަކުގެ ބޭރުން ސިނާއީ ދަނޑުވެރިކަމަށް ލޯނު ދޫކުރެވޭނެ ގޮތްތަކެއް ބަލަމުންދާ ކަމަށެވެ. އެކަމަށްޓަކައި އެގްރިކަލްޗާއަށް އިންވެސްޓުކުރަން ހާއްސަ ބޭންކެއް އުފެއްދުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ތަކެތި އުފައްދާ ރަށަކަށް އެބަ ބޭނުންވާ ތިން މިލިއަން ޑޮލަރާއި ފަސް މިލިއަން ޑޮލަރާ ދޭތެރޭ. އަޅުގަނޑުމެންނަށް އޮތް ޗެލެންޖަކީ އެ މީހުންނަށް އެ ފައިސާ ހޯދައިދޭން ކީއްތޯ ކުރެވޭނީ. އަޅުގަނޑުމެން އެބަ ވާހަކަ ދައްކަން ބޭންކުތަކާ ވާލްޑް ބޭންކާ އެހެން ތަންތަނާ. މިފަދަ ލޯން ސްކީމެއް ގާއިމުކުރަން އެންމެ ބޮޑު ބޭނުމަކީ."
ގޮންޖެހުންތައް ހުރި ނަމަވެސް، ހުސެއިން ދެއްވީ ސަރުކާރުން މިހާރު ކުރާ މަސައްކަތުގެ ހެޔޮ ނަތީޖާ ފެންނާނެ ކަމުގެ ޔަގީންކަމެވެ. އަދި އެއީ ކުއްލިއަކަށް ނުފެނުނަސް ފަހުން ފެންނާނެ ބަދަލުތަކެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ދަނޑުވެރިކަން ނުނެރެވެނީ ފައިސާ ނުލިބިގެން ކަމުގައިވީއިރު، އެ މައްސަލަ ހައްލުނުވެ ދަނޑުވެރިކަމުގައި ހުރި މައްސަލަތައް ހައްލުވާ މަންޒަރެއް ނުފެނެ އެވެ.
ދަނޑުވެރިކަން ކުރާނެ މީހުން އެބަތިއްބެވެ. އެ ދާއިރާއަށް ނުކުންނަން ޝައުގުވެރިކަން ހުރި ޒުވާނުން ވެސް އެބަތިއްބެވެ. ޓެކްނޮލޮޖީގެ ޒަރިއްޔާއިން ދަނޑުވެރިކަން އިންގިލާބުކޮށްލަން ތައްޔާރަށް ތިބި މީހުން ވެސް އެބަތިއްބެވެ. މި ރިޕޯޓުގައި ހިމަނާފައިވާ އެހެން ރިޕޯޓުތަކުން އެކަން ސާފު ވާނެ އެވެ.
ދަނޑުވެރިކަން ކުރިނާރާ އޮތުމަކީ ކާނާގެ ރައްކާތެރިކަމުން ފެށިގެން ޑޮލަރުގެ ތާށިކަމާއި ގައުމުގެ ދެމެހެއްޓެނިވި މުސްތަގުބަލާ އިގުތިސޯދީ ވިލުންވެރިކަމާ ގުޅޭ ކަމަކަށް ވާއިރު، މި ފައިސާ ލިބޭނެ އަވަސް ގޮތެއް ފަހިކޮށްދިނުން ސަރުކާރުގެ ސިޔާސަތުގެ އެންމެ އުހުގައި ހިމަނަން ޖެހެ އެވެ. މިހެން ނުވާނަމަ، ދުރު މުސްތަގުބަލެއްގައި ވެސް އެންމެ އެދެވޭ ނަތީޖާ ނެރެވޭނެ ތަނެއް ސިފަކުރަން ދައްޗެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment