Advertisement

އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް އަދަދެއްގެ ފައިދާ

29 އޭޕްރީލް 2022 - 09:14 0


އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް އަދަދެއްގެ ފައިދާ

29 އޭޕްރީލް 2022 - 09:14 0

އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އަޔާދީ ތަކާފުލްގެ ކަސްޓަމަރުންނަށް ރެކޯޑް އަދަދެއްގެ ފައިދާ ލިބިއްޖެ އެވެ.

އަޔާދީ ތަކާފުލް އިން ބުނީ އަޔާދީ ތަކާފުލްއިން 2019 ވަނަ އަހަރުގެ ފައިދާގެ ގޮތުގައި1,520,537 ރުފިޔާ ބެހުމަށް ކަނޑައަޅާފައިވާ ކަމަށެވެ. ފައިދާ ލިބުމަށް ޝަރުތު ހަމަވާ ކަސްޓަމަރުން އެކަމަށް އެދި ހުޅައެޅުމަށް އިއްޔެ ވަނީ ހުޅުވާލައިފަ އެވެ.

ފައިދާ ލިބުމަށް ޝަރުތު ހަމަވާ 2,389 ފަރާތަކީ 2019 ގައި ހޯމް، ކޮންޓްރެކްޓާސް އޯލް ރިސްކު، ފަޔަރ، މޮޓޯ، ހަލް، ޓްރެވަލް، ހައްޖާއި އުމްރާ ތަކާފުލް އަދި ކާގޯ ތަކާފުލް ނަގާފައިވާ ފަރާތްތަކެވެ.

އެލައިޑް އިންޝުއަރެންސްގެ ބައެއް އިސްވެރިން ޕްރެސް ކޮންފަރެންސެއްގައި. -- ފޮޓޯ: އެލައިޑް


ފައިދާ ނުވަތަ ސާޕްލަސް ބެހުމަކީ ކޮބާ؟

ސާޕްލަސްއަކީ ތަކާފުލްގައި ބައިވެރިވުމަށް ކަސްޓަމަރުން ކޮންޓްރިބިއުޝަން ފައިސާ ޖަމާކޮށް، ގާއިމްކުރާ "ބައިވެރިންގެ ފަންޑު"ން ސީދާ ތަކާފުލްއާ ގުޅޭ ހަރަދުތަކުގެ ގޮތުގައި ބެލެވޭ (ގެއްލުމުގެ ބަދަލު ދިނުމާއި ރީ-ތަކާފުލް ކުރުން ފަދަ ހަރަދުތައް) އުނިކުރުމަށް ފަހު، ބާކީ ފައިސާ، ބައިވެރިންގެ ރިސްކް ފަންޑްގެ ގޮތުގައި އިންވެސްޓްކޮށްގެން އަހަރު ނިމޭއިރު ފަންޑުގައި އިތުރަށް ހުންނަ ފައިސާ އަށް ކިޔާ ނަމެވެ. މިފައިސާ އަށް "ބައިވެރިންގެ ފަންޑުގެ ފައިދާ" އޭ ވެސް ކިޔައެވެ.

އަޔާދީ ތަކާފުލްއިން ފޯރުކޮށްދޭ ޖެނެރަލް ތަކާފުލްގެ މޮޑެލް ބިނާވެގެންވަނީ ޝަރީޢާ ހުއްދަކުރާ މުއާމަލާތެއްކަމުގައިވާ "ވަކާލާ" ގެ މައްޗަށް ބިނާކޮށެވެ. މި މޮޑެލްގައި، ކޮންޓްރިބިއުޓަރުން ތަކާފުލް ޕްލޭންގައި ބައިވެރިވުމަށްޓަކައި ދައްކާ ކޮންޓްރިބިއުޝަން އަޔާދީ ތަކާފުލް އަށް ދައްކަނީ، ވަކީލެއްގެ ހައިސިއްޔަތުން އެ ފައިސާގެ ތެރެއިން ވަކީލުގެ ފީގެ ގޮތުގައި ނަގާ މިންވަރު އުނިކުރުމަށްފަހު، ބާކީ އޮންނަ އަދަދު ކޮންޓްރިބިއުޓަރުންނަށް ހާއްސަ "ބައިވެރިންގެ ފަންޑު" ގައި ބަލަހައްޓައިދިނުމަށް އެއްބަސްވެގެންނެވެ. މިގޮތުން، ވަކީލެއްގެ ހައިސިއްޔަތުން އަޔާދީ ތަކާފުލް އަށް ދައްކާ ފީ ބަލަހައްޓާނީ އަޔާދީ ތަކާފުލްގެ "ތަކާފުލް އޮޕަރޭޓަ" ފަންޑުގައެވެ. މި "ތަކާފުލް އޮޕަރޭޓަ" ގެ ފަންޑުން ހޭދަކުރާނީ ތަކާފުލް ހިދުމަތްދިނުމަށްޓަކައި އަޔާދީ ތަކާފުލް ހިންގުމުގެ ގޮތުން ކުރަންޖެހޭ ހަރަދުތައް ކުރުމަށެވެ.

އަޔާދީ ތަކާފުލްއިން ބުނި ގޮތުގައި ގޮތުގައި ސާޕްލަސްގެ ގޮތުގައި ކަނޑައެޅޭ ފައިސާއަށް އެދި އެކަމަށް ޝަރުތުހަމަވާ ފަރާތްތަކުން ހުށައެޅުމުން އެ ފައިސާ ޖަމާކުރެވޭނީ ބޭންކު އެކައުންޓަށެވެ. މިގޮތުން، އަމިއްލަ ފަރާތްތަކުގެ ބޭންކު އެކައުންޓް ވެރިފައިކުރުން އެލައިޑް މޮބައިލް އެޕްލިކޭޝަނާއި ވެބް ޕޯޓަލް؛ މައިއެލައިޑްގެ އަޔާދީއަށް ހާއްސަ ކުރެވިފައިވާ ބައިން ކުރިޔަށް ގެންދެވޭނެ އެވެ.

ފައިދާ ލިބޭކަން ޔަގީންކުރާނީ ކިހިނެއް؟

ފައިދާ ނުވަތަ ސާޕްލަސް ލިބޭ ކަސްޓަމަރެއްކަން މި ގޮތްތަކުން ޔަގީން ކުރެވޭނެ އެވެ.

  • ކަސްޓަމާ ފްރަންޓު އޮފީސް؛ ހ.އޯކިޑް (އަމީރު އަހުމަދު މަގު) އަށް ވަޑައިގެން މައުލޫމާތު ސާފުކުރުން
  • ކަސްޓަމަ ކެއާ ނަންބަރު 1600 އަށް ގުޅުއްވުން
  • އޮންލައިންކޮން "އޭޖެންޓް 1600" މެދުވެރިކޮށް ވައިބަ އަދި މެސެންޖަރއިން އައިޑީ ކާޑު ނަންބަރާއި އުފަން ތާރީހު ޖައްސަވައިގެން ތަފުސީލު ހޯދުން

ސާޕްލަސްއަށް އެދި ހުށަހެޅުމަށް ފޯމް ހުށައަޅަންޖެހޭ ސުންގަޑިއަކީ ޖޫން 26 ، 2022ގެ، 16:00 އެވެ. ފޯމު ލިބިވަޑައިގަންނަވާނީ އޮންލައިން ޒަރިއްޔާއިންނާއި އަޔާދީ ކަސްޓަމަ ފްރަންޓު އޮފީހުންނެވެ.

އަޔާދީ ތަކާފުލްގެ 2019 ވަނަ އަހަރުގެ ސާޕްލަސްއަށް ޝަރުތު ހަމަވާ ކަސްޓަމަރުންގެ ތެރެއިން އެކަމަށް އެދި ފޯމްހުށަނާޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުތަކުގެ ތެރެއިން ބައިވެރިންގެ ފަންޑަށް އަނބުރާ ރައްދުކުރާނެ އެވެ.