Advertisement

އިބްނި ބަތޫތާ ދެކެލެއްވި ކުޑަ އީދާއި ރަސްމީ އިހުތިފާލު


އިބްނި ބަތޫތާ ދެކެލެއްވި ކުޑަ އީދާއި ރަސްމީ އިހުތިފާލު

ޝައްވާލު މަހުގެ ހަނދު ފެނުމުން އެއް ރަށުން އަނެއް ރަށަށް ހުޅުއަޅަ އެވެ. ބޭނުމަކީ އީދު ވިލޭރޭކަން އެންގުމެވެ. މާލޭގައިނަމަ ހަނދު ފެނުމުން ބަޑި ޖަހަ އެވެ. މި ހިސާބުން އީދު ތަހުނިޔާ ކިޔުމާއެކު ދެން ކުރަން ހުރި ކަމެއްގެ ތައްޔާރީތައް ފެށިގެންދެ އެވެ. ބޮޑު އީދާއި ހިލާފަށް ކުޑަ އީދަކީ ސަގާފީ ގޮތުން މާގިނަ ކުޅިވަރުތަކެއް ކުޅެ އުޅޭ އީދެއް ނޫނެވެ. އީދުގެ އުފާ ފާޅުކުރުންވެސް ވަޅު އީދު ދުވަހަށްވުރެ އިތުރަށް ދެމިގެނެއް ނުދެ އެވެ. ކުޑަ އީދު ފާހަގަކުރުމުގެ ގޮތުން ބައެއް ފަހަރު ދަނޑިޖެހުމާއި ބޮޑުބެރުން ޖެހުން ފަދަ ކަންކަން ކޮށްއުޅުނު ކަމުގައި ވިޔަސް މާލި ނެރުމާއި ކޯޑި ކެނޑުމާއި އަދި ބޮޑުމަސް ނެރުން ފަދަ ކުޅިވަރުތަކެއް ކުޅެއެއް ނޫޅެ އެވެ. އެހެން ނަމަވެސް ރަށުތެރެ އާއި ގޭގެ ޒީނަތްތެރި ކުރުމާއި އައު ފޭރާން ލުމާއި އަދި ހާއްސަ ކެއުންތައް ތައްޔާރު ކުރުމަކީ ކޮންމެ އީދަކަށް ވެސް އާދަވެގެން ހިނގަހިނގާ ހުންނަ ކަންކަމެވެ.

އީދުގެ އެންމެ ހާއްސަ އެއް ވަގުތަކީ އެ ދުވަހުގެ މެންދުރެވެ. ކޮންމެ ގެޔެއްގެ ބަޔަކުވެސް އެބަޔަކަށް ވީވަރަކުން މެންދުރަށް މީރު ކެއުންތައް ތައްޔާރު ކުރެއެވެ. ކޮންމެ ގެޔެއްގެ ސުފުރާމަތީންވެސް ފެންނަ އެންމެ އާއްމު އެއްބާވަތަކީ ކުކުޅެވެ. މިނޫނަސް އެބަޔެއްގެ ތަނަވަސްކަން ހުރި މިންވަރުން އެނޫނަސް ތަފާތު އެހެނިހެން ބާވަތްތަކުގެ ކެއުންތައް ތައްޔާރު ކޮށްފައި ހުރެއެވެ. ގޭގެ އަހުލުވެރީން މެންދުރު ނަމާދުން ފައިބައިގެން ގިނަ ފަހަރު އަންނާނީ މިސްކިތުން މެހެމާނަކު ގޮވައިގެނެވެ. އީދު ކެއުމުގެ ރިޔާސަތު ބަލަހައްޓާނީ ވެސް އެ ބޭކަލެކެވެ. އޭނާގެ ވާޖިބަކީ އެގެޔެއްގައި އީދު ސަލަވާތްފުޅު ކިޔެވުމެވެ. ދުވަހުގެ ހާއްސަ ކެއުން ފެށޭނީ އެއިރަށެވެ.

މެންދުރު ނަމާދުން ފައިބަން ވާއިރަށް ގޭގައި ސަލަވާތްފުޅު ކިޔަވާނޭ ބޭކަލަކު ހޯދަން މިސްކިތް ދޮށަށް ކުދީން ފޮނުވާފައި ތިބޭ މަންޒަރަކީވެސް އީދު ދުވަހު އާއްމުކޮށް ފެންނަ މަންޒަރެކެވެ. މިސްކިތުން ފައިބަމުންދާ ހަރުކުލައިގެ މީހުންނާއި މުސްކުޅީން ކުރެން އެގެޔަށް ދުރުވެވިދާނެތޯ އެ ކުދީން އަހަމުން ގެންދާނެ އެވެ. ތިމަންނާ މިދަނީ އެހެރަ ގެޔަށޭ ބުނާއިރަށް އަވަހަށް ގޮސް އަނެކަކު ކުރެން ހަމަ އެ ސުވާލު ކޮށްއުޅެ އެވެ. މިހެން އުޅޭއިރު ބަޔެއް މީހުންނަށް ދެތިން ހަތަރު ގޭގައި ސަލަވާތްފުޅު ކިޔަވާ ކާންޖެހޭ ފަހަރުވެސް އާދެ އެވެ. އެހެނީ އީދު ދުވަހުގެ ހާއްސަ ކެއުން ފެއްޓުމުގެ ސަގާފަތް ގުޅިފައިވާ ކަމަކީ އީދު ސަލަވާތްފުޅު ކަމަށްވާތީ އެވެ.

ކެއުމުގެ ކަންތައްތަކުން އަވަދިވުމާއެކު ރައްޓެހިންނާއި ތިމާގެ މީހުންނާއި އަދި އެނޫންވެސް މީސްމީހުންގެ ގޭގެޔަށް، ތަށިބަރި ފޮނުވުން އޮވެ އެވެ. އެ ހިފައިގެން ދެކޮޅަށް ހިނގާ މީހުންނާއި ބައިސްކަލު މުއްގަނޑުގައި އަޅުވައިގެން ދުއްވާ މީހުންނަކީ އީދު ދުވަހު މަގުމަތީން އާއްމުކޮށް ފެންނަ އުފާވެރި މަންޒަރެކެވެ. ދެހާހުގެ އަހަރުތަކުގެ މެދެއްހާ ހިސާބާ ހަމަޔަށްވެސް އީދު ސަލަވާތަށް ބަލާ މިސްކިތްދޮށަށް މީހުން ގޮސް ތިބޭ މަންޒަރާއި އަދި ތަށި ބަރި ހިފައިގެން ގޭގެޔަށް ދުއްވާ އުޅޭ މަންޒަރުތައް މާލެއިންވެސް ފެންނަމުން ދިޔަ އެވެ.

އާދެ ދެން މީގެ 650 އަށް ވުރެ ގިނަ އަހަރު ކުރީން ރާއްޖެ ދުރުވެ ހުންނެވި މަޣުރިބުކަރައިގެ ސައްޔާހު އިބްނި ބަތޫތާ މާލެއިން ދެކެލެއްވި ކުޑަ އީދުގެ ވާހަކަ ވިދާޅުވެލައްވާށެވެ.

"ރޯދަމަސް ހުސްވުމުން ވަޒީރު އަހަންނަށް ހެދުމެއް ފޮނުއްވި އެވެ. ދެން އަހަރުމެން އީދު ނަމާދަށް ދާން ނިކުމެއްޖައީމެވެ. ވަޒީރު ވަޑައިގަންނަވާ މަގު އޮތީ ހުދުފޮތި ފަތުރާ މަގުގެ ދެފަރާތުގައި ބޮލި ކޯއްޓޭތައް ޖަހާފައެވެ. އެމަގުގައި އަމީރެއް ވަޒީރެއްގެ ގެޔެއް ހުރިނަމަ އެގެޔެއްގެ ކައިރީގައި ކުދި ދިވެހިރުކާއި ފެންފޯއް ރުކާއި ފަތްކެޔޮ ގަސް އިންދާ އެއްގަހުން އަނެއްގަހަށް ވާދަމައި އޭގައި ކުރުނބާ އިހާތައް އެލުވާ ޒީނަތްކޮށްފަ އެވެ. އެއިން ކޮންމެ ގެޔެއްގެ ވެރިޔަކު އެގެޔެއްގެ ދޮރޯށިދޮށުގައި ހުންނަވައިގެން ވަޒީރު ވަޑައިގެން ދޮރޯއްޓާއި އަރާހަމަވެވަޑައިގަތުމުން އެމަނިކުފާނުގެ ފައިންޕުޅު މައްޗަށް ފަށުއި ނުވަތަ ކަފަ ފޭރާމުގެ ފޭއްޔެއް އެއްލުމުން ވަޒީރުގެ ނޯކަރުން އެ ފޭލިތަކާއި މަގުގެ ދެފަރާތުގައި ހުރި ބޮލިތައް ނަގަ އެވެ. އެ މަނިކުފާނު ހިންގަވާފައި ވަޑައިގަތީ ފައިމަގުގަ އެވެ. ތުރު ކުރައްވައިގެން ހުންނެވީ މިސުރު ކެހެރި އަބާ އެކެވެ. އިސްތަށިފުޅުގައި ބޮޑު ފަގުޑިކޮޅެއް އޮތެވެ. އަދި ބާސްކިހިލީން ފޭރާމެއް ތުރުކުރައްވާފައި ވެއެވެ. އިސްތަށިފުޅު މައްޗަށް ހަތަރު ސަތަރި (ހަތްކޮޅު) ނަގާފައި ހުއްޓެވެ. އެމަނިކުފާނު އަރާވަޑައިގެން ހުންނެވީ ފައިވާން ޖޯޑުކޮޅަކަށެވެ. އެނޫން އެންމެން ތިބީ ފައިވާން ނުލާ ހުސްފަޔާއެވެ. ތާޅަފިއްޔާ ދުންމާރި އާއި ބެރުތައް އެމަނިކުފާނު އަރިހުގައިވެ އެވެ. އެމަނިކުފާނުގެ ކުރީ ގައްޔާއި ފަހަތްޕުޅުގައި އަސްކަރުންގެ މީހުން ތިއްބެވެ.

އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނު 3 ވަނަ ރަސްމީ ޢިއްޒަތުގައި ޢީދަށް ވަޑައިގަންނަވަނީ. --ފޮޓޯ: ޓީ ޑަބްލިޔު ހޮކްލީ


އީދު ކުރާތާގައި އެންމެން ހަރުއަޑުން ތަކުބީރު ކިޔަތެވެ. ވަޒީރު އެތަނަށް ވަޑައިގަތުމުން އީދު ނަމާދުކޮށް އެފަހު އެމަނިކުފާނުގެ ދަރިކަލުން ހުތުބާ ވިދާޅުވި އެވެ. އީދު ނަމާދުކޮށް ނިމުމުން ދޮޅިދާންކޮޅު ގެނައިމާ އެޔަށް ވަޒީރު އަރާވަޑައިގަތުމުން އާދަވެގެން އެމަނިކުފާނުގެ ފައިންޕުޅު ދަށަށް ވަޒީރުންނާއި އަމީރުން އެއްލާ ފޮތި ފޭލިތައް އެއްލައިފޫއެވެ. މި ދުވަހު ނޫނީ އެމަނިކުފާނު ދުވަހަކުވެސް ދޮޅިދާންކޮޅަށް އަރާވަޑައެއް ނުގަންނަވައެވެ. އެގޮތަކީ އެއީ ރަސްރަސްކަލުން ނޫން ބަޔަކު ކުރާކަމަކަށް ނުވާތީ އެވެ. ދޮޅިދާންކޮޅުގައި ވަޒީރު އިށީނދެވަޑައިގަތުމުން މީހުން (ކުދި ބޭކަލުންނާއި އަޅުން) އައިސް ދޮޅިދާންކޮޅު އުފުލައިގެން ގެންދާން ފަށައިފޫ އެވެ. އަހަރެން އަހަށް އަރައިގެން އެންމެން އެކުގައި އައިސް ގަނޑުވަރަށް ވަދެއްޖައީމެވެ.

ގަނޑުވަރަށް ވަޒީރު ވެދެވަޑައިގެން އުސްތަނެއްގައި އިށީނދެވަޑައިގެންނެވުމުން އެމަނިކުފާނުގެ އަޅުން ކަނޑި އައްޑަނަ އާއި އަސާ ހިފައިގެން އައިސް ތިބެއްޖައޫ އެވެ. އެ ފަހު ކާނާ ގެނެވިއްޖެ އެވެ. އަދި އޭގެ ފަހުގައި ބިލަތާއި ފޯއް ގެނެވިއްޖެ އެވެ. އެފަހު ބުލިބުއްޔަކަށް އަޅާފައި ހުރި ގޮނިކެލާ (ހުވަނދު) ގެނެވުނެވެ. ބަޔަކު މީހުން ކައިބޮއެ ހަދައިފިނަމަ ހުވަނދުލުން އޮވެ އެވެ. އެ ދުވަހު އެބައިމީހުންގެ ކޭމެއްގައި ނުކައްކާހުރި ސީރާއެޅި "ސަރުދީން" ހުއްޓާ ދުށީމެވެ. އެއީ މަލާބާރުކަރައިގެ ކޯލަމް އިން އެބައިމީހުންނަށް (ރަދުންނަށް) ގެނައި ވެދުމެކެވެ. އެބާވަތުގެ މަހަކީ މަލާބާރުކަރައިގައި ވަރަށް ގިނަ އެއްޗެކެވެ. އެތަނުން ސަރުދީނެއް ނަންގަވައިގެން މަސް ފަރީއްކުޅުވަމުން އަހަރެން ގާތުގައި ވަޒީރު ވިދާޅުވި އެވެ. "މި މަސް ކައި ބަލާށޭ، މިއީ އަހުރެމެންގެ ރާއްޖޭގައި ހުންނަ އެއްޗެއް ނޫނޭ" އެހިނދު އަހުރެން ދަންނަވައިފީމޭ "އެ މަސް ކާނީ ކިހިނަކުންތޯއޭ، އެއޮތީ ރޯނުފިލުވައޭ" ދެން ވަޒީރު ވިދާޅުވިއޭ "އެއޮތީ ކައްކާ ރޯފިލުވާފައޭ" އެމަނިކުފާނަށް އަހަރެން ދެންނެވީމޭ އެއީ އަހަރެން ދަންނަ އެއްޗެކޭ އެ ވައްތަރުގެ މަހަކީ އަޅުގަނޑުގެ ރަށުގައިވެސް ވަރަށް ގިނަ އެއްޗެކެވެ."

އިބްނި ބަތޫތާ ރާއްޖެ ދުރުވެންނެވީ އިރުގައި ދިވެހި ސިންގާ ތަހުތުގެ މިލްކުވެރި ފަރާތަކީ މަޝްހޫރު ހަދީޖާ ރެހެންދި މަހާރަދުންނެވެ. ރަސްމީ އިއްޒަތުގައި އީދަށް ވަޑައިގެންނެވިކަމަށް ބުނުއްވާފައިވާ ވަޒީރަކީ ރެހެންދި މަހާރަދުންގެ ފިރިކަލުންނެވެ.

މާލޭ އީދު މިސްކިތްދޮށާ ދިމާއަށް ދެވެން އޮންނަ މަގެއް. -- ފޮޓޯ ވޮނަދޮނަރާއްޖެ ފޭސްބުކު ގްރޫޕު


މާލޭގައި ނަމަ އީދު ދުވަހު އެންމެ ގިނަ ބަޔަކު ބަލަން އެއްވެފައި އޮންނަ އެއް މަންޒަރަކީ އެއިރެއްގައި ހުންނަވާ ރަސްކަލަކު ރަސްމީ އިއްޒަތުގައި އީދަށް ވަޑައިގަންނަވާ މަންޒަރު ބަލާށެވެ. އީދު ކުރުން އޮންނަނީ މާފަންނު އީދު މިސްކިތްދޮށުގަ އެވެ. މިހާރު ފެންނާން ހުރި އީދު މިސްކިތް ބެހެއްޓުމުގެ ކުރީންވެސް އެތަނަކީ އީދު ކުރާ މައިދާނެވެ. ބެރު ދުންމާރި ތާޅަފިލީގައި ރަސްގެފާނުން އީދު މިސްކިތްދޮށަށް ވަޑައިގަންނަވާނީ "އީދަށް ވަޑައިގަންނަވާ" މަގުންނެވެ.

އާދެ! އީދެއްގެ ރަސްމީ އިހުތިފާލު މީގެ 650 އަހަރަށްވުރެ ކުރީން އޮތް ގޮތުގެ ސޫރައެއް ބަތޫތާގެ ބަޔާނުން ލިބިގެންދެ އެވެ. އަދި އޭނާ ސިފަކުރައްވާފައި ބަޔެއްކަންކަން ރަސްކަމުގެ ޒަމާން ނިމުމާއި ހަމަޔަށްވެސް ދެމިގެން އައިސްފައިވާކަމުގައިވެސް ފެނެއެވެ. ކޮންމެއަކަސް ބަޠޫޠާ މާލެއިން ދެކެލެއްވި ކުޑަ އީދަކީ އެއީ އެވެ.

އެޑިޓަރުގެ ނޯޓު


އިބްނި ބަތޫތާ މާލެއިން ދެކެލެއްވި ކުޑަ އީދާ ގުޅޭ ލިޔުންކޮޅު ނަގާފައި ވަނީ، އިބްނި ބަތޫތާ ދިވެހިރާއްޖޭގައި/ ތަރުޖަމާ: މުޙައްމަދު އިބްރާހިމް ލުތުފީ/ ސ 81 އިން 85 އަށް)